ނޫސްވެރިންނަށް ހުރަސްނާޅަން މީޑިއާ ކައުންސިލުން ގޮވާލައިފި

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްނާޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުގެ ތެރޭގައި، އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވުމުގެ އިތުރުން ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއެޅުމަކީ، އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ދުވަހުގެ އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ހުރަސްއެޅި ކަމަށް ބުނެ، ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެމްއެމްސީގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް، އެ ކައުންސިލުން ބުނީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުކަމީ، ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްސީން ވަނީ ނޫސްވެރިން ވެސް މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ހަނދާން ކޮށްދީފައެވެ.

އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްއަޅާ، އަނިޔާވެރިވާ ކަމަށް ބުނެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް