ޕީޕީއެމުން ވެސް އުމަރަށް ދިނީ ދައުވަތު، ފަހަތަކަށް ނާރާނެ

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

އެ ޕާޓީއާ އެކު މަސައްކަތް ކުރެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ބޭފުޅުންނަށް ދައުވަތު އަރުވާފައިވާނެ ކަމަށާއި އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އުމަރު ނަސީރަށް ވެސް އެބައޮތް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

އެ ޕާޓީން އެފަދައިން ބުނެފައިވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދު ލިބޭނެ ކަމަށާއި ޕީޕީއެމުން އޭނާގެ ފަހަތަށް އަރައި ސިޔާސީ މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.

އުމަރު ވަނީ އޭނާއަށް ތާއީދުކޮށް، މި ފަހަރުގެ އިންތިހާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ދައުވަތު އަރުވައިފައެވެ.

ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވުމާއެކު އެ ޕާޓީގެ ބައެއް މެންބަރުން އޭނާއަށް ތާއީދުކުރާނެ ކަމަށެވެ.

އެކަމަކު، އެޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެކަން ދޮގުކުރައްވައިފައެވެ. "ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ވަކިން ވާދަކުރައްވާ ބޭފުޅަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

"އުމަރަކީ ވަކިން ހުންނެވި ބޭފުޅެއް. ޕީޕީއެމަކީ މުއައްސަސާއެއް. މި ޕާޓީގައި ހުރޭ ގަބޫލުކުރަންތަކެއް. އެ ގަބޫލުކުރުންތަކުގެ މަތިން ގައުމަށްޓަކައި މަސައްކަތް ކުރައްވާނެ ބޭފުޅުން އަޅުގަނޑުމެން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މެންބަރަކު އުމަރާއެކު ނުހުންނާނެ ކަމަށާއި އޮތް ގޮތަކީ އުމަރު، ޕީޕީއެމާ އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

https://sun.mv/173974

"އަދި، ރައީސް ނަޝީދު އެއީ މާ ޕޮޕިއުލާ ޕޮލިޓިޝަން އެއް ދެއްތޯ. ރައީސް ނަޝީދު ފަހަތްޕުޅަށް ވެސް ޕީޕީއެމް މެންބަރުން ނުދާނެ، އެއީ ސިޔާސަތު ތަފާތު ވީމާ." އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއް ސިޔާސަތެއް ގަބޫލުކުރެއްވޭ ބޭފުޅުންނާއެކު އެ ޕާޓީން ސިޔާސީ މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު އުމަރަށް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ކުރިން ވަނީ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. އެކަމަކު، އެ ސަރުކާރުގައި ޖެހުނު މައްސަލަތަކަށް ފަހުގައި އުމަރު ހުންނެވީ ޕީޕީއެމާ ފެޔަށް ޖެހިވަޑައިގެންނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އޭނާ ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް