އިންސްޓަގްރާމްގެ ލައިވް ޝޮޕިން ފީޗާ އުވާލަން ނިންމައިފި

އިންސްޓަގްރާމްގައި ތަކެތި އިޝްތިހާރުކޮށް، ގަނެ ވިއްކުމަށް ފުރުސަތުދޭ ފީޗާއެއް ކަމަށްވާ "ލައިވް ޝޮޕިން" ފީޗާ ހުއްޓާލަން، އެ އެޕް ހިންގާ ކުންފުނި މެޓާއިން ނިންމައިފިއެވެ.

ލައިވް ޝޮޕިންއަކީ ލައިވް ބްރޯޑްކާސްޓް މެދުވެރިކޮށް ތަކެތި އިޝްތިހާރުކޮށް، އެ ވަގުތަކު ބްރޯޑްކާސްޓް ބަލާ މީހުންނާ ވާހަކަދައްކައި، ކަސްޓަމަރުން ހޯދުމަށް ފަސޭހަކޮށްދޭ ފީޗާއެކެވެ.

މެޓާއިން ބުނީ، އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ލައިވް ޝޮޕިން ފީޗާ އެ ޕްލެޓްފޯމުން ނުލިބޭނެ ކަމަށް މެޓާއިން ވަނީ ބުނެފައެވެ. އެހެންކަމުން ދެން ލައިވް ބްރޯޑްކާސްޓުތަކުގައި ތަކެތި ވިއްކަން، އެ ތަކެތީގެ ލިންކްތައް ޓެގް ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ ބަދަލުގައި ކަސްޓަމަރުން ޖެހޭނީ އެ އެއްޗެއް ވިއްކާ ބައެއްގެ ޕޭޖުގައި ފެންނަން ހުންނަ ލިންކުތަކަށް ވަދެގެން އޯޑަރު ދޭށެވެ.

އެ ފީޗާ ހުއްޓާލާ ވަކި ސަބަބެއް ހާމަނުކުރި ނަމަވެސް އެ ކުންފުނިން ވަނީ އޭގެ މަގުސަދަކީ އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް އެންމެ ބޭނުންތެރި ފީޗާތަކަށް އިސްކަން ދިނުން ކަމަށް ބުނެފައެވެ. އެހެންކަމުން އެއީ ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ނަމަވެސް މިއީ މިފަހަކަށް އައިސް އިންސްޓަގްރާމްގެ ޝޮޕިން އެކްސްޕީރިއަންސަށް މެޓާ އިން ގެނައި ހަމައެކަނި ބަދަލެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. މި އަހަރުގެ ކުރީކޮޅު އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސެރީ ބުނީ އިންސްޓަގްރާމުން ހޯމް ސްކްރީނުން ހާއްސަ ޝޮޕިން ޓެބް ނައްތާލަން ވިސްނަމުން އަންނަ ކަމަށެވެ.

އެ ފިޔަވަޅުގެ ސަބަބުން، ލައިވް ބްރޯޑްކާސްޓް ކުރުމުގެ އެހެން ފީޗާތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން މެޓާ އިން ވަނީ ދީފައެވެ. އެގޮތުން ލައިވް ބްރޯޑްކާސްޓެއް ޝެޑިއުލް ކުރުމާއި، ލައިވް ބްރޯޑްކާސްޓެއްގައި ބައިވެރިވުމަށް ގެސްޓުންނަށް ދައުވަތު ދިނުމާއި ލައިވް ކިއު އެންޑް އޭ ބޭއްވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން "ޝޮޕަބަލް ލިންކް" ހިއްސާކުރާ ވިޔަފާރިތައް ހިމެނޭ ގޮތަށް ޕްލެޓްފޯމްގެ އެހެނިހެން ޝޮޕިން އެކްސްޕީރިއަންސްތައް ވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް މެޓާއިން ބުންޏެވެ.

އިންސްޓަގްރާމްގައި ލައިވް ޝޮޕިން ފީޗާ ހުއްޓާލުމުން ބައެއް މީހުންނާއި ވިޔަފާރިތައް މާޔޫސްވި ނަމަވެސް، އެހެން ޝޮޕިން ތަޖުރިބާތަކަށް އިސްކަންދޭން މެޓާއިން ނިންމުމުން އެ ފަރާތްތަކަށް ފައިދާވާނެ ކަމަށް މެޓާއިން ބުނެއެވެ. އެގޮތުން މި ފިޔަވަޅަކީ ދުރު މުސްތަގުބަލެއްގައި އޭގެ ފައިދާ ކުރާނެ ފިޔަވަޅެއް ކަމަށް މެޓާއިން ބުނެއެވެ.

comment ކޮމެންޓް