އެމެރިކާގައިވާ ރަޝިއާގެ މުދަލާއި ފައިސާ ފޭރިގަނެ އޭގެ ބޮޑުބައެއް ޔޫކްރެއިނަށް ދެނީ

ވޮޝިންޓަން (5 ފެބްރުއަރީ 2023): އެމެރިކާގައި ފްރީޒްކޮށްފައިވާ ރަޝިއާގެ 300 ބިލިޔަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ޔޫކްރެއިނަށް ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލެންޑް ވިދާޅުވީ އެމެރިކާގައި ފްރީޒްކޮށްފައިވާ ރަޝިއާގެ 300 ބިލިޔަން ޑޮލަރުގެ ތެރެއިން ބައެއް ޔޫކްރެއިން އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް މިހާރު ދީފައިވާނެކަމަށެވެ. މިކަންކުރީ އެމެރިކާގެ ކޮންގްރެސްގެ ރުހުންވެސް ލިބިގެންކަމަށް ގާލެންޑް ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާގައިވާ ރަޝިއާގެ 300 ބިލިޔަން ޑޮލަރުގެ ތެރެއިން ޔޫކްރެއިން އާރާސްތުކުރުމުގެ މަސައްކަތަށް ބޭނުންކުރާނީ ކިހާ އަދަދެއްގެ ފައިސާކަން އޭނާ ހަމައެއް ނުކުރައްވައެވެ. ގާލެންޑް ވިދާޅުވިގޮތުގައި އެމެރިކާ ސަރުކާރުން މިގޮތަށް ނިންމީ ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފެށުމާ އަދި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނަށް ލިބެމުންދާ ގެއްލުންތައް ބޫފެއްދުމަށާއި އަދި ރަޝިއާއަށް ވަރުގަދަ ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.

އެމެރިކާއިން މިގޮތަށް ނިންމި ނަމަވެސް މިއީ އެމެރިކާގެ ގާނޫނުތައް ތަންދޭކަމެއް ނޫންކަމާ އަދި މިއީ ބާރުގެ ބޭނުންކޮށްގެން ގައުމެއްގެ މުދަލާއި ފައިސާ ފޭރިގަތުން ކަމަށްވާތީ މިއީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ އުސޫލުތަކާވެސް ޚިލާފު ކަމެއްކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އެފަރާތްތައް ބުނާގޮތުން މިމައްސަލަ އެމެރިކާގެ ކޯޓުތަކަށް ވައްދައިފިނަމަ މިއީ ޣައިރު ގާނޫނީ ކަމެއްކަމަށް ނިންމުމަކީ ވަރަށް ގާތްކަމެކެވެ.

އަނެއްކޮޅުން ބައިނަލްއަގްވާމީ މުހައްލިލެއްކަމަށްވާ ސްޓެންސިލާވް މިޓްރަޚޮވިޗް ވިދާޅުވިގޮތުގައި ހަނގުރާމައަކާ ގުޅިގެން ގައުމެއްގެ ފައިސާއާ މުދާ އެހެން ގައުމަކުން ފޭރިގަތުމަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ދުނިޔޭގައި ހިނގާފައިވާ ކަމެއް ނޫންނެވެ. އެހެންކަމުން މިއީ ބައިނަލްއަގްވާމީ ގުޅުންތަކަށް އައި އާދަޔާ ޚިލާފު ބަދަލެކެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ބޭންކްތަކުގައި ފައިސާ ބެހެއްޓުމާއި އެމެރިކާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ގައުމުތަކުންނާ ވަކިވަކި ފަރުދުން މީގެފަހުން ޖެހިލުންވާނެެއެވެ. އެެހެންކަމުން މިކަމުގެ ގެއްލުން މުސްތަގްބަލުގައި އެމެރިކާއަށް މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެމެރިކާގައި ފްރީޒްކޮށްފައިވާ ރަޝިއާގެ 300 ބިލިޔަން ޑޮލަރުގެ ތެރެއިން ޔޫކްރެއިނަށް ދިނުމަށް އެމެރިކާ ނިންމި ފައިސާގެ ތެރޭގައި ރަޝިއާގެ އަމިއްލަ ފަރުދުންގެ ފައިސާވެސް ހިމެނޭކަމަށް ވެއެވެ. ރަޝިއާ ވަނީ އެެމެރިކާގެ މިއަމަލަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން މަތިންދާބޯޓުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް ރަޝިއާގައި ފްރީޒްކޮށްފައިވާ އެމެރިކާގެ މުދަލާއި އެސެޓްތަކުގެ މިންވަރުވެސް 300 ބިލިޔަން ޑޮލަރާ ގާތްކުރެއެވެ. ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި ރަޝިއާގައިވާ އެމެރިކާގެ އިންވެސްޓްމަންޓްތައް ނެޝަނަލައިޒްކޮށް އެތަކެތި ރަޝިއާ ސަރުކާރަށް ނެގުމާމެދު ދަނީ ވިސްނަމުންނެވެ.

ނަމަވެސް އެމެރިކާގެ ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ފުރަތަމަ ކުރަން ކަނޑައަޅާފައިވަނީ ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިއާ ގައިވާ ޔުކްރެއިން ސަރުކާރުގެ ތަންތަނާއި އަދި ޔުކްރެއިންގެ ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތަކާއި އެމީހުންގެ މުދަލާއި ފައިސާ ކޮންފިސްކޭޓް ކުރުމެވެ. ނުވަތަ ނެޝަނަލައިޒް ކުރުމެވެ. މިގޮތުން ޔޫކްރެއިންގެ 500 ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތަކާއި އެމީހުންގެ މުދަލާއި ފައިސާ ރަޝިއާގެ ދައުލަތުގެ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށް ރަޝިއާއިން މިހާރުވަނީ ނިންމާފައެވެ.

comment ކޮމެންޓް