ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ކޮޅިގަނޑު މަޑުމަޑުން ހުޅަނގުދެކުނަށް ދަތުރުކޮށް، މިއަދު، ރާއްޖޭގެ އިރުމަތިން، ގަލްފް އޮފް މަންނާރާއި ކޮމޮރިން ސަރަހައްދު ހިމެނޭ ގޮތަށް ލަންކާގެ ހުޅަނގު އައްސޭރި ފަށަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފް ރާއްޖޭގެ އިރުމަތިން ފެށިގެން އިރުދެކުނު އަރަބި ކަނޑާ ހަމައަށް ފޯރާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެހެންކަމުން މިއަދު މެންދުރުފަހާއި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު، އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުއުތުރާ އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ.

އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ވުމާއެކު އެ ސަރަހައްދުގެ އެންމެހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖެއާ ކައިރިން އުފެދޭ އެފަދަ ކޮޅިގަނޑުތަކުގެ ނުސީދާ އަސަރު މީގެ ކުރިން ވެސް އެކި ފަހަރުމަތިން ރާއްޖެއަށް ކޮށްފައިވެއެވެ.

comment ކޮމެންޓް