ރައީސް ޞާލިޙްގެ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއްވެސް ނެތް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހީމް / ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ކުރައްވާނެ އެއްގޮތެއްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވާދަވެރި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ ޓިކެޓު ރައީސް ޞާލިޙް އަށް ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޖޭޕީއަކީ ސަރުކާރު ކޯލިޝަންގެ އެންމެ ވަރުގަދަ އެއް ހިއްސާއެވެ. ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކުގައި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ތިއްބެވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން އަމަލުކުރާނެ ވަކި ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެޕާޓީގެ ކޮންގްރެސް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރޭނެ ކަން މީގެ ކުރިން ޖޭޕީން ހާމަކޮށްފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ "އިބޫ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް" ކަމަށެވެ.

ރައީސް ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ އެ މެސެޖަށް ރައްދު ދެއްވާފައެވެ.

އެގޮތުން، 2008 ވަނަ އަހަރު ރައީސް ނަޝީދާ އެކު ހެއްދެވި ކޯލިޝަނުގެ ހަނދާންތައް ގާސިމް ހުންނެވި ކަމަށާއި އެއީ އޭނާއަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް / ފޮޓޯ: މަޖިލިސް

ނަމަވެސް އެއަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ޝަރީފް އަށް އެނގިލައްވާނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، ގާސިމްގެ ތާއީދު ރައީސް ސާލިހަށް ނުލިބޭނެ ކަން ޔަގީން ކަމަށެވެ.

ޝަރީފަށް އަދި ވަރަށް ކުޑަ މިންވަރެއް އެނގިލައްވާނީ. ގާސިމްއެއް ނާރާނެ. 100 ޕަސެންޓު ޔަގީން. ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު. ރައީސް މުހައްމަދު ނަޝީދު

ރައީސް ޞާލިޙްގެ ވިސްނުންފުޅު ހުންނެވީ ކޯލިޝަނަކާއެކު ނުކުންނަވައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ. މިސަރުކާރަކީ އެންމެ ގިނަ ދުވަހު ކޯލިޝަން ސަރުކާރެއް ދަމަހައްޓާފައިވާ ސަރުކާރަށް ވީ ހިނދު، ރައީސް ޞާލިޙް ގަބޫލުކުރައްވާގޮތުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ކޯލިޝަން ދެމި އޮންނާނެއެވެ.

ނަމަވެސް 2018 ވަނަ އަހަރު ރައީސް ޞާލިޙްއާއެކު ގުޅިފައިވާ ޕާޓީތަކުން ކޯލިޝަން ހެއްދެވީ އެ ވަގުތު ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިބުމުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ކަމަށާއި، މިއަދު އެހާލަތު ބަދަލުވެއްޖެ ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ވެރިކަމަށް އައި ކޮންމެ ސަރުކާރެއްވެސް އިންތިޚާބު ކާމިޔާބު ކުރުމުގައި ޖުމްހޫރީ ޕާޓީގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް