އެލްޖީއޭގެ ބައިވެރިވުން ނެތި، މަގު ކޮންނަން ފީ ނެގުމުގެ އުސޫލެއް ކައުންސިލަށް ނުހެދޭނެ: ސްޓެލްކޯ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ނޭނގި، މާލޭގެ މަގުތައް ކޮނުމަށް ފީއެއް ނެގުމަށް މާލެ ސިޓީ ކައުންސިލަށް އުސޫލެއް ހެދޭނެކަމަށް ގަބޫލު ނުކުރާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލޭގެ މަގުތައް ކޮނުމަށް ފީއެއް ނެގުމަށް މާލެސިޓީ ކައުންސިލުން އެކުލަވާލާފައިވާ އުސޫލާ ގުޅޭގޮތުން އެލްޖީއޭ އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މާލެސިޓީގެ ކަންކަން ހުންނަގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި މިހާރަކަށް އައިސް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށެވެ.

ޝަރީފް ވިދާޅުވީ، މާލޭގެ މަގުތައް ކޮނުމަށް ފީއެއް ނެގުމަށް ސިޓީކައުންސިލުން އުސޫލެއް ހެދިއިރު، އެ އުސޫލް ހަދާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 152 ވަނަ މާއްދާއަށް ރިޔާއަތްކޮށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ކަހަލަ އެއްވެސް އުސޫލެއް ހެދޭނީ އެލްޖީއޭއާ މަޝްވަރާކުރުމަށް ފަހު ކަމަށް އެ މާއްދާގެ ދަށުން އަންނަ މާއްދާތަކުގައި ބުނާ ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލަށް އެކަހަލަ އުސޫލެއް ހެދޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެލްޖީއޭގެ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި މާލެސިޓީ ކައުންސިލުން މިކަމުގައި އެބޭފުޅުންނާ އެއްވެސް ކަހަލަ މަޝްވަރާއެއް ކޮށްފައެއް ނުވޭ،" ޝަރީފް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި މިބާވަތުގެ ކަންކަން ކުރާއިރު ކަމާ ގުޅޭ މުއައްސަސާތަކާއެކު ސިޓީ ކައުންސިލުން މަޝްވަރާ ކުރަންޖެހޭނޭ ކަމަށާއި، ސިޓީ ކައުންސިލުން އެކުލަވާލާފައިވާ މަގު ކޮނުމުގެ ފީތައް މާބޮޑަށް ވެސް ބޮޑުކަމަށެވެ. މިގޮތުން މީގެ ކުރިން އަގު ނުނަގާ ކަންކަމަށް ވެސް ސިޓީ ކައުންސިލުން މިހާރު އަގުނެގުމަށް ނިންމާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"މީގެކުރިން ޕޭމަންޓް ތެރެއިން ކޮނެގެން ނަރުއެޅުމަށް އެއްވެސް ފީއެއް ނުނަގާ. ނަމަވެސް މިހާރު ކޮންނަ ކޮންމެ ފޫޓަކަށް 25 ރުފިޔާ ނެގުމަށް ވަނީ ނިންމާފަ. މިހާރު ކޭބަލް ޖަންގްޝަނެއްގެ މަތިނަގައިގެން ނަރު ވަޅުލާނަމަ 300 ރުފިޔާ ނެގުމަށް ވަނީ ނިންމާފައި. ކުރިން މިއީ ފީ ނަގާ ކަންކަމެއްނޫން،" ޝަރީފް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ނަގަމުން އައި ބައެއް ޚިދުމަތްތަކުގެ ފީތައްވެސް ބޮޑުކޮށްފައެވެ. މިގޮތުން ކުރިން މަގު ބަންދުކުރުމަށް 150 ރުފިޔާ ނަގަމުން އައި ނަމަވެސް މިހާރު އެ ޚިދުމަތުގެ އަގު ވަނީ 300 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މާލެސިޓީ ކައުންސިލުން އެކުލަވާލި އެ އުސޫލުގެ މައްސަލާގައި މީގެކުރިން ސްޓެލްކޯއިން ވަނީ ސިޓީކައުންސިލް ގޮވައިގެން ކޯޓަށް ދާނޭކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ސްޓެލްކޯއިން ބުނެފައިވަނީ މިކަމުގައި މާލެސިޓީ ކައުންސިލާއެކު މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

comment ކޮމެންޓް