މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން ފަށާފައިވާ 'ހޯޕް ކޮންފަރެންސް'ގެ ހަވާސާގައި ކުރިއަށް ގެންދިޔަ 'ބުންވަރު' ހިނގާލުން މިއަދު ހަވީރު ބާއްވައިފިއެވެ.
އިދިކޮޅުން ބުނި ގޮތުގައި އެ ހިނގާލުމުގައި ފަސް ހާހަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. އެ ހިނގާލުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕް ވަނީ ބައިވެރިވެފައެވެ.
މި ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
ހިނގާލުމުގެ ބައިވެރިން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައެވެ. ހިނގާލުން ކުރިއަށް ދިޔަ ވަގުތު ސަފުތަކުގެ ތެރެއަށް ސައިކަލެއްގައި ވަދެ ހަމަނުޖެހުންހިންގަން މަސައްކަތްކުރި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުން މި ހިނގާލުން ނިންމާލާފައިވަނީ ޚާއްސަ ދުއާއަކާ އެކުއެވެ.

އިދިކޮޅުން ފަށާފައިވާ 'ހޯޕް ކޮންފަރެންސް'ގެ ތެރެއިން މިއަދު ބޭއްވި 'ބުންވަރު' ހިނގާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މި ހަރަކާތަށްފަހު ހޯޕް ކޮންފަރެންސްގެ ސެޝަންތައް މިރޭވެސް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.
ޕީޕީއެމުން ފެށި މި ކޮންފަރެންސްގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި ކެމްޕޭންގެ ދަތުރުތައް ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާއެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިކޮންފަރެންސްގައި އިދިކޮޅު ލީޑަޝިޕްގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުންގެ ގޮފީގެ ރައީސުންނާއި ޒުވާނުން ގޮފީގެ ރައީސުންނާއި ސްޓިއަރިން ކޮމެޓީގެ ރައީސުން ހިމެނެއެވެ.
ކޮންފަރެންސް ނިންމާލުމުގެ ގޮތުން ޚާއްސަ ޖަލްސާއެއް އާޓިފިޝަލް ބީޗް ސަރަހައްދުގައި މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.