ފުލުހުން ބަޔާން ދެއްކިނަމަ ހަނުހުރުމުން ރުޖޫއަވުމުގެ ފުރުސަތު މުއިއްޒަށް އޮންނާނެ: ވަކީލު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައި -- ސަން ފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ކަމަށް ބުނާ ދޮގު ބަޔާން އޭނާއަށް ދެއްކި ނަމަ އެ މައްސަލައިގެ ތަހުގީގުގައި ހަނު ހުރުމުން ރުޖޫއަވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ މުއިއްޒު ދޮގު ބަޔާންދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ހަނުހުރުމާ ގުޅޭ ގޮތުން ދިފާއުން ވާހަކަ ދައްކާފައިވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ, ތަހުގީގު މަރުހަލާގައި މުއިއްޒު އިޚްތިޔާރުކުރެއްވީ ހަނު ހުރުން ކަމަށާއި ދިފާއުވުމަށް އެއްވެސް ވާހަކައެއް ދައްކަވާފައިނުވާ ކަމަށެވެ. އެހެންކަމުން ދިފާއުވުމަށް ތަހުގީގު މަރުހަލާގައި އެއްވެސް ވާހަކައެއް ނުދައްކައި މިހާރު ހެކި ހުށަހެޅުމުންވުމުން ދައުލަތުން ވަނީ ސުވާލު އުފައްދާފައެވެ.

"ތަހުގީގު މަރުހަލާގައި އަޅުގަނޑުމެންގެ މުވައްކިލަށް ބަޔާން ދައްކާފައެއް ނުވޭ. އެ ބަޔާނުގައި އޮތީ ކީކޭކަމެއް ވެސް އެނގިފައެއް ނުވޭ," އެ މައްސަލައިގަ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގުގައި މުއިއްޒު ހަނުހުރީ އޭނާ ދެއްވި ކަމަށް ބުނާ ބަޔާން ދައްކާފައި ނުވުމުގެ އިތުރުން އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ދީފައި ނުވާތީ ކަމަށް ވަކީލް ވިދާޅުވިއެވެ.

"ހަނުހުރުމަށްފަހުގައި ވެސް މުއިއްޒުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވޭ ހަނުހުރި ނަމަވެސް މި މައްސަލައިގެ ބަޔާން ދައްކައިފި ނަމަ އެޔާ ގުޅޭ ގޮތުން އިތުރު ތަފްސީލް ދެވިދާނެ ކަމަށް، އޭގައި އޮތް އެއްޗެއް ފެނުމަށްފަހު," ވަކީލް ވިދާޅުވިއެވެ.

އެގޮތަށް މުއިއްޒުގެ ފަރާތުން އެދިފައިވަނީ ތަހުގީގުގައި ހަނު ހުންނެވުމަށްފަހު ކަމަށް ވަކީލް ފާހަގަކުރެއްވިއެވެ. އަދި އެ ހުށަހެޅުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

"އެ ބަޔާން ބެއްލެވުމަށްފަހު ބަޔާނާ ގުޅޭ ގޮތުން ޖަވާބުދާރީ ވާންޖެހޭ ވަރުގެ ކަމެއް އޮތް ކަމަށް ފެންނަ ނަމަ ހަނުހުރުމާ ގުޅޭ ގޮތުން އިތުރު ވިސްނުމަކަށް ދިއުމަށް އަޅުގަނޑުގެ މުވައްކިލުން ނިންމާފައިވޭ," ވަކީލް ވިދާޅުވިއެވެ.

ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ފުލުހުންގެ ފަރާތުން އެ ބަޔާން ދައްކާފައިނުވާކަން ފާހަގަކުރައްވައި ވަކީލް ވިދާޅުވީ, އެކަމަށް މުއިއްޒުގެ ފަރާތުން ޖަވާބުދާރީ ވެވޭނެ އެއްވެސް ފުރުސަތެއް ފުލުހުން ދީފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނިންމުމެވެ. އެ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވިއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކުރައްވައެވެ.

comment ކޮމެންޓް