ރައީސްގެ އިސްތިއުފާއަށް ގޮވުމުން ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ތައްޔާރުވެލެއްވި ފަހުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ، އިހްތިޖާޖު ކުރުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައީސް ޞާލިހް ވަޑައިގެންނެވިއިރު ވެސް އިދިކޮޅުގެ މަޖިލީސް މެންބަރުން ވަނީ މަޖިލީހުގެ އިދާރާގެ ބޭރުގައި ރައީސް ޞާލިހްގެ އިސްތިއުފާއަށް ގޮވާލާ އިހްތިޖާޖުކޮށްފައެވެ.

އަދި، އެމަނިކުފާނު މަޖިލީހުގެ އިދާރާއަށް ވަޑައިގެން، ރިޔާސީ ބަޔާން އިއްވަވަން ޕޯޑިއަމްގައި ހުއްޓެވުމާއެކުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ، އިހްތިޖާޖު ކޮށްފައެވެ. މިގޮތުން، ރިޔާސަތު ކައިރީގައި ޖަހާފައި ހުރި ގަސްތައް ވެސް ދުރުކުރުމަށް ފަހުގައި ރިޔާސަތާ ކައިރިއަށް އެއްވެ ތިބެ، އިދިކޮޅުން ވަނީ އިހްތިޖާޖުކޮށްފައެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ، ޖަލްސާއިން ނުކުންނަވަން އަމުރުކުރައްވައިފައެވެ. އެކަމަކު، އޭނާ ޖަލްސާއިން ނުކުންނަވަން ދެކޮޅު ހައްދަވައިފައެވެ. އެހެންވެ، ނަޝީދު ވަނީ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް، މެދުކަނޑައިލައިފައެވެ.

ޝިޔާމާއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން ވެސް ވަނީ އިއްވައިފައެވެ. ހަތަރު މެންބަރުން ވެސް ވަނީ ރިޔާސީ ބަޔާން އިއްވިއަނުދީ އިހްތިޖާޖުކޮށްފައެވެ. އިދިކޮޅު މެންބަރުން ވަނީ ޖަލްސާ ދޫކޮށް ނުކުންނަވަން ދެކޮޅު ހައްދަވައިފައެވެ.

ނަޝީދު ވިދާޅުވީ މެންބަރުންގެ އަތް ފައިގައި ހިފައިގެން ގަދަކަމުން މަޖިލީހުން ނެރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނީ މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމުން ކަމަށެވެ.

"ހަތަރެސް ފައިގައި ހިފައިގެން އަޅުގަނޑަށް އިއްޒަތްތެރި މެންބަރު މިތަނަކުން ނުނެރެވޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ނަޝީދު ވަނީ އިދިކޮޅު މެންބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވަންދެން މިއަދުގެ ޖަލްސާ މެދުކަނޑަައިލައިފައެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންދާނީ ނަން އިއްވެވި މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމުން ކަމަށެވެ.

comment ކޮމެންޓް