ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބިލިއާޑު މުބާރާތެއް ބާއްވަނީ

9 ބޯލް ޗެމްޕިއަންޝިޕްގެ މުބާރާތެއްގެ ތެރެއިން--- ފޮޓޯ/ ބިލިއާޑް އެސޯސިއޭޝަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބިލިއާޑް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށްގެންދާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އޭޕްރިލްމަހުއެވެ.

"މޯލްޑިވްސް އޯޕަން 2023"ގެ ނަމުގައި މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ނައިންބޯލް އޭޝިއަން ޓުއާ މުބާރާތެއް, ދެކުނު އޭޝިއާގައިވެސް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ މުބާރާތާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަނުގެ ޗެއާމަން އަހުމަދު ނާޝިފް ވިދާޅުވީ، ނައިންބޯލް އޭޝިއަން ޓުއާ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބުމަކީ ގައުމަށް ލިބުނު ފަހުރެއްކަމަށެވެ.

ބައިނަލްއަގުވާމީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ މި ކުޅިވަރުގައި ރާއްޖެއަށާއި ރާއްޖޭގެ ކުޅުންތެރިންނަށްވެސް އިތުރު ފުރުސަތުތަކާއި ތަޖުރިބާތައް ލިބޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އޯޕެންގެ އެޑް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބުނީ، އެ މުބާރާތުން ޖުމްލަ 64 ކުޅުންތެރިންނަށް ފުރުސަތު ދޭއިރު، މީގެ ތެރެއިން ރާއްޖޭގެ 16 ކުޅުންތެރިއަކަށް ފުރުސަތު ދޭނެ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 ނައިންބޯލް ކުޅުންތެރިންނަށް ފުރުސަތު ދޭއިރު، ދެންހުރި ސްލޮޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މާޗުމަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންޓްރީ ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 200 ޑޮލަރެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ ވަނަތަކަށް ޖުމްލަ 130،000 ޑޮލަރު ކަނޑައަޅާފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ކަނޑައަޅާފައިވާ އިނާމަކީ 30،000 ޑޮލަރެވެ. އެ މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިން ވާދަކުރާނެއެވެ.

comment ކޮމެންޓް