ޤައުމިއްޔަތު ދިރުވޭނީ ދިވެހިބަހާ ގުޅުންހުރި މުބާރާތްތައް ބޭއްވިގެން: ޑރ. އަޝްރަފް

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވާހަކަދައްކަވަނީ --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ދިވެހި ގައުމިއްޔަތު ދިރުވުމަށް ޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދިވެހި ބަހާ ގުޅުންހުރި އަދަބީ މުބާރާތްތައް ބާއްވައި ދަރިވަރުންގެ ހިތްތަކުގައި އެ ކަން ކުރުމަށް ޓަކައި ލޯބި ޖެއްސުންކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް ފެށުމަށް ޓަކައި ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ މިހާރުގެ މި ޖީލުގެ ޒިންމާއަކީ މާޒީވެ ގޮސްފައިވާ ދިވެހީންގެ ރަނގަޅު އާދަތައް އަލުން އިއާދަކޮށްދިނުން ކަމަށެވެ.

އެ ކަން ކުރަން ޖެހެނީ ޤައުމިއްޔަތު ދެމެހެއްޓުމަށް ޓަކައި ކަމަށާއި ޤައުމިއްޔަތު ދިރުވޭނީ އެކިއެކި އަދަބީ މުބާރާތްތަކުގެ ތެރެއިން ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ. ވާހަކަދެއްކުމުގެ މުބާރާތެއްގެ އެންމެ މުހިންމު އެއް އަސާސަކީ އެއީ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ވަރަށް ކުރު ޖަވާބެއް. އެއީ ޤައުމިއްޔަތު ދިރުވުމަށް. ދިވެހި ގައުމުގެ ޤައުމިއްޔަތު ނެގެހެއްޓުމަށް ޓަކައޭ. ދިވެހި މި ކިޔާ އޭގެ ފަހަތަށް އަންނަ ކޮންމެ އެއްޗެއް ރައްކާތެރިކުރުމުގެ ނިޔަތުގައޭ. އެ މަސްއޫލިއްޔަތު އެޅިފައިވަނީ އަޅުގަނޑުމެންގެ ބޮލުގައި މިއަދު. އެހެންނަމަވެސް މާދަމާ އަޅުގަނޑުމެން މި ތިބި މަގާމުތަކަށް ތިޔައިގެ ތެރެއިން ކޮންމެެ ވެސް ބަޔަކު ހަވާލުވާނެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، މިނިވަންކަމުގެ މަތީ މި ގައުމު ކުރިއަށް ދާން އެދޭނަމަ ވެސް ދިވެހި ބަސް ކުރިއަރުވައި ޤައުމިއްޔަތު ދިރުވުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މުބާރާތުގެ ތެެރެއިން އެކި ދާއިރާތަކުން ވަކި މައުޟޫތަކެއް ނަގައި އެއަށް ތައްޔާރުވަނީ ވެސް ދަރިވަރުންގެ ވިސްނުން އެކި ދާއިރާތަަކުގެ ތެރެއަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

"މި ގައުމު އެއް ގައުމެއްގެ ގޮތުގައި، އެއް ވިސްނުމެއްގެ ގޮތުގައި، އެއް ފިކުރެއްގެ ގޮތުގައި، އަޅުގަނޑުމެން ދިރިތިބުމުގެ އެންމެ ބޮޑު އެއް އަސްލަކީ އަޅުގަނޑު މި ދަންނަވާ ދިވެހިބަސް. އެހެންވީމާ މި ބަހާ ދޭތެރޭގައި އަޅުގަނޑުމެންނަށް ރައްކާތެރި ވެވެން އޮތީ، މި ފަދަ މުބާރާތްތައް އަޅުގަނޑުމެން ހިންގައި، މި މުބާރާތްތަކުގެ އަލީގައި އެ ކުދިންނަށް އެ މައުލޫމާތުތައް ފޯރުކޮށްދީ އެއަށް އަހުލުވެރިކުރުވައި، އެއީ ކިހިނެއް ކޮން ގޮތަކަށް ހިނގައިފައި ހުރި ކަންތައްތަކެއްތޯ ތިޔަ ކުދިންނަށް ވިސްނައިދީ އޮޅުން ފިލުވައިދީ އަދި އަމިއްލަ ދުލުން އެ ކަންކަން ބަޔާންކުރުވައިގެން،" ޑރ. އަޝްރަފް ފާހާގަކުރެއްވިއެވެ.

ވާހަކަދެއްކުމުގެ ހުނަރަކީ މުހިންމު ހުނަރެއްކަން ފާހަގަކުރައްވަމުން ޑރ. އަޝްރަފް ވިދާޅުވީ މި ހުނަރަކީ ދިރިއުޅުމުގެ ގިނަ ކަންކަމުގައި ކާމިޔާބީ ހާސިލްކުރުމަށް މުހިންމު ހުނަރެއްކަމަށެވެ. އެއީ ވަޒީފާގެ މައިދާނުގައި ނުވަތަ އަމިއްލަ ދިރިއުޅުމިގައި ވެސް ބޭނުންތެރި ކަމަކަށް ވާނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ މި މުބާރާތަށް އަތޮޅު ތެރޭގެ ސްކޫލްތަކުން ލިބުނު ތަރުހީބު ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން މުބާރާތަށް ޓަކައި ދަރިވަރުން މާލެ އައިސް ވަމުން އަންނަ ތައްޔަރީތައް ފަހަގަކުރެއްވިއެވެ.

އަދި އެ ކަމުން ވެސް، މިފަދަ މުބާރާތެއްގައި ވާދަކުރުމަށް ދަރިވަރުންގެ ހިތުގައި އޮތް ޝައުގުވެރިކަން ހާމަވާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންގެ ހިތްވަރު ފާހަގަކުރައްވައި ދަރިވަރުންނަށް ޑރ. އަޝްރަފް ވަނީ ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް