މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި މއ. އާހިޔާ ގުލްޝަން -- ސަން ފޮޓޯ

ޗާންދަނީ މަގުގައި ހުންނަ ރެޑްބީ ފިހާރަ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގީ މއ. އާހިޔާ ގުލްޝަންގެ ގްރައުންޑް ފްލޯގައެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:30 ހާއިރެވެ. ރޯވީ އެ ފްލޯގެ ޑީބޯޑްގައެވެ. އެ ބޯޑް ވަނީ ބޭނުން ނުކުރޭ ވަރަށް އަނދައިފައެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާ ރެސްކިއު ސާވިސަސްއިން އެ ތަނުގައި ހަރަކާތްތެރިވުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފް ފަޔަމަނުންނަށް އެ ގެއަށް ދެވުމުގެ ކުރިން އަލިފާން ވަނީ ނިއްވައިލައިފައެވެ.

ދުމުގެ އަސަރު ހުރުމުން އެ އިމާރާތުގައި އުޅޭ އެންމެން އިވެކުއޭޓްކުރިކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސިފައިން ވެސް ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

އެ ގެ ހުންނަ ސަރަހައްދަކީ ގިނަ ގެތަކެއް ޖެހިޖެހިގެން ހުންނަ ސަރަހައްދެކެވެ. އެހެންކަމުން އަލިފާންގަނޑު ބޮޑުކޮށް ރޯވިނަމަ ފެތުރުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ނަމަވެސް އެހެން ވުމުގެ ކުރިން އެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ނިކުމެ ވަނީ އަލިފާންގަނޑު ނިއްވައިލައިފައެވެ.

comment ކޮމެންޓް