އަވައްޓެރި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކޮށް ނިންމައި އަލުން ހުޅުވައިފިއެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ތަރައްޤީކުރި އޮލިމްޕަސް އަލުން ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
އޮލިމްޕަސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރައިގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ފަންނާނުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ، އޮލިމްޕަސް ތަރައްޤީކުރުމުގައި އިންޑިއާގެ އެހީތެރިކަން ލިބުމުން ދޭހަވީ އަވައްޓެރި ޤައުމުތަކާއި އޮލިމްޕަހާ ގުޅިފައިއޮތް މިންވަރު ކަމަށެވެ. ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ ތަނުގައި އެކިދުވަސްވަރު އެކި ބޭބޭފުޅުން ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ކޮވިޑާ ގުޅިގެން ފަންނުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ގޮންޖެހުންތަކާއެކުވެސް ފަންނުވެރިން ދެއްކި ހިތްވަރު ފާހަގަކޮށްލަން ޖެހޭކަމަށެވެ.
"އޮލިމްޕަސް އަލުން ހުޅުވުމުގައި ލަސްތަކެއް ވެގެންދިޔަ. އެހެން އެވީ އޮލިމްޕަހަކީ ދުވަސްވީ އިމާރާތަކަށްވުން. އޮލިމްޕަސް އިމާރާތުގެ މަސައްކަތް ކުރިއަށްދިޔައިރު، ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ، ބޭރުން ތަކެތި ގެނައުމުގައި ކުރިމަތިވި ދަތިތައް،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ވިދާޅުވީ، ފަންނުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމަކީ އިންޑިއާއަށް ލިބޭ ޚާއްސަ އުފަލެއްކަމަށެވެ. ކުރިއަށްއޮތް ތަނުގައި މިދާއިރާއިން އިތުރު އެހީތައް ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކޮށް ނިންމައި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި އާޓިސްޓުންގެ ގިނަ ހުށަހެޅުންތަކެއް ވަނީ ފެނިފައެވެ. އެ ގޮތުން މި ރަސްމިއްޔާތުގައި ރާއްޖޭގެ އާޓިސްޓުންގެ ތެރެއިން ވަކިވެގޮސްފައިވާ އާޓިސްޓުންގެ ހަނދާންތައް އާ ކުރުމުގެ ގޮތުން އެ އާޓިސްޓުންގެ ލަވަތައް ހިމަނައިގެން ވަނީ ޓްރިބިއުޓެއް ދީފައެވެ. މީގެ އިތުރުން ފިލްމް އެސޯސިއޭޝަނުގެ ފަރާތުން ޚާއްސަ ތިއޭޓްރިކަލް ހުށަހެޅުމަކާއި އިންޑިއާގެ ބޭންޑެއް ކަމަށްވާ އަނިރޫދު ވަރްމާގެ ހުށަހެޅުމެއްވެސް ވަނީ ފެނިފައެވެ.
އޮލިމްޕަސް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ސަރުކާރުން ފަށާފައިވަނީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން އެތަން ބަންދުކުރުމަށްފަހުއެވެ. އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންގޮސްފައިވަނީ 2021 ވަނަ އަހަރެވެ. މި ފިޔަވައްސަށް ސަރުކާރުން ދެ މިލިއަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރެއިން އޮލިމްޕަސް އިމާރާތް މަރާމާތުކޮށް ގެންނަންޖެހޭ އާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މިގޮތުން މި ފިޔަވަހީގައި އޮލިމްޕަސް އިމާރާތުގައި ހިމެނޭ މުހިއްމު ހުރިހާ ބައިތަކަކަށް ވަނީ ބަދަލުގެނެސްފައެވެ.
މީގެ ތެރޭގައި ކެފޭ ސަރަހައްދާއި، ޓިކެޓް ކައުންޓަރާއި، ހޯލުގެ އިތުރުން ކޮރިޑޯގެ އިތުރުން އިމާރާތުގެ ބޭރަށް ގެނެސްފައިވާ ބަދަލުތައް ފާހަގަކޮށްލެވެއެވެ. މިފަހަރު އޮލިމްޕަސް ތަރައްޤީކޮށް ނިންމާލިއިރު، އާޓިސްޓުންނަށް ޚާއްސަކޮށް ޕްރެކްޓިސް ކުރާނެ ތިން ތަނެއް ވަނީ ހަދާފައެވެ. މިތަން ހަދާފައިވަނީ، މިއުޒިކާއި ޑާންސް ފަރިތަކުރުންތައް ކުރިއަށްގެންދެވޭ ގޮތަށެވެ.
އޮލިމްޕަސް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ. އެ ފިޔަވަހީގައި އޮލިމްޕަހަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ތަނުގެ ސައުންޑް ސިސްޓަމަށް ގެނައި ޒަމާނީ ބަދަލެވެ. މީގެ އިތުރުން ހޯލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، 7.1 ސަރައުންޑް ސިސްޓަމް ޤާއިމްކޮށް ލައިޓް ސިސްޓަމްތައްވެސް ވަނީ ޒަމާނީކޮށްފައެވެ.
ސަރުކާރުން ދެކޭގޮތުގައި އޮލިމްޕަހަށް ގެނައި ހެޔޮ ބަދަލާއެކު ދިވެހި ފިލްމްތައް ދައްކާ ފަރާތްތަކުގެ އިތުރުން އޮލިމްޕަހަށް ފިލްމު ބަލަން އަންނަ އާއްމުނަށް އޮލިމްޕަސް ބޭނުންކުރުމުގައި ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެއެވެ.
އޮލިމްޕަހަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާއެވެ. އޮލިމްޕަސް އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައިވަނީ 1959 ވަނަ އަހަރެވެ.