މެމްބަރުން ނެރެން އުޅުނު އަންހެން ސެކިއުރިޓީންނާ އެމްއެންޑީއެފާ ގުޅުމެއް ނެތް: އެމްއެންޑީއެފް

6 ފެބްރުއަރީ 2023: މަޖިލިސް ސެކިއުރިޓީން އިދިކޮޅު މެމްބަރުން ނެރެން މަސައްކަތްކުރަނީ --

އިއްޔެ އޮތް ރިޔާސީ ބަޔާން އިއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމުގައާއި އެ ތަނުގައި އުޅުނު ސެކިއުރިޓީންނާ އެމްއެންޑީއެފާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވުން ކުރިއަށްދިޔަ ވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެމްބަރުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވަމުންނެވެ.

އެކަން ހުއްޓުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް އަންގަވައި ހުއްޓަވައިނުލެއްވުމުން މެމްބަރުންގެ ނަންވަނީ އިއްވައިފައެވެ.

އެހާ ހިސާބުން ވެސް އެ މެމްބަރުން މަޖިލީހުން ނުނިކުންނެވުމުން، އަންހެން ސެކިއުރިޓީންތަކެއް ވަނީ މެމްބަރުން ނެރެން މަސައްކަތް ކޮށްފައެވެ.

އެކަން ކުރަން އުޅުމުގެ ތެރެއިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށްވަނީ އަނިޔާ ވެސް ވެފައެވެ.

އެކަމާ ގުޅިގެން މިއަދު އެމްއެންޑީއެފުން ބުނީ، އިއްޔެ މަޖިލީހުގެ ޗެމްބަރު ތެރޭގައި މެމްބަރުން ނެރުނީ މަޖިލީހުގެ ސެކިއުރިޓީން ކަމަށެވެ.

"އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީން. އަދި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމުގައި ވެސް ދަންނަވަން،" އެމްއެންޑީއެފުން ބުންޏެވެ.

މެމްބަރުން ނެރެން ސެކިއުރިޓީން އަމަލުކުރި ގޮތުގެ ސަބަބުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ.

އިއްޔެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވީ އިދިކޮޅުގެ ހުރިހާ މެމްބަރުން ޗެމްބަރުން ނެރުމަށްފަހުގައެވެ.

comment ކޮމެންޓް