އުމަރުގެ ދައުވަތެއް ޕީޕީއެމަށް: ތާއީދާއެކު، ޔާމީން މިނިވަން ކުރާނަން

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ބައެއް މީހުންގެ ތާއީދު ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެ ޕާޓީ އުފެއްދުމުގައި ވެސް, އިސް ދައުރެއް އަދާކުރެއްވި، ޕީޕީއެމް ސަރުކާރުގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންދާ އުމަރު "ސަން"އަށް ވިދާޅުވީ މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް އޭނާ ނާރާނެ ކަމަށެވެ. އެކަމަކު، ހުރިހާ ޕާޓީތަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާ އެކުގައި ކޮންމެ ބަޔަކަށް ވެސް މަސައްކަތް ކުރެވޭނެ އިނގޭތޯ. އަޅުގަނޑު އެއްވެސް ބައެއްގެ ފަހަތުގައި މަސައްކަތް ނުކުރާނެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ." އޭނާ ވިދާޅުވިއެވެ.

ސިޔާސީ ހަޔާތުގައި ބާކީ އޮތް ދުވަސްތަކުގައި ދެވަނަ މީހެއްގެ ގޮތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތުގައި ނުހުންނާނެކަން ތަކުރާރުކުރައްވަމުން އޭނާ ވިދާޅުވީ އޭނާގެ ފަހަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އުންމީދު ކުރަނީ ޕީޕީއެމް ވެސް ކޮންމެ ވެސް ދުވަހަކުން އޭނާއާ އެކު ސިޔާސީ މަސައްކަތް ކުރާނެ ކަމަށް، ކަަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް އަކީ ހަގީގަތުގައި އަޅުގަނޑު އުފެއްދި ޕާޓީއެއް. އަޅުގަނޑާއި ރައީސް މައުމޫނާއި ޔާމީނާ އުފެއްދި ޕާޓީއެއް އެ ޕާޓީއަކީ." އުމަރު ވިދާޅުވިއެވެ.

ޕާޓީގެ އެއްވެސް ފައުންޑަރެއް މިހާރު ޕާޓީގެ ލީޑާޝިޕްގައި ނެތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ޖަލުގައި ހުންނެވުމާއެކު އެ ޕާޓީގެ ބަޔަކު އޭނާއާ އެކުގައި މަސައްކަތް ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެކަމަކު، އެކުގައި މަސައްކަތް ކުރުމަށް އެ ޕާޓީއާ އެކު މަޝްވަރާ ކުރައްވަންތޯ ކުރި ސުވާލަށް އުމަރު ސީދާ ޖަވާބެއް ނުދެއްވައެވެ.

އޭނާ ވިދާޅުވީ މަޝްވަރާތައް އަބަދު ވެސް ހިނގާނެ ކަމަށާއި އެއީ ސިއްރުން ކުރާ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ މަޝްވަރާއެއް ކުރި ކަމެއް ވެސް ނުވަތަ ނުކުރާ ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

"ހިނގައެކޭ ވެސް ނުހިނގައެކޭ ވެސް އަޅުގަނޑު ނުދަންނަވާނަން. އެކަމަކު، އަޅުގަނޑާ އެކުގައި ކޮންމެ ބަޔަކަށް ވެސް މަސައްކަތް ކުރެވޭނެ ވާހަކަ އަޅުގަނޑު ދަންނަވާނަން." އޭނާ ވިދާޅުވިއެވެ.

ޔާމީން، މިނިވަން ކުރާނަން

އުމަރު ގަބޫލުކުރައްވާ ގޮތުގައި ވެރިކަން ކުރައްވާފައި ތިއްބަވާ ރައީސުން ޖަލަށްލުމަކީ ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އެކަމަކު، ކުށެއް ކޮށްފައިވާނަމަ އެކަމުގެ އަދަބު ލިބެން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު ހުއްދަ ކުރާ ގޮތަށް ރައީސް ޔާމީން މިނިވަންވާނެ. އަޅުގަނޑު ބޭނުމެއް ނޫނޭ ރާއްޖޭގެ ވެރިކަން ކޮށްފައި ތިބޭ ބޭފުޅުން ޖަލަށް ލައިގެން ވެރިކަން ކުރާކަށެއް އިނގޭތޯ." އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު: -- ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ ކުށެއް ކޮށްފައިވާނަމަ އެ ކަމަކަށް އަދަބު ލިބެންވާނެ ކަމަށާއި އެކަމަކު، ރައީސްކަން ކޮށްފައި ތިބޭ ބޭބޭފުޅުން ޖަލަށް ލުމަކީ އޭނާ ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި ގާނޫނީ އިމުގެ ތެރެއިން ޔާމީނަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި ވަރަށް ސްޓްރޯންގް ލީޑަރެއް އިނގޭތޯ. އުނި ސިފަތަކެއް އެބަހުރި ބައިވަރު އިނގޭތޯ، އަދި ކުށެއް ކޮށްފައިވާނަމަ އެކަމުގެ އަދަބު ވެސް ލިބޭނެ. އެކަމަކު އެއަށް ލުއި ދެވޭ ހަމަ ވަގުތު އަންނަ އިރަށް އަޅުގަނޑު ލުއި ދޭނަން." އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ކުރިން ވަނީ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. އެކަމަކު، އެ ސަރުކާރުގައި ޖެހުނު މައްސަލަތަކަށް ފަހުގައި އުމަރު ހުންނެވީ ޕީޕީއެމާ ފެޔަށް ޖެހިވަޑައިގެންނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އޭނާ ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް