ކުދި ވިޔަފާރިތަކަށް 'ގްރީން ފައިނޭންސް' ވޯކްޝޮޕެއް ބާއްވައިފި

ޕްރިވެންޝަން އޮފް މެރިން ލިޓާ އިންދަ ލަކްޝަޑްވީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށް، ޔޫރަޕްގެ އިއްތިޙާދުގެ މާލީ އެހީއާއެކު ރާއްޖެއާއި ސިރީލަންކާއާއި އިންޑިއާގައި މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާއެކު އެތަކެތި މެނޭޖުކުރުމަށް، އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.

ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުނިބުނި ތިމާވެއްޓާ ރައްޓެހިގޮތުގައި މެނޭޖްކޮށް ނައްތާލުމާއި ފެން އިޤްތިޞާދު ކުރުމާއި އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް އެހީތެރިވުމަކީ މިޕްރޮޖެކްޓްގެ އެއްއަމާޒެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން "އެމްއެސްއެމްއީ ގްރީން ފައިނޭންސް" ވޯކްޝޮޕެއް މިއަދު ވަނީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބާއްވައިފައެވެ.

މި ވޯކްޝޮޕް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ.

ރަގަނޅުގޮތުގައި ކުނިބުނި މެނޭޖް ނުކުރެވުމުގެ ސަބަބުން މޫދަށް އެޅޭ ކުނި ގިނަވެ އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ލިބެމުންދާ ގެއްލުމާއި މޫދު ތަޣައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށް މިނިސްޓަރު ބައްލަވައި ލެއްވިއެވެ. އަދި ރާއްޖެއާއި ދުނިޔޭގައި އިތުރުވަމުންދާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ދިވެހި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ފާހަގަކޮށް އެކަމުގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ބޭއްވުނު "އެމްއެސްއެމްއީ ގްރީން ފައިނޭންސް" ވޯކްޝޮޕްގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވިއެވެ. އަދި ފައިނޭސިންގް އިންސްޓިޓިއުޝަންސް ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ބައިވެރިވެ އެފަރާތްތަކުގެ ފައިނޭންސިން ސްކީމްއާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނެވެ.

މީގެ އިތުރުން ޓެކްނޯލޮޖީ ޕްރޮވައިޑަސްގެ ގޮތުގައި ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ސްޓެލްކޯއިން ޓެކްނިކަލް ބޭފުޅުން ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

ޕްލާސްޓިކާއި ކުނިބުނި މެނޭޖްކުރުމަށް އެކުލަވާލެވިފައިވާ ސިޔާސަތުތައް، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ ގޮތުން މީގެކުރީގައި ދެ ޕޮލިސީ ރައުންޑް ޓޭބަލް މީޓިން އެއް ވަނީ ބާއްވާފައެވެ. ތިންވަނަ ޕޮލިސީ ރައުންޑްޓޭބަލް މީޓިންގައި ބައިވެރިންގެ ފަރާތުން ކުނިބުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ހުށައަޅާފައިވާ ހަތަރު ކަމެއް އިތުރަށް މަޝްވަރާކޮށް ތަރައްގީކުރެވުނެވެ.

comment ކޮމެންޓް