ޑިޒްނީ ޕްލަސްއަށް ގެއްލުންވެ 7،000 މުވައްޒަފުން ވަކި ކުރަނީ

ޑިޒްނީގެ ސްޓްރީމިން ސާވިސް، ޑިޒްނީ ޕްލަސް ބޭނުންކުރާ ޔޫޒަރުންތަކެއް ގެއްލި ކުންފުންޏަށް ގެއްލުން ވުމާ ގުޅިގެން 7،000 މުވައްޒަފުން ވަކި ކުރަން ކުންފުނިން ނިންމައިފިއެވެ.

ޑިޒްނީ އިން ދާދިފަހުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އާންމުކޮށްފައެވެ. އެގޮތުން ޑިޒްނީއިން އާންމުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސްޓްރީމިން ސާވިސް އަށް ވަނީ މިހާތަނަށް 161.8 މިލިއަން ސަބްސްކްރައިބަރުން ލިބިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އަދަދާ ބަލާއިރު ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވާ ސަބްސްކްރައިބަރުންގެ އަދަދަށް ބަލާއިރު މިއަހަރުގެ ތެރޭގައި ވަނީ ޑިޒްނީގެ އަތުން ދެ މިލިއަން ސަބްސްކްރައިބަރުން ގެއްލިފައެވެ.

ޑިޒްނީ ޕްލަސްއިން ގިނަ ސަބްސްކްރައިބަރުން ގެއްލިފައިވަނީ ސާވިސްގެ އިންޑިއާއަށް ނިސްބަތްވާ ބައި ކަމަށްވާ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

މިއީ ޑިޒްނީ ޕްލަސް ލޯންޗު ކުރި ފަހުން އެ ސާވިސް އިން ސަބްސްކްރައިބަރުން ގެއްލުނު ފުރަތަމަ ފަހަރެވެ. މި ސާވިސް ލޯންޗުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.

މި ނަތީޖާގެ ސަބަބުން ޑިޒްނީގެ މިއަހަރުގެ ލަނޑުދަނޑިއަށް ވާސިލުވުމާ ގުޅޭގޮތުން ސުވާލު އުފެދެއެވެ. އެއީ މިއަހަރު ނިމެންވާއިރު ޑިޒްނީގެ ސަބްސްކްރައިބަރުންގެ އަދަދު 214 މިލިއަނާއި 245 އާ ދެމެދަށް އިތުރު ކުރުމެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސްގެ އާމްދަނީ ރަނގަޅު ކުރުމުގެ ގޮތުން އެ ކުންފުނިން މިހާރު މަސައްކަތް ކުރަނީ ބައެއް މުވައްޒަފުން ވަކި ކުރަން ސީއީއޯ ބޮބް އައިގާ ބުނެއެވެ. އަދި ޑިޒްނީއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އާ މުވައްޒަފުން ހޮވުން މެދުކަނޑާލާފައެވެ.

comment ކޮމެންޓް