ޗެމްޕިއަންސް ލީގްގައި މިރޭ ބަޔާން އާ ދެކޮޅަށް ޕީއެސްޖީ ނިކުންނަމެޗު ފަސޭހައެއް ނުވާނެ

ޕީއެސްޖީގެ ފަރިތަކުރުންތައް-- ފޮޓޯ/ޕީއެސްޖީ

ޔުއެފާ ޗެމްޕިއަންސްލީގްގައި މިރޭ ޖަރުމަނުވިލާތުގެ ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނަ މެޗު ފަސޭހަ ނުވާނޭކަމަށް ޕީއެސްޖީގެ ފޯވަޑް ނޭމާ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ކޯޗު ކްރިސްޓޮފާ ގަލްޓިއޭ މިފަހަރު ދީފައިވަނީ ބްރެޒިލްގެ ތަރި ނޭމާއަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ނޭމާ ބުނީ، ޗެމްޕިއަންސްލީގް ގަދަ 16 ގެ ފުރަތަމަ ލެގްގައި ބަޔާނާ ދެކޮޅަށް މިރޭ ޕީއެސްޖީ ނިކުންނަ މެޗަކީ ވަރަށް ވާދަވެރި މެޗަކަށް ވާނެކަމަށެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކުގައި މެސީ،ނޭމާ އަދި އެމްބަޕޭ--- ފޮޓޯ/ޕީއެސްޖީ

ނޭމާ ބުނީ، މިދިޔަ ދުވަސްތަކުގައި އޭނާގެ ޓީމް އުނދަގޫ ހާލަތެއްގައި އޮތްނަމަވެސް، މިހާރު ޓީމުގެ ހާލަތު މުޅިން ބަދަލުވެފައިވާކަމަށެވެ. މިގޮތުން ބަޔާން އާ ދެކޮޅަށް މިރޭ ނިކުންނައިރު، މުހިއްމު ބައެއް ކުޅުންތެރިން އަނިޔާއިން ސަލާމަތްވެ މެޗަށް ފިޓްވުމަކީ ޕީއެސްޖީއަށް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.

"ކޮންމެ ޓީމަކަށްވެސް އަންނާނެ އުނދަގޫ ދުވަސްތައް. އެކަމަކު އޭގެ މާނައަކީ ތާ އަބަދު އެކަމުގައި ދެމިހުންނަންވީއެއް ނޫނޭ. މިހާރު މިއޮތީ ހާލަތު ބަދަލުވެފައި. އަހަރުމެން މިތިބީ އެއް ރޫހެއްގައި،" ނޭމާ ބުންޏެވެ.

ޗެމްޕިއަންސްލީގްގައި މިރޭ ބަޔާނާ ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު، އެންމެފަހުން ފްރެންޗް ލީގްގައި ކުޅުނު މެޗުތަކުން ޕީއެސްޖީގެ ނަތީޖާތައް ވަރަށް ދަށެވެ. ލީގްގައި އެންމެ ފަހުން މާސޭ އަދި މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗްތަކުން ޕީއެސްޖީ ވަނީ ބަލިވެފައެވެ. އެހެންކަމުން މިރޭ ޗެމްޕިއަންސްލީގްގައި ބަޔާން ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު ޕީއެސްޖީއަށް އޮތް ޕްރެޝަރު ވަރަށް ބޮޑެވެ.

މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި--- ފޮޓޯ/ޕީއެސްޖީ

މިރޭ ބަޔާނާ ދެކޮޅަށް ނިކުންނައިރު ޕީއެސްޖީއަށް ލިބިފައިވާ އެންމެބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ހުރި އެމްބަޕޭ، އާއި ލިއޮނެލް މެސީ އާއި ވެރާޓީ ސްކޮޑުގައި ހިމެނުމެވެ. އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި މި ތިން ކުޅުންތެރިން ބައިވެރިވެފައިވާއިރު، މިރޭ މި ތިން ކުޅުންތެރިންގެ ބޭނުން ކޯޗް ކްރިސްޓޮފާ ގަލްޓިއޭ ހިފާނޭކަމަނޭކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ

ޗެމްޕިއަންސްލީގްގައި މިރޭ ޖަރުމަނުވިލާތުގެ ބަޔާން މިއުނިކާއި، ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރުއެވެ. މިމެޗު ކުޅޭނީ ޕީއެސްޖީގެ ދަނޑުގައެވެ.

comment ކޮމެންޓް