ޕާކިސްތާނުގައި ބޭރު ފައިސާގެ ރިޒާވް ދަށްވެ، މުދާ އެތެރެކުރަން ބޭނުންވާ ވަރަށް ޑޮލަރު ނެތިފައި

ޕާކިސްތާނުގައި މަހެއްގެ މައްޗަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ ވަރަށް ޑޮލަރު ނެތި އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށަށް -- ފޮޓޯ/ ބީބީސީ

ޕާކިސްތާނުގައި ބޭރު ފައިސާގެ ރިޒާވް ދަށްވެ، އެއް މަހަށް ބޭނުންވާ ވަރަށް ވެސް އަސާސީ މުދާ އެތެރެކުރެވޭނެ ޑޮލަރު ނެތް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ޕާކިސްތާނުގައި އިގުތިސާދު ހީނަރުވެ، ބޭރުގެ ދަރަނިތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ފައިސާގެ އެހީ ހޯދުމަށް ޓަކައި އެގައުމުން ދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މަޝްވަރާތައް ބާއްވަމުންނެވެ.

ޕާކިސްތާނުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގެ މަރުކަޒީ ބޭންކް އެސްބީޕީގެ ފޮރިން ރިޒާވްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 16.6 ބިލިއަން ޑޮލަރު ހުރި ނަމަވެސް މިދިޔަ މަހުގެ 27ގައި ފޮރިން ރިޒާވްގައި ހުރީ 3.1 ބިލިއަން ޑޮލަރެވެ.

ޕާކިސްތާނުގައި މިދިޔަ މަހު އިންފްލޭޝަން 27 ޕަސެންޓަށްވުރެ މައްޗަށް ގޮސްފައިވާއިރު މިއީ އެ ގައުމުގައި 1975 ވަނަ އަހަރަށް ފަހު އެންމެ ބޮޑަށް އިންފްލޭޝަން މައްޗަށް ދިޔަ އަހަރެވެ.

އެގައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރު ނެތުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ އަގު 175 ރުޕީސްގައި ހުރި އިރު މި ހަފުގައިތާ ޑޮލަރެއްގެ އަގު ވަނީ 275އަށް އުފުލިފައެވެ. މީގެ ސަބަބުން ޕާކިސްތާނުގައި ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ.

ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ގައުމުގައި ޑޮލަރު މަދުވުމަށް މަގުފަހިވި އެއް ސަބަބަކީ ޑޮލަރުގެ އަގު ދަށްކުރެވެން އޮތް ނަމަވެސް ޕާކިސްތާން ސަރުކާރުން އެކަން ނުކޮށް، ދިގު މުއްދަތަކަށް އަގު މަތިކޮށްފައި އޮތުމުންނެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި ޕާކިސްތާނުގެ ފެކްޓަރީއެއް ބަންދުކޮށްފައި -- ފޮޓޯ/ ބީބީސީ

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑޮލަރު ނުލިބި، މުދާ އެތެރެނުކުރެވުމުގެ ސަބަބުން ޕާކިސްތާނުގެ ބައެއް ވިޔަފާރިވެރިންނާއި ސިނާއަތްތަކަށް ވަނީ އެމީހުންގެ ވިޔަފާރި މެދުކަނޑާލަން ނުވަތަ ހުއްޓާލަން ޖެހިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ޕާކިސްތާނުގެ އިގުތިސާދަށް ވެސް ލޮޅުން އަރާފައިވާ ސަބަބުތަކުގެ ތެރޭގައި ކޮވިޑް ބަލިމަޑުކަމާއި ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ ހިމެނެއެވެ. ހަމައެއާއެކު، މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، 16 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އެ ވިއްސާރައިގައި ދަނޑުތައް ހަލާކުވެ، ކާނާ އުފެއްދުމަށް ވެސް ވަނީ ހުރަސްއެޅިފައެވެ. އެހެންކަމުން ކާބޯތަކެތީގެ އަގު އުފުލި، ކާނާ އެތެރެކުރަން ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ޑޮލަރު ނެތުމުން އެކަމަށް ދަނީ ހުރަސްއެޅެމުންނެވެ.

ޕާކިސްތާނަކީ ފޮސިލް ފިއުލްއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމުން ތެޔޮ އެތެރެކުރަން ވެސް އެގައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މިދިޔަ މަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން ވަނީ އެގައުމު މިހާރު އޮތް ގޮތަށް ކުރިއަށްދާ ނަމަ ސްރީލަންކާއަށް ދިމާވި ފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ވިދާޅުވެފައެވެ.

ޚާން އިޝާރާތް ކުރެއްވީ، މިދިޔަ އަހަރު ލަންކާ ކާބޯތަކެއްޗާއި ތެލާއި އެހެނިހެންވެސް އަސާސީ ތަކެއްޗަށް ޖެހި، ރައްޔިތުން އުތުރިއަރައިގަތުމާއެކު ސަރުކާރުން އިސްތިއުފާ ދޭން މަޖުބޫރުވި މައްސަލައަށެވެ.

ޚާންގެ ވެރިކަމުގައި ޕާކިސްތާނުން ވަނީ އައިއެމްއެފްއިން ހަ ބިލިއަން ޑޮލަރުގެ ފަންޑް ފެސިލިޓީއެއް ހޯދުމަށް އެއްބަސްވުމެއް ހަދާފައެވެ. އެ ފައިސާ ދޭން ހަމަޖެހިފައި އޮތީ ތިން އަހަރު ތެރޭގައެވެ. ނަމަވެސް ޚާންގެ ސަރުކާރުން އައިއެމްއެފްގެ ޝަރުތުތަކަށް އަމަލު ނުކުރާތީ އެ ފައިސާ ދިނުން ހުއްޓުނީއެވެ.

ޕާކިސްތާނުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފެސިލިޓީގެ ދަށުން 1.1 ބިލިއަން ޑޮލަރު ހޯދުމަށެވެ.

comment ކޮމެންޓް