ކޮވިޑަށްފަހު ޗައިނާގެ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމުގެ ދަރުމަވެރިން އެންމެ ފުރަތަމަ އައީ ރާއްޖެ: ސަފީރު

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން---

ކޮވިޑް ބަލިމަޑުކަމަށް ފަހު ޖެނުއަރީ މަހު ޗައިނާގެ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމުގެ އެހީގެ ޓީމުތައް އެންމެ ފުރަތަމަ ޒިޔާރަތްކުރި ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، މިކަމުންވެސް ޗައިނާއިން ރާއްޖެއާމެދު ދެކޭ ގާތްކަން އެނގޭ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލިޝިން ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ ގުޅުމުގެ ތެރެއިން، އެ ގައުމުގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ފަރުވާ ދޭ ކުލިނިކުގެ ޚިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމް އިފުތިތާހް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވޭންގް ލިޝިން ވިދާޅުވީ، ރާއްޖެއަކީ ޗައިނާއަށް ޚާއްސަ ގައުމެއް ކަމަށެވެ. މިކަން ބައިނަލްއަގުވާމީ ގައުމުތަކާ ދެމެދު ގެންގުޅެމުން އަންނަ ސިޔާސަތުތަކުން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ކޮވިޑަށްފަހު ޗައިނާގެ އެހީގެ ޓީމުތައް އެންމެ ފުރަތަމަ ޒިޔާރަތްކުރި ގައުމަކީ ރާއްޖެ ކަމަށާއި، މިކަމުން އެނގެނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޚާރިޖީ ސިޔާސަތުގައި ރާއްޖެއަށް ދީފައިވާ ޚާއްސަ އަހަމިއްޔަތުކަން ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ކުލިނިކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން---

ސަފީރު ވިދާޅުވީ، ޗައިނާގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން ލޮލުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރުން މިފަހަރު މި ކުރި ޒިޔާރަތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކާ ބެހޭ މެޑިކަލް އޮފިސަރުންނާއި ނަރުހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޗައިނާގެ ޑޮކްޓަރުންގެ ޓީމް ހަ މަސް ދުވަހުގެ މުއްދަތަކަށް ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުންނާއި ނަރުހުން ތަމްރީނުކުރުމަށް ރާއްޖޭގައި މަޑުކުރާނޭކަމަށް ސަފީރު ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ތެރެއިން ޗައިނާގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ބައެއް އޮފިސަރުން މިކޮޅުގައި މަޑުކުރާނެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނަށް ޗައިނާގައި ތަމުރީނުތައް ދެވިގެންދާނެ. ހަމައެކަނި ތަމްރީނުތައް އެކަންޏެއްނޫން. ހުޅުމާލޭ ހޮސްޕިޓަލަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ ބައެއް އާލާތްތައްވެސް ޗައިނާގެ ޓީމުން ވަނީ ހަދިޔާކޮށްފައި،" ޗައިނާ ސަފީރު ވޭން ލިޝިންގް ވިދާޅުވިއެވެ.

ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށްގެންދާ އައި ކޭމްޕްގެ ޗައިނާ ސަފީރު ވޭން ލިޝިންގް ބައްލަވައި ލައްވަނީ --

ސަފީރު ވިދާޅުވީ މިއީ ޗައިނާ ސަރުކާރުން އެ ގައުމުގެ ސިއްހީ ދަރުމަވެރިން ގައުމުތަކަށް ފޮނުވާ ހަ ވަނަ އަހަރުކަމަށެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ ސިއްހީ ދަރުމަވެރިން ގައުމުތަކަށް ފޮނުވުމުގެ ޕްރޮގްރާމް ޗައިނާ ސަރުކާރުން މެދުކަނޑާލުމާ ގުޅިގެން މި ޕްރޮގްރާމް މިފަހަރު މި ފެށީ ތިން އަހަރުދުވަހުގެ މެދުކަނޑުމަކަށް ފަހުގައެވެ.

ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށްގެންދާ އައި ކޭމްޕްގެ ބައިވެރިންނާއިއެކު ޗައިނާ ސަފީރު ވޭން ލިޝިންގް --

ސަފީރު ވިދާޅުވީ، ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ޚިދުމަތްތައް ދިނުން އެކަނި ނޫންކަމަށާއި، އެމީހުން މެދުވެރިކޮށް ޗައިނާއިން ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުން ބަދަހިކުރުމަކީވެސް މި ޕްރޮގްރާމުގެ އެއް މަގުސަދުކަމަށެވެ.

ސަފީރު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ދާއިރާއިން ރާއްޖެއާއެކު ވަރަށް ގާތުން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ކުރެވުނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއްކަމަށެވެ.

ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފައެވެ. ކޮވިޑުން ސަލާމަތް ވުމަށް ޗައިނާއިން އުފެއްދި ސައިނޯފާމް ދެ ލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، އެ ގައުމުން ވަނީ ވެކްސިނުގެ އިތުރުން ސިރިންޖާއި ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންކުރާ ކިޓާއި މާސްކާއި ޕީޕީއީ ސޫޓް ފަދަ ތަކެތި ހަދިޔާކޮށްފައެވެ.

ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނާއި ބައެއް އާލާތްތައް ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއާ ރާއްޖެ ސިޔާސީ ގުޅުމަށް ބައި ގަރުނުވެފައިވާއިރު، ދެ ގައުމުގެ ގުޅުމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަން ހުރިކަމަށް ޗައިނާ ސަފީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާއި، ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޗައިނާގެ ކުންފުނިތަކުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ އިތުރުން ހައްދުންމަތީ ލިންކް ރޯޑުގެ މަސައްކަތަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ހިންގުނު މަޝްރޫއުތައްކަމަށް ޗައިނާއިން ފާހަގަކުރެއެވެ.

comment ކޮމެންޓް