ދައުލަތުގެ އޮފީސްތައް ކުލީ އިމާރާތްތަކުގައި ހިންގާތީ އަލީ ހުސައިންގެ ކަންބޮޑުވުން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ އޮފީސްތައް ކުލީ އިމާރާތްތަކުގައި ހިންގާ، ދައުލަތް ހިންގަން ބޭނުންވާ އިމާރާތްތައް ހެދިފައި ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދައުލަތުގެ އޮފީސްތަކާއި އިމާރާތްތައް ހިންގުމަށާއި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އަލީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ހަގީގީ މައްސަލައަކީ ދައުލަތެއް، ދައުލަތެއް ގޮތުގައި ހިންގަން ނޭނގުން ކަމަށެވެ. ފާއިތުވި 50 އަހަރަށް ބަލާއިރު ވެސް، އެމީހަކު ކުރާނެ ކަމެއް ކުރުމަށް ދޫކޮށްލެވިފައި އޮތް ހަމައެކަނި ސަރުކާރަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތެއްގެ ސިފައިގައި، ދައުލަތުގެ އެންމެ އިސްވެރިޔާގެ ބެލުމުގެ ދަށުން ނެއްޓި ކަންތައްތައް ދިޔަ ތަނެއް [މީގެ ކުރިން] އަޅުގަނޑުމެން ނުދެކެން." އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚާރިޖީ ވަޒީރު އަހަރެއް ވަންދެން ހަމައެކަނި ބޯޓު ދަތުރު ކުރަން ވެސް ފޮނުއްވާލައްވައިފައި ހުންނެވި ކަމަށާއި ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ އިމާރާތްތައް ވެސް އަޅަމުން އަންނަނީ އެއްވެސް ތަރުތީބެއް ނެތި ކަމަށެވެ.

"ފެނިވަޑައިގެން މިންވަރަކަށް ތަންތައް ވެސް ކުއްޔަށް ހިއްޕަވަނީ. ފެނިވަޑައިގެން މިންވަރަކަށް އިމާރާތް ވެސް އަޅުއްވަނީ. އެހެންނަމަވެސް ދައުލަތް ހިންގުމަށް ބޭނުންވާ އިމާރާތެއް އަދިވެސް ނޭޅޭ. އެހެންވީމާ މި ވަނީ ކިހިނެއްތޯ، މި ކުރެވެނީ ކީއްތޯ އަޅުގަނޑުމެން ސުވާލު ކުރަން އެބަޖެހޭ." އޭނާ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

އެންމެ ޒަރޫރީ ބޭނުންތައް ފުއްދަން ވެސް ދައުލަތުން ޖެހެނީ ދޭދޭ ގައުމުތަކުގައި ސަލާން ޖަހަންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ 120 ބިލިއަން ރުފިޔާއަށް ދަރަނި އެރީ އިރުގައި ދައުލަތް ހިންގާނެ އޮފީސް އިމާރާތެއް ނޭޅި މި ކުރެވެނީ ކޮން ކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

އަލީ ވިދާޅުވީ އިސްރާފު ކުރުން ވެސް އިންތިހާއަށް އެބައޮތް ކަމަށެވެ. އެކަމަކު، ފާއިތުވި 15 އަހަރު މާލޭ ސަރަހައްދުގައި ވެސް ކޯޓު އިމާރާތެއް ވެސް އެޅިފައި ނެތް ކަމަށް ވިދާޅުވެ، އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

"އިމާރާތްތައް ބާވަމުން އެބަދޭ. އިމާރާތްތައް ބާވާ ވަރަކަށް އެ އިމާރާތްތަކެއް ނޭޅޭ އަޅުގަނޑުމެންނަކަށް. އާބާތުރައެއް ނުފިލުވޭ އަޅުގަނޑުމެންނަކަށް." އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ދަށުން ތިއްބަވާ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވަނީ ކޮން މަސައްކަތްތަކެއްތޯ ނުބައްލަވާ ކަމަށެވެ. އަދި، އެ ބޭފުޅުންނާއި ރައީސާ ދެމެދު އޮންނަ ގުޅުން ވެސް އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް