މުސްތަގުބަލުގައި އަންނަ ސަރުކާރުތަކުން ސްޓޫޑެންޓް ލޯނު ދެމުން ގެންދިޔުމަށްޓަކައި ޓްރަސްޓް ފަންޑެއް އެކުލަވާލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނުތަކަށް ދަރިވަރުން އަނބުރާ ފައިސާ ދެއްކުމުން އެ ފައިސާ ޖަމާވާނީ އެ ޓްރަސްޓް ފަންޑަށް ކަމަަށެވެ. އަދި އެ ފަންޑަކީ ރޮޓޭޓިން ފަންޑެއްގެ ގޮތުގައި ގެންގުޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެން މުސްތަގުބަލުގައި ސަރުކާރުތަކުން ސްޓޫޑެންޓް ލޯނު ދެމުން ގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި ދެން އަންނަ ސަރުކާރުތަކުން ދަރިވަރުންނަށް ލޯނު ދޭނީ އެ ފަންޑު މެދުވެރިކޮށްގެން ކަމަށެވެ. ވުމާއެކު ލޯނު ނަގާ ދަރިވަރުން އެ ލޯނު އަނބުރާ ދެއްކުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ކުރިއަށް އޮތްތަނުގައި އެހެން ދަރިވަރުންނަށް ލޯނު ދިނުމުގައި ދަތިތަކާ ކުރިމަތި ވާނެ ކަމަށެވެ.
ދާދި ފަހުން އޮޑިޓާ ޖެނެރަލް ނެރެފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ، ލޯނުތަކަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތް އެ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ބުނެފައެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނު ނަގާފައިވާ ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 2.5 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ. އަދި މީގެ ތެރެއިން ނުދައްކާ (އޯވަޑިއު)ގެ ގޮތުގައި ލިބެންޖެހޭ އަދަދު އުޅެނީ 186.4 މިލިއަން ރުފިޔާގައެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒަބީހު ވިދާޅުވީ ތައުލީމީ ލޯނު ސްކީމުތަކަށް ދަރިވަރުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން އެ މިނިސްޓްރީން މަސައްކަތް ކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި އޮތް އޮތުން މިނިސްޓްރީން ބަލައިނުގަންނަ ކަމަށެވެ.
އެގޮތުން އެކި ދަރިވަރުން ލޯނު ދައްކަން ފަށާނީ ވެސް ވަކި ތާރީޚެއްގެ ފަހުން ކަމަށާއި އެ ލޯނު ދައްކާ ނިންމުމަށް އެ ދަރިވަރުންނަށް ދީފައިވާ މުއްދަތުވެސް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުގެ މަތިން އެ މިނިސްޓްރީން ފައިސާ ހޯދަން ޖެހި ނަމަވެސް ފައިސާ ނުހޯދި ހުރި ވަރަކީ 1.9 ބިލިއަން ރުފިޔާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަބީހު ވިދާޅުވިގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ތައުލީމީ އެ ސްކީމްތަކުގެ ދަށުން ލޯނު ނުދައްކާ ހުރި އެތައް ކުދިންނެއް ވަނީ މި ސަރުކާރު އައުމަށް ފަހު ވަކި އުސޫލެއްގެ މަތިން ލޯނު ދައްކަން ފަށާފައެވެ.
އެގޮތުން އެފަދަ ކިތަންމެ ކަމަށް މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެ ދަރިވަރުންނަށް ގުޅައި އަދި ސިޓީ ފޮނުވާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދަރިވަރުންނާ ވާހަކަދައްކައިގެން ފައިސާ ދެއްކުމުގެ ވަކި އުސޫލެއްގެ ދަށުން އެ ދަރިވަރުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަކަށް ފައިސާ ދެއްކުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.
އެހެންކަމުން މިނިސްޓްރީގެ މަސައްކަތްތަކަށް ބަލާއިރު ތައުލީމީ ސްކީމްތަކުގެ ދަށުން ދޫކުރާ ލޯނުތަކަށް މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާ ހޯދައި އެކަންކަން އެންމެ ރަނގަޅަށް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.