އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އެވަޓަން ބަލިކޮށް ލީގްގައި މިއަހަރު ފުރަތަމަ ފަހަރަށް ލިވަޕޫލް މެޗަކުން މޮޅުވެއްޖެއެވެ.
ޕްރިމިއާ ލީގްގައި އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރިމެޗު ލިވަޕޫލް ކާމިޔާބުކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ. އެވަޓަންއާ ދެކޮޅަށް ނިކުތްއިރު، ޕްރިމިއާ ލީގްގައި މި ފަހަކަށް އައިސް ލިވަޕޫލް ދައްކަމުން އަންނަ ނަތީޖާތަކާ ގުޅިގެން އެޓީމް އޮތީ ވަރަށްބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ލީގްގައި އެންމެފަހުން ލިވަޕޫލް މެޗަކުން މޮޅުވެފައިވަނީ، މިދިޔަ އަހަރެވެ. ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު އެ މެޗުން ދޭއް އެކެއްގެ ނަތީޖާއަކުން މޮޅުވިފަހުން ލީގްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް މޮޅުވެފައެއް ނެތެވެ. ލެސްޓާސިޓީ މެޗަށްފަހު ލިވަޕޫލް މިހާތަނަށް ލީގްގައި ހަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން ބަލިވެ، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެވަޓަންއާ ދެކޮޅަށް ލިވަޕޫލްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި އެޓީމަށް ލީޑް ނަގައިދިނީ 36ވަނަ މިނެޓް ތެރޭގައި ނުނެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިތުބާރު ފޯވާޑް މުހައްމަދު ސަލާހްއެވެ. މިއީ އެންފީލްޑްގައި ސަލާހް ޖެހި 100 ވަނަ ލަނޑެވެ.
މެޗުގައި ފެނުނު ދެވަނަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ޓީމުން ވިދާލުމަށްފަހު މި ސީޒަނުގައި ލިވަޕޫލާ ގުޅުނު ކޯޑީ ގަޕްކޯއެވެ. މިއީ ލިވަޕޫލަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގައި ކައުންޓާ އެޓޭކްގައި އަސްލު ލިވަޕޫލް ފެނިގެންގޮސްފައިވާއިރު، މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް ލިވަޕޫލެވެ.
މެޗަށްފަހު ސްކައި ސްޕޯޓްސް އާ ވާހަކަދައްކަމުން ލިވަޕޫލްގެ ފޯވަޑް ސަލާހް ބުނީ، ރޭގެ މެޗަކީ އޭނާގެ ޓީމަށް ލިބުނު ވަރަށް މުހިއްމު މޮޅެއްކަމަށާއި، މިއީ ލީގްގައި ކުރިއަށްދިއުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއްކަމަށެވެ.
"މިއީ ފަރިތަކުރުންތަކުގައި މުޅި ޓީމް ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާ. ނަތީޖާ ފޮނިވާނީ ކުރާ މަސައްކަތަކުން. މިއީ ރަނގަޅު ފެށުމަކަށް ވާނެ،" ސަލާހް ބުންޏެވެ.
މެޗަށްފަހު ޕްރިމިއާ ލީގްގައި ޕޮއިންޓް ތާވަލްގައި މި ދެޓީމް މިހާރު އޮތްގޮތަށް ބަލާއިރު، 28 ޕޮއިންޓާއެކު ލިވަޕޫލް އުޅެނީ ތާވަލުގެ ނުވަ ވަނައިގައެވެ. މެޗުން ބަލިވި އެވަޓަން އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެވެސް 18 ވަނައިގައެވެ. ޕްރިމިއާ ލީގްގައި ލިވަޕޫލް ދެން އެންމެ އަވަހަށް މެޗަކަށް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.