އެސްއެސް ޓީވީގެ ނަމުގައި ދިވެހި އާ ޓީވީ ޗެނަލެއްގެ ޚިދުމަތް، ސަން ސިޔާމް މީޑިއާއިން މިއަދު ފަށައިފިއެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ، ސަން ސިޔާމް މީޑިއާ ގުރޫޕްގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދެވެ.
އެސްއެސް ނެޓްގެ ފުރަތަމަ ޗެނަލްއިން މި ޓީވީ ފެންނާނެއެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މި ޓީވީ ބަލައިލެވޭނެއެވެ.
މި މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީން ވިދާޅުވިގޮތުގައި އެސްއެސް ޓީވީއިން ޚަބަރާއި މައުލޫމާތު ހުރިހާ އުމުރަކަށް ޚާއްޞަކޮށްގެން ގެނެސް ދޭނެއެވެ. އަދި މި ޓީވީގެ ދެބައިކުޅަ އެއްބައި ކޮންޓެންޓް އުފައްދާނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށް ޒަހީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އެހެން ކޮންޓެންޓް ކްރިއޭޓަރުންނަށް ފުރުސަތު ދިނުން. ޓީވީ ޕްރޮޑަކްޝަން ހަދާ މީހުންނަށް ފުރުސަތު ދިނުން. އެގޮތުން ބޮޑަށް އިސްކަން ދޭނީ ރަށްރަށުގައި އުޅޭ ކްރިއޭޓަރުންނަށް،" ޒަހީން ވިދާޅުވިއެވެ.
މި ޓީވީ ބްރޯޑްކާސްޓް ކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 12:30 އަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި 2:00 ގައި ދިވެހި ޚަބަރު ގެނެސްދޭނެއެވެ. އަދި ހަވީރު 4:00 ގައި އިނގިރޭސި ބަހުން ޚަބަރު ގެނެސްދޭއިރު ރޭގަނޑު 8:00 އާއި 12:00 ގައި ދިވެހި ޚަބަރު ގެނެސްދޭނެއެވެ. ޚަބަރުގެ އިތުރުން ޝައުގުވެރި އެތައް ޕްރޮގްރާމްތަކެއް ވެސް މި ޓީވީއިން ގެނެސްދޭނެއެވެ.
އެސްއެސް މީޑިއާއިން މިހާރު ވެސް އަންނަނީ ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް، ސަން އޮންލައިނާއި ސަފުހާގެ އިތުރުން މޯލްޑިވް އައިލެންޑްސް ވެސް ހިންގަމުންނެވެ. އެ ކުޑައިގެ ދަށަށް މިއަދު އިތުރުވީ އެސްއެސް ޓީވީއެވެ. ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ އެސްއެސް ނެޓް ވެސް ހިންގަނީ އެސްއެސް މީޑިއާއިންނެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް އައި ޓެކްނޮލޮޖީގެ އިންގިލާބުގެ ތެރޭ އުފަންވި މި މީޑިއާ އަކީ، އޮންލައިން ނޫސްވެރިކަމުގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ދޮށީ އެއް ނޫހެވެ. އަޙްމަދު ސިޔާމް މުޙައްމަދުގެ މަސްއޫލުވެރިކަމުގެ ދަށުން، އިރު އޮބްޒާވާގެ ނަމުގައި 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އޮންލައިން ނޫހުން ފެށި މިދަތުރަށް މިއަހަރު 16 އަހަރު ފުރޭނެއެވެ. މި ދިގު މާޒީގައި ސަންއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައި ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ނަން ހިނގާ މީޑިއާތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ.
އޮންލައިން ނޫހާއި ރޭޑިއޯގެ އިތުރުން ޓީވީއާއެކު މި މީޑިއާއިން ވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި ވާނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޚަބަރުތައް އެންމެ ތާޒާކަން މަތީ ގެނެސްދީފައެވެ. ބޮޑެތި ކަވަރޭޖްތަކުގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ. މި މީޑިއާ ސާބިތުވެ އޮތީ ވަކި އަތަކަށް ނުޖެހި ތެދު މައުލޫމާތު ގެނެސްދިނުމުގައެވެ.
ދިވެހި ރާއްޖޭގެ މީޑިއާ ދާއިރާއަށް ތަފާތު އާ ޕްރޮޑަކްޓްތައް ގެނައުމަކީ މި މީޑިއާއިން އަބަދު ވެސް ކުރަމުން އައި ކަމެކެވެ.
މިއަދު ރާއްޖޭގެ ނޫސްވެރިކަމަށް ބަލާއިރު ސަންއިން އުފެދުނު ނޫސްވެރިން ތިބީ ވަރަށް އިސްސަފުގައެވެ. ގައުމީ ފެންވަރުގެ އެވޯޑްތައް ހޯދައި ދާއިރާގެ އެންމެ އުހުގައެވެ. ހަމައެއާއެކު މިވަގުތު ވެސް ސަން ގައި އޮތީ ތަޖުރިބާއާއި ހުނަރުގެ ގޮތުން ބެލިނަމަވެސް ވަރަށް ވަރުގަދަ ޓީމެކެވެ.
މިއަދު ސަން ސިޔާމް މީޑިއާއިން މި ފަށަނީ އާދަތުރެކެވެ. އެސްއެސްޓީވީއާއެކު އަނެއްކާ ވެސް އާ ހަރުފަތަކަށް ދިއުމަށް ފަށާ ދަތުރެކެވެ. މި ޓީމުން ދޭނެ ޔަގީންކަމަކީ ތެދު މައުލޫމާތު ފެތުރުމަށާއި ރައްޔިތުން މުނިފޫހި ފިލުވައި ދިނުމުގައި ސާބިތުވެ ތިބޭނެ ކަމެވެ.
ވޭތުވެދިޔަ މާޒީގަޔާއި މިހާރު ވެސް ސަންގައި މަސައްކަތް ކޮށްފައިވަނީ ވަރަށް ހުނަރުވެރި ޓީމެކެވެ. މި މީޑިއާގެ ކާމިޔާބީގެ ސިއްރަކީއެއީއެވެ. އެބޭފުޅުންގެ އިހުލާސްތެރި، ބުރަ މަސައްކަތެވެ. މި މީޑިއާއިން އެކަން އަގުވަޒަން ކުރަނީ ޝުކުރުވެރި ހިތަކައިގެންނެވެ.