ޑިޕްރެޝަނަށް ކާ ބޭހެއްގެ ވަކި ބެޗެއް ބޭނުންކުރުން މަނާކޮށްފި

14 މާޗް 2017: ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުގައި އެސްޓީއޯއިން ހުޅުވި ވަގުތީ ފާމަސީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ކާ ބޭހެއްކަމަށްވާ އިމިޕްރަމިން ހައިޑްރޯކްލޮރައިޑްގެ ވަކި ބެޗެއްގެ ބޭސް ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން މިއަދު މަނާކޮށްފިއެވެ.

ބޭނުންކުރުން މަނާކޮށްފައިވަނީ 2141H003 ބެޗުގެ ބޭހެވެ.

އެ އޮތޯރިޓީން ބުނީ، މި ބެޗުގެ ބޭސް މަނާކުރީ އެ ބެޗާ ގުޅޭ ގޮތުން ކުރި ތަހުލީލުތަކުން، އެ ބެޗުގައި އުފެއްދި ބޭހުގައި، އަސްލު ހުންނަންވާ މިންވަރަށް ވުރެ، ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށްކަމަށް ފެނުމުންކަމަށެވެ.

އެހެންވެ، އެ ބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މިއަދުން ފެށިގެން މަނާ ކަމެއްްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން މިހާރު ވިއްކަން ހުރި މި ބެޗުގެ ބޭސް ނެގުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.

މަނާކޮށްފައިވާ ބެޗުގެ ބޭސްގެ ސްޕެސިފިކޭޝަން:

  • ޖެނެރިކް ނަން: އިމިޕްރަމިން ހައިޑްރޯކްލޮރައިޑް
  • ޑޯސޭޖް: 25 މިލިގްރީމް
  • މެނުފެކްޗަރާ: އިންޑިއާ، ޓޮރެންޓް ފާމަޓިއުކަލްސް
  • ބެޗް ނަންބަރު: 2141H003
  • މުއްދަތު ހަމަވާ ތާރީޚް: ޖުލައި 2025

ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލުކުރުމުގެ މަސައްކަތް ކުރަނީ އެމްއެފްޑީއޭއިންނެވެ. އެމްއެފްޑީއޭއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އޮތޯރިޓީއެކެވެ.

comment ކޮމެންޓް