ދެއްވަދޫ، ކަނޑުހުޅުދޫ، މާމެންދޫ އަދި ނިލަންދޫ މުބާރާތް ފެށީ އުންމީދާއެކު

ގެމަނަފުއްޓާއި ދެއްވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން---- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ގއ. އަތޮޅުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުތައް ދެއްވަދުއާއި، މާމަންދޫއާއި، ކަނޑުހުޅުދޫގެ އިތުރުން ނިލަންދޫ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ގއ. އަތޮޅު ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގެމަނަފުއްޓާއި ދެއްވަދޫއެވެ. އެ މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ދެއްވަދޫއިންނެވެ.

އެ މެޗުގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ ހާފުގައި ރަޝްވާން ކާމިޔާބުކުރިއިރު މެޗުގެ ދެވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި ދެވަނަ ގޯލު ޖެހީ އައިމަންއެވެ. ދެއްވަދޫ ޓީމުގެ ތިން ވަނަ ގޯލު އަދި ހަތަރު ވަނަ ގޯލު ޖެހީ ނަސޫހުއެވެ. އަދި އެ ޓީމުގެ އެންމެ ފަހު ގޯލު ޖަހައިފައިވަނީ މިގުދާދުއެވެ.

ގްރޫޕް އެކެއްގެ ދެވަނަ މެޗު ވިލިނގިއްޔާ ވާދަކޮށް މާމެންދުއިން މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ގޯލުޖަހައި ފުރަތަމަ ލީޑު ނެގީ ވިލިނގިލިންނެވެ. އެ ގޯލު މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މުސައްވިރެވެ. ނަަމަވެސް މާމެންދޫން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ކޮނޑޭއާއި ކަނޑުހުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެ އަތޮޅު ގްރޫޕް ދޭއްގެ ފުރަތަމަ މެޗު ކޮނޑޭއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަނޑުހުޅުދޫއިންނެވެ. އެ މެޗުގައި ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ އަޒުވާންއާއި ޒައިންއެވެ.

އެ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދާންދޫއައި ނިލަންދޫއެވެ. އެ މެޗު ނިލަންދޫއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ނިލަންދޫއިންނެވެ. އެ ގޯލު މެޗުގެ ފުރަތަމަ ހާފުގައި ޖެހީ މަމްދޫހުއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަސްއޫދު ވަނީ ގޯލެއް ޖަހައި ދާންދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގައި ނިލަންދޫއަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ ފުރަތަމަ ގޯލު ޖެހި މަމްދޫހުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް