ދިވެހިންގެ މި ބޮޑު އުފަލުން ޖެހެނީ ކެންސަރު!

މުހައްމަދު ހަސަން، 25، ހެނދުނު ހޭލުމަށް ފަހު އެންމެ ފުރަތަމަ ވެސް އަވަސްވެގަންނަނީ ސުޕާރީއެއް ނުވަތަ ފޯއްކޮޅެއް ކާލުމަށެވެ. އެއްޗެއް ކެއުމަށް ފަހު ވެސް ދުފާ ނުލެވޭނަމަ އޭނާ ތެޅިފޮޅެއެވެ. އެއްޗެއް ކައިފިނަމަ އަދި ކަމަކާ މެދު ފުންކޮށް ވިސްނާލުމުގެ ކުރިން ވެސް ކޮންމެހެން ވެސް އޭނާ ދުފާލަން ބޭނުންވެއެވެ. މިއީ އޭނާ ދެވިހިފާފައިވާ ކަމެކެވެ.

"ރާއްޖޭން ބޭރަށް ދާއިރުވެސް އެންމެ ފުރަތަމަ ފޮއްޓަށް އަޅަނީ އެ ދަތުރަކު ބޭނުން ކުރެވޭ ވަރަށް ދުފާއެއްޗެހި. އެއަށް ފަހު ފޮއްޓަށް ހެދުން އަޅަނީ ވެސް،" ދެވިހިފާފައިވާ މިންވަރު އޭނާ ކިޔައިދިނެވެ.

މިއީ އޭނާގެ އެކަނި ހާލަތެއް ނޫނެވެ. ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ސްޓެޕްސް ސާވޭއިން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ 80 ޕަސެންޓު މީހުން ދުފުމުގެ ބާވާތްތައް ބޭނުންކުރާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ވެސް ދުފާ މީހުންނެވެ. މިއީ ނުރައްކާ ވާހަކައެކެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މި ވާހަކަ ކޮންމެހެން ދައްކަން ޖެހެއެވެ.

އަނގައިގެ ކެންސަރު ޖެހިފައިވާ މީހެއް: ރާއްޖޭގައި ވެސް އަނގައިގެ ކެންސަރު ގިނަ-- ފޮޓޯ: ބީބީސީ

ކުޑަ އާބާދީއެއް އޮންނަ މި ރާއްޖޭގައި ވެސް ކެންސަރު ބަލި އޮތީ ނުރައްކާ ހާލަތެއްގައެވެ. އައިޖީއެމްއެޗްއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ އާންމީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ. ކެންސަރު މިހާ އިތުރުއިރު އޭގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ނުރަނގަޅު އާދަތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލެކޭ އެއްގޮތަށް ދުފުމަކީ ވެސް ގިނަ ދިވެހީން ކެންސަރަށް ހުށަހެޅޭ ސަބަބެކެވެ.

"ދުފާއެއްޗެހީގައި ހުންނަ ފޯކަކީ ޑަބްލިޔުއެޗްއޯއިން 2004 ވަނަ އަހަރު ލޭބަލްކޮށްފައި އިންސާނުންނަށް ކެންސަރު ޖައްސާ އެއްޗެހީގެ އެންމެ މަތީގެ ލިސްޓްގައި ހިމަނާފައިވާ އެއްޗެއް. ފޯކުގައި ހުންނަ ދިޔަ އިނގޭތޯ،" ކެންސަރާ ގުޅޭ ސާޖަރީގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ޝިފާން ވިދާޅުވިއެވެ.

ދުފުމަކީ ގިނަ ދިވެހީންތަކެއް ދެވިހިފާފައިވާ ކަމަކަށްވާއިރު އެކަމުގެ ސަބަބުން އެންމެ އާއްމުކޮށް ޖެހޭ އަނގައިގެ ކެންސަރު ރާއްޖޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ދިވެހިރާއްޖޭގައެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަންއިން 2020 ވަނަ އަހަރު އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަނގައިގެ ކެންސަރު ޖެހިގެން މަރުވާ މީހުންނަކީ ރާއްޖޭގެ ޖުމްލަ މަރުގެ 1.24 އިންސައްތައެވެ. އުމުރުގެ ގޮތުން ބަލާއިރު، މަރުގެ އިންސައްތަ އަކީ ކޮންމެ 100،000 މީހުންގެ ތެރެއިން 4.34 އެވެ. އެހެންކަމުން ރާއްޖެ ވަނީ މިބަލިން މީހުން މަރުވާ އަދަދަށް ބަލާ އިރު ދުނިޔެއިން 52 ވަނައިގައެވެ.

ދުފުމުގެ އާދަ ރާއްޖޭގައި އޮތް މިންވަރު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ފެނެއެވެ. ރާއްޖޭގެ ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކުގައި ކަސްޓަމަރުން އޯޑަރު ނުދެނީސް ގެނެސްދޭ މަދު އެއްޗެހީގެ ތެރޭގައި ދުފާ އެއްޗެހި ހިމެނެއެވެ. އެއީ ބޮޑު ފައިދާއެއް ލައިފައި ވިއްކާއެއްޗެކެވެ. ހަމައެހެންމެ ފިހާރަތަކުގެ ހަރުތަކުގައި އެތައް ވައްތަރެއްގެ ފޯއްޕެކެޓާއި ދުފުމުގެ އެކި ބާވަތްތައް ވިއްކަން ބަހައްޓާފައި ހުރެއެވެ. ސުޕާރީއަކީ ޅަ އުމުރުން ފެށިގެން އެތައް ދިވެހިންނެއް ދެވިހިފާފައިވާ އެއްޗެކެވެ. ފޯއްކޮށައިގެން އެވިއްކައިގެން ކައިގެން ބޮއެގެން އުޅޭ އެތައް ބަޔަކު ވެސް އެބައުޅެއެވެ.

ތަފާތު ސަގާފަތާއި އާދަކާދަތަކުގައި ފޯއް ބޭނުން ކުރަމުން އަންނަނީ އިތުރު ބާވަތްތަކާ އެކުއެވެ. އެގޮތުން އެ ބޭނުން ކުރާއިރު ހުންޏާއި ކާފޫރުތޮޅި އާއި ފޮނިތޮއްޓާއި ދުންފަތް ފަދަ ތަކެތި އެޅުމަކީ އާންމު ކަމެކެވެ. އޭގެ ތެރެއިން ކާފޫރުތޮޅި އާއި ފޮނިތޮށި ފިޔަވައި އެހެން ބާވަތްތަކަކީ ކާސިނޯޖެންއެވެ. އެއީ ކެންސަރު ޖެހުމަށް މަގުފަހިކުރާ ތަކެއްޗެވެ.

"އޯރަލް [އަނގައިގެ] ކެންސަރަށް ބަލާއިރު، ސިނގިރޭޓު ބުއިމަށް ވުރެ ދުފުމުން ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑު،" ޑެންޓިސްޓް ޑރ. އަހްމަދު ސަލީމް ވިދާޅުވިއެވެ.

ދުފުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ވުރެ ނުރައްކާ ކަމެއްކަން ހާމަވާ އިރު، ދުފުމުގައި ދުންފަތް ބޭނުންކުރުމަކީ އަދި މާ ނުރައްކާ ކަމެކެވެ. އެކަމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ހަ ގުނައަށް އިތުރުވާ ކަމަށް ޑރ. ސަލީމް ވިދާޅުވިއެވެ.

ކެންސަރު އެކަންޏެއް ނޫނެވެ. ދުފުމާ ގުޅިގެން ދަތްތަކުގައި ރެނދުލުމަކީ ވެސް ރާއްޖޭގައި ވަރަށް އާންމު މައްސަލައެކެވެ. ދުފުމާއި، ހަރު އެއްޗެހި ކެއުމުގެ ސަބަބުން ދަތްތަކުގައި ރެނދު ލައި، ދަތް ފަޅައިގެންދާ ހާލަތްތައް ވެސް ކުރިމަތިވެއެވެ.

"އުމުރުން ދޮށީ އާބާދީގެ ގާތްގަނޑަކަށް 60-70 ޕަސަންޓު މީހުންގެ ދަތްތަކުގައި ރެނދުލާފައި ހުންނާނެ ދުފުމުގެ ސަބަބުން،" ޑރ. ސަލީމް ވިދާޅުވިއެވެ.

އަނގައިގެ ކެންސަރާއި އިތުރު ނުރައްކާ

ދުފުމަކީ ނުރައްކާ ބޮޑު ކަމެއްކަން އެތައް ދިރާސާއަކުން ދައްކައެވެ. އެގޮތުން ދުފުމާ އަނގަ އާއި ކަރުގެ ކެންސަރާ ގުޅުން އޮތްކަން އެ ދިރާސާތަކުން ދައްކައެވެ. ޖާނަލް އޮފް އެމެރިކަން ޑެންޓަލް އެސޯސިއޭޝަން ބުނާ ގޮތުގައި ގިނައިން ދުފާ މީހުންނަށް، އޯރަލް ސަބްމިއުކަސް ފައިބްރޯސިސް ނުވަތަ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ބައްޔެއް ޖެހެއެވެ. ގިނައިން ދުފާނަމަ ހިރުގަނޑު ހަލާކުވުމާއި ދަތް ފަނި ކެއުމުގެ ބިރު ބޮޑުވެއެވެ. ހަމައެހެންމެ ދަތްތައް ރަތް ނުވަތަ ކަޅުވެއެވެ.

އެމެރިކަން ސޮސައިޓީ ފޯ ކްލިނިކަލް ނިއުޓްރިޝަންގައި ބުނެފައި ވާ ގޮތުން ދުފުމާ ހިތުގެ ބަލިތަކާއި މާ ބޮޑަށް ފަލަވުން ފަދަ މައްސަލަތަކާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ދެކެނީ ފޯކަކީ ކެއެމަށް އެއްވެސް ވަރަކަށް ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. އެމީހުންގެ 'ޕޮއިޒަނަސް ޕްލާންޓްސް' ނުވަތަ ވިހަ ގަސްތަކުގެ ޑާޓާބޭސްގައި ފޯއް ވަނީ ހިމަނާފައެވެ. ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ނެރެފައިވާ ފެކްޓް ޝީޓެއް ބުނާ ގޮތުން، ދުފުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި އޯރަލް ސަބްމިއުކަސް ފައިބްރޯސިސް އާއި ދެވިހިފުމާއި ދަރިމައި ވުމުގެ ބައެއް މައްސަލަތައް ހިމެނެއެވެ.

ވޭން ހުރި ބައްޔެއް، އަލާމާތްތަކަކީ މިއީ

އަނގައިގެ ކެންސަރު ޖެހެނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އެފަދަ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރިއާލާ ބަލި ދެނެނުގަނެވި ދިގުލައިފިނަމަ، ފުރާނައަށް ނުރައްކާކުރާ ކަމެކެވެ.

ޑރ. އަބުދުލް އަޒީޒް ހަމީދު ވިދާޅުވިގޮތުގައި އަނގައިގެ ކެންސަރު ފެށެނީ އަނގައިގެ ތެރޭގައި އުފެދޭ ހުދު ކުލައިގެ ނުވަތަ ރަތްކުލައިގެ ތަންކޮޅަކުންނެވެ. އަނގައިގެ ކޮންމެ ހިސާބަކުން ވެސް މިނިޝާން ފެނިދާނެ ކަމަށާއި މީގެތެރޭގައި ތުންފަތް، ހިރުގަނޑު، ތެތްދުލިފަށް، ދޫ އަދި ތަލި ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އަނގައިގެ ކެންސަރުގެ މައިގަނޑު އަލާމާތްތައް

  • އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި، އެފާރުކޮޅުން ފަސޭހައިން ލޭއައުން
  • އަނގައިގެ އެތެރޭގައި ހުދު، ރަތް ކުލައިގެ ތަންތަންގަނޑު އުފެދެން ފެށުން
  • ބުނެދޭން ނޭނގޭގޮތަށް ޒަޚަމަކާ ނުލައި އަނގައިގެ އެތެރެއިން ލޭއައުން
  • އަނގައިގެ ތެރޭގައިވާ ޓިޝޫތަކުގެ ކުލަ ބަދަލުވުން
  • އެއްޗެތި ހެފުމާއި ދިރުވުމަށް އުނދަގޫވުން
  • އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

އަނގައިގެ ކެންސަރުން ރައްކާތެރިވުމަށް ޑރ. އަޒީޒް ދެއްވާ ލަފަޔަކީ ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ދުފުން ހުއްޓާލުމެވެ. އަދި ބަނގުރާ ނުބުއިމާއި އަވީގައި އުޅުން މަދު ކުރަން ޑޮކްޓަރު ލަފާދެއްވައެވެ.

ކެއުމަށްފަހު ތިދުފާދުފުން ހުއްޓާލަން ޖެހެއެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ތަކެތި ކެވިދާނެއެވެ. އެގޮތުން ފޯކުގެ ބަދަލުގައި ކަރަންފޫ، ފޮނިތޮށި، ކާފޫރުތޮޅި ކެއުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ދުފުމުގެ ނުރަނގަޅު އާދައިގެ ސަބަބުން މުހައްމަދު ހަސަން ފަދަ އެތައް ބަޔަކު އެ ތިބީ ކެންސަރަށް މަގުފަހިވާ އާދަތަކެއްގެ ތެރޭގައެވެ. އެ ނުރަނގަޅު އާދަ ރާއްޖޭގައި ވަރަށް އިތުރެވެ. އޭގެ ސަބަބުން ކެންސަރު ދުވަހުންދުވަހަށް ރާއްޖޭގައި މިދަނީ އިތުރުވަމުންނެވެ. މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ފޯއް ކެއުން ހުއްޓާލަން ޖެހެއެވެ. އަދި ފޯކުން އުފައްދާ ބާވަތްތައް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުމަށް ދަތިތައް ކުރިމަތި ކުރުވަން ޖެހެއެވެ. ދިވެހީންގެ މި އުފަލާ ގުޅިފައިވާ މި އާދައަކީ ކެންސަރަށް މަގުފަހި ކުރާ ކަމަކަށް ވާތީއެވެ.

comment ކޮމެންޓް