އަންހެން ސެކިއުރިޓީންނަށް ފިރިހެން މެމްބަރުން މަޖިލީހުގެ މާލަމުން ނުނެރެވޭ ގޮތް ހަދަނީ

މަޖިލިސް ސެކިއުރިޓީން އިދިކޮޅު މެމްބަރުން ނެރެން މަސައްކަތްކުރަނީ---

ރައްޔިތުންގެ މަޖިލީސް ކުރާ މާލަމުން ފިރިހެނަކު ނެރެން ޖެހިއްޖެ ނަމަ، އެމީހަކު ނެރުމުގައި ހަރަކާތްތެރިވާން ޖެހޭނީ ފިރިހެން އޮފިސަރެއް ކަމަށާއި، އަންހެނަކު ނެރެން ޖެހިއްޖެ ނަމަ ހަރަކާތްތެރިވާން ޖެހޭނީ އަންހެން އޮފިސަރެއް ކަމަށް ބުނެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ގަރާރެއް ހުށަހަޅަފައިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. އެ ގަރާރަކީ މަޖިލީހުގެ 23 ވަނަ މާއްދާގެ (ބ)އަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ. އެ ގަރާރުގައި ބުނީ މި މަހުގެ ހަވަަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ނިޒާމު ގެއްލި، މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން އިއްވުމާ ގުޅިގެން، އެ މެމްބަރުން މަޖިލީހުގެ މާލަން ދޫކޮށް ވަޑައިގަތުމަށް ދެކޮޅުހެއްދެވި ކަމަށެވެ.

އެ ބޭފުޅުން މަޖިލީހުގެ މާލަމުން ނެރުމަށް އަމަލީ ގޮތުން ކުރި މަސައްކަތުގައި މަޖިލީހުގެ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން މެދުވެރިކޮށް، މަޖިލީހުގެ ފިރިހެން މެމްބަރުން ނެރުމަށް މަސައްކަތް ކުރުވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ބުނީ އެ ޖަލްސާގައި ފިރިހެން މެމްބަރުންގެ ގައިކޮޅުގައި އަންހެން ސެކިއުރިޓީ އޮފިސަރުން އަތްލާ، ދަމާކޫއްތާ ހަދަމުން ދިޔަ މަންޒަރުތައް އާންމުވެގެން ދިޔަ ކަމަށެވެ. އަދި އެ މަންޒަރުތައް އާންމު ވުމާއެކު އެ މަންޒަރުތަކަކީ މުޖުތަމައުއިން ބަލައިގަންނަ އާންމު މިންގަނޑުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކުރެވިގެން ގޮސްފައިވާ ކަމަށް ގަރާރުގައިވެއެވެ.

އެކަމުގެ ސަބަބުން އެ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުންނަށް މީސްމީޑިއާގައި އެކި ފަރާތްތަކުން ފުރައްސާރަ ކޮށްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އޭގެ އިތުރުން މަޖިލީހުގެ އެ އޮފިސަރުންގެ އިއްޒަތާ ކަރާމާތަށް ގެއްލުންވާ ގޮތަށް އާންމު ރައްޔިތުން ތަފާތު ކޮމެންޓުތައް މީިސްމީޑިއާގައި ވެސް ކޮށްފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ވުމާއެކު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތައް އެހެން މުއައްސަސާތަކުގައި ވެސް މިފަދަ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތްކޮށް، ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އިސްލާހުކުރަން ހުށަހަޅުއްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވާ އެހެން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުމަށް މެމްބަރު ހުށަހަޅުއްވާފައިވެއެވެ.

މާލަމުން މީހަކު ނެރެން ޖެހިއްޖެ ހިނދެއްގައި ނެރެން ޖެހުނު މީހާއަކީ ފިރިހެނެއް ނަމަ، އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ވާނީ ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް މެމްބަރު ހުށަހެޅުއްވިއެވެ. ނެރެން ޖެހުނު މީހާއަކީ އަންހެނެއް ނަމަ، އެ މީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ވާނީ އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވެއެވެ.

ގަރާރުގައި ބުނީ ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަނުގައި ހިނގާ ގާނޫނާއި އުސޫލުތަކަށް ބަލާއިރުވެސް، އަންހެނުން ބަލައި ފާސްކޮށް، ހައްޔަރު ކުރުމުގައި ހަރަކާތްތެރި ވަނީ އަންހެން އޮފިސަރުން ކަމަށެވެ. އަދި ފިރިހެނުން ބަލައި ފާސްކޮށް ހައްޔަރު ކުރުމުގައި ހަރަކާތްތެރި ވަނީ ފިރިހެން އޮފިސަރުން ކަމަށެވެ. މި އުސޫލުތަކާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވެސް މީގެ ކުރިން އަމަލުކޮށްފައި ނުވާ ކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

ވުމާއެކު މުސްތަގުބަލުގައި މިފަދަ ކަންކަން ހިނގާދިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހެޅުއްވީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

comment ކޮމެންޓް