ޓްވިޓާއިން "ރަނގަޅު" ބޮޓްތަކަށް ހިލޭ ފުރުސަތު ދޭނެ: މަސްކް

ޓްވިޓާގެ ސީއީއޯ ކަމާ ހަވާލުވުމަށް ފަހު އީލޯން މަސްކް ދަނީ ކުންފުންޏަށް އެކި ބަދަލުތައް ގެންމުން --

ޓްވިޓާގެ ސީއީއޯ އީލޯން މަސްކް ވަނީ އެ ކުންފުނީގެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) ބޭނުންކުރުމަށް ހުރިހާ ޑިވެލޮޕަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސް، އެ ކުންފުނީގެ އޭޕީއައި އެކްސެސްގެ އާ އުސޫލެއް އިއުލާނުކޮށްފައެވެ. އެގޮތުން މަސްކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓްވިޓާއިން "ރަނގަޅު" ބޮޓްތަކަށް ހިލޭ އޭޕީއައި ބޭނުން ކުރެވޭ ގޮތް ހަމަޖައްސާނެ ކަމަށެވެ.

މި އާ ސިޔާސަތަކީ ޓްވިޓާއިން ކުރިން ގެންގުޅުނު ސިޔާސަތާ އިދިކޮޅު ސިޔާސަތެކެވެ. މިދިޔަ މަހު އެ ކުންފުނިން ވަނީ ތާޑް ޕާޓީ އެޕްލިކޭޝަންތަކަށް އޭޕީއައި އެކްސެސް އުވާލާފައެވެ. މިފިޔަވަޅުގެ ސަބަބުން ޓްވިޓާފިކް އަދި ޓުވީޓްބޮޓް ފަދަ އެޕްލިކޭޝަންތައް ވަރަށް ބޮޑަށް ދަށްވެ، ޓެކް ކޮމިއުނިޓީގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިދިޔަ ހަފުތާގައި ޓްވިޓާ އިން ވަނީ އެ ކުންފުނީގެ އޭޕީއައި ބޭނުން ކުރަން ހުރިހާ ޑިވެލޮޕަރުން ވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ.

މި އިއުލާނާ ގުޅިގެން ޑިވެލޮޕަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭ ބޮޓް ތަކާއި، އެމީހެއްގެ އެކައުންޓް އަންފޮލޯކުރާ އެކައުންޓުތަކާ ބެހޭ އެލާޓްތައް ފޮނުވާ ބޮޓްތައް ހިންގާ ޑިވެލޮޕަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރެއިން ގިނަ ޑިވެލޮޕަރުން ވަނީ ޓްވިޓާއިން އަންގާ ފީ ނުދެއްކޭނެތީ އެ މީހުންގެ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ބުނެފައެވެ.

ނަމަވެސް މަސްކް އެންމެ ފަހުން ކުރި އިއުލާނާއެކު މި ޑިވެލޮޕަރުންނަށް ވަނީ ޚިދުމަތް ދެމުން ގެންދެވޭނެ ކަމުގެ އުއްމީދެއް ލިބިފައެވެ. އެގޮތުން މަސްކް ބުނެފައި ވަނީ، ޓްވިޓާއިން "ރަނގަޅު ކޮންޓެންޓް" ފޯރުކޮށްދޭ ބޮޓްތަކަށް ހިލޭ އޭޕީއައި އެކްސެސް ދޭނެ ކަމަށެވެ.

ނަމަވެސް "ރަނގަޅު ކޮންޓެންޓް"އަކީ ކޮބައިކަން އަންގާ އާ ސިޔާސަތުގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވި މަސްތަކުގައި ޓްވިޓާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، އޭގެ ތެރޭގައި ޓްވީޓާގައި އިޝްތިހާރުކުރާ ގިނަ ފަރާތްތަކުން ޕްލެޓްފޯމު ދޫކޮށްލުން ހިމެނެއެވެ. އަދި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ޓްވިޓާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމާއި އީޔޫ އާއި އެހެނިހެން އިދާރާތަކުން ރެގިއުލޭޓަރީ މައްސަލަތައް ޓްވިޓާއަށް ވަނީ ކުރިމަތިވެފަވެ.

މި ގޮންޖެހުންތަކާއެކުވެސް މަސްކް ދާދި ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ވަރަށް އުނދަގޫ" މަސްތަކަކަށް ފަހު ޓްވިޓާ މިހާރު ޚަރަދުތަކާ އާމްދަނީއާ އެއްހަމަ ކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ޚަރަދުތައް ކުޑަކޮށް އާމްދަނީ ލިބޭނެ އާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނީގެ ފުލްޓައިމް މުވައްޒަފުންގެ 80 ޕަސެންޓް މުވައްޒަފުން ވަނީ ވަޒީފާއިން ކަނޑާލާފައެވެ. އެއާއެކު އެ ކުންފުނީގައި މިހާރު ތިބި ފުލްޓައިމް މުވައްޒަފުންގެ އަދަދު ވަނީ ގާތްގަނޑަކަށް 1،300އަށް ދަށްވެފައެވެ.

މީގެ އިތުރުން ޓްވިޓާ އިން ވަނީ އިޝްތިހާރުން ލިބޭ އާމްދަނީ އެ ޕްލެޓްފޯމްގައި ކޮންޓެންޓް އުފައްދާ ކްރިއޭޓަރުންނާ ހިއްސާ ކުރުމުގެ ސަބްސްކްރިޕްޝަނާއި ޕްލޭންތައް ވެސް ތައާރަފްކޮށްފައެވެ.

ރަނގަޅު ބޮޓްތަކަށް ހިލޭ އޭޕީއައި ޓަޔަރެއް ދޭން މަސްކް އިއުލާނު ކުރުމަކީ މަޖާ އަދި ބޭނުންތެރި ބޮޓްތައް ހިންގާ ޑިވެލޮޕަރުން މަރުހަބާ ކިޔާ ބަދަލެކެވެ. މި އާ ސިޔާސަތުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް މިދާއިރާގެ ދިރާސާވެރިންގެ އުއްމީދަކީ މި ކަމުގެ ސަބަބުން ޕްލެޓްފޯމް އަލުން ހަރުދަނާކޮށް ޑިވެލޮޕަރުންނާއި ބޮޓް އުފައްދާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ފަހިވެގެންދިއުންކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް