'ވަގުތު'ގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- އެމްއެމްސީ

އޮންލައިން ނޫސް، ވަގުތުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލާ، އެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ގޮވާލައިފިއެވެ.

'ވަގުތު'އިން ވަނީ، އެ ނޫހުގެ ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ޚަބަރެއް ޝާއިއުކޮށްފައެވެ. އެ ޚަބަރުގައި ބުނެފައިވަނީ އެ ނޫހުގެ ނޫސްވެރިން އައްޑޫގެ މުސްލިމުންނަށް ޖާސޫސް ކޮށްފައިވާކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ވަނީ "މުސްލިމުންގެ މައްޗަށް ޖާސޫސް ކުރާ މީހުންނަށް އޮތް ހުކުމަކީ ގަތުލް ކުރުން" ކަމަށް ބުނެ އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރުދީފައެވެ.

އެކަން ކުށްވެރިކޮށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ވަކިވަކި ނޫސްވެރިންނާއި ނޫސްތަކަށް އެފަދަ އިންޒާރުތައް ދިނުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މީގެ ކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކި އިންޒާރުތައް ލިބި، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާތީ މިއީ އާދައިގެ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ނުދެކޭ ކަމަށެވެ.

"ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފައިވާތީ މިކަން ކުށްވެރިކޮށް، މި މައްސަލަ ބަލައި، ވީހާވެސް އަވަހަކަށް ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.

މީޑިއާ ކައުންސިލުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، 'ވަގުތު'ގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

comment ކޮމެންޓް