ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
ސަރުކާރު އޮފީސްތަކަށް އިމާރާތްތައް ކުއްޔަށް ހިފުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން، އެމަނިކުފާނުގެ ފަހަތަށް ނާރައި މަޖިލީހުގައި ސަރުކާރަށް އެއްޗެހި ކިޔުމަށް ވުރެ ބަރަހަނާ ހާލުގައި މަގުމައްޗަށް ނުކުތުންވެސް މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބަކުން ބަލިވީމާ އެއީ ބަލިވީ، ބަލިވި ބަޔަކު ޖެހޭނީ ގަދަވި ބަޔަކު ފަހަތަށް އަރަން، އެއީ ޕާޓީގެ ނިޒާމަކީ، އެއީ ޕާޓީގެ އުސޫލަކީ ވެސް، އެގޮތަށް ނޫޅެންޏާ އެއީ ޕާޓީގައި އުޅޭ ބައެއް ނޫން، އެއީ ވަކިވެވަގެނެގެން އުޅޭ ބައެއްހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
އެވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ނިސްބަތްކޮށް އެމްޑީޕީގެ އެކި މެމްބަރުން ވަނީ މަލާމަތުގެ ރާގަށް ވާހަކަދައްކަވައި، ރިޔާސަތަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައެވެ. ހަސަން އަފީފް ވަނީ މެމްބަރުގެ ވާހަކަ ހުއްޓުވައި ހުށަހެޅިފައިވާ މައްސަލައަށް ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައެވެ.
އެއަށްފަހު ތަޅުން ހޫނުވެ އެމްޑީޕީ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކުރަން ފައްޓަވާފައެވެ. މެމްބަރުން ކިޔަމުން ދިޔަ އެއްޗެއް ސާފުނުވި ނަމަވެސް އަފީފް ވަނީ އޭނާއަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހުވެސް މެމްބަރު ފަލާހު އަޑުގަދަކުރުން ހުއްޓާނުލެއްވުމުން ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި، ތަޅުމުން ނުކުތުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މެމްބަރު މޮސްޓާ ވެސް ވަނީ ހަސަން އަފީފަށް ނުރުހުމުގެ ބަސްތަކެއް ރައްދުކުރައްވާފައެވެ. އެގޮތުން، އެއުމުރުފުޅުގައި މަޖިލީހުގައި ތިއްބެވި އެކި ޕާޓީތަކުގެ މެމްބަރުން ރިޔާސަތަށް ކޮންޓްރޯލް ނުކުރެއްވޭނެ ކަމަށާއި، އެންމެ ރަނގަޅުގޮތަކީ އެމަގާމުން އިސްތިއުފާ ދެއްވުން ކަމަށް މޮސްޓާ ވިދާޅުވިއެވެ.
އެއަށްފަހު ރިޔާސަތުން ވަނީ މޮސްޓާގެ ނަން އިއްވާ އޭނާވެސް ތަޅުމުން ނެރެފައެވެ.