އާޒިމާގެ ޝަރީއަތް: ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން އެދިއްޖެ

މީގެ ކުރިން ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތެއްގައި އާޒިމާ ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި ----

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅާފައިވަނީ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން އެދިއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އާޒިމާގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ބައެއް ހުށަހެޅުންތައް ހުށަހަޅާފައެވެ. އަދި ދެންއޮންނަ އަޑުއެހުމެއްގައި ބާކީ ހުރި ހުށަހެޅުންތަކަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ, އާޒިމާގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތު ގަވާއިދުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެން ކަމުން އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ވެސް ދައުލަތުގެ ވަކީލް އެދުނެވެ.

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާ ބުނާ ގޮތުން, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދެވިދާނެއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ވެސް ބަލައި ނުގަތުމަށް ނިންމަވާފައެވެ. އެއީ އާޒިމާގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް ރިއާޔަތް ކުރުމަށްފަހުއެވެ. އޭރު އާޒިމާގެ ފަރާތުން ވެސް ފާހަގަކުރީ ދައުލަތުން މުއްދަތަގެ ތެރޭގައި ހުށަހެޅުންތައް ހުށަހަޅާފައި ނެތް ކަމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ އިޖުރާއީ ނުކުތާއަށް އާޒިމާގެ ފަރާތުން ރައްދު ދެއްވާފައެއް ނުވެއެވެ. އެދިލެއްވީ ލިޔުމުން ޖަވާބު ދެއްވުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ. ސަބަބެއް ކަމަށް ދިފާއީ ވަކީލް ވިދާޅުވީ, އިދާރީ ކަންކަން ބަލަހައްޓަވާ ވަކީލު ބަލިވުމުގެ ސަބަބުން މިއަދުގެ އަޑުއެހުމުގައި ބައިވެރިނުވެވޭތީ ކަމަށެވެ.

އެކަމަށް ޝަރީއަތުން ވަނީ ދިފާއަށް ދެ ދުވަސް ދެއްވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯޑަރިންގެ ދައުވާ އާ ގުޅިގެން، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އޭސީސީއާ އެކު އެއްބަސްވެވަޑައިގަތުމަށްފަހު އެއާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް