މިޔަންމާގެ ކުއްލި ނުރައްކަލުގެ ހާލަތު ހަ މަސް ދުވަހަށް އިތުރުކޮށްފި

މިޔަންމާގެ ވަގުތީ ރައީސް މިއިންޓް ސްވޭއާ ---

މިޔަންމާގެ އަސްކަރީ ލީޑަރުން އެގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ހަ މަސް ދުވަހަށް އިތުރުކޮށްފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް، އޭރު ގައުމުގެ ލީޑަރަކަށް ހުންނެވި އަންގް ސަން ސޫޗީ ގޭ ބަންދުގައި ބެހެއްޓިއެވެ. އަދި އޭރު ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އަސްކަރިއްޔާއިން ބުނީ ގައުމު އާންމު ހާލަތަކަށް އެޅުމުން ކުއްލި ހާލަތު އުވާލައި، ވެރިން ހޮވަން އިންތިޚާބު ބާއްވާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އަސްކަރިއްޔާއިން ވަނީ ދެ ފަހަރަކު ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ. މިޔަންމާގެ ގާނޫނު ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލެވޭނީ ވެސް ގިނަވެގެން ދެ ފަހަރަށެވެ. އެހެންކަމުން އެގައުމުގެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިދިޔަ މަހު ކުއްލި ހާލަތުގެ މުއްދަތު ހަމަވުމާއެކު، ދެން އަސްކަރިއްޔާއިން އިންތިޚާބު ބާއްވާނެ ކަމަށެވެ.

ނަމަވެސް އެ ގައުމުގެ ވަގުތީ ރައީސް މިއިންޓް ސްވޭއާ ވިދާޅުވީ މިއަދުން ފެށިގެން ހަ މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވާކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ބާރު ދެންވެސް އޮންނާނީ ސަލާމަތީ ފައުޖުތަކުގެ ކޮމާންޑާ އިން ޗީފް، މިން އަންގް ލައިންގްގެ އަތްޕުޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސްވޭއާ ވިދާޅުވި ކުއްލި ހާލަތު އިތުރު ކުރަން ޖެހެނީ ގައުމު އަދިވެސް ހަމައަކަށް ނޭޅޭތީ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މި ފިޔަވަޅާއެކު، އަސްކަރީ ސަރުކާރުން އަންނަ އޮގަސްޓް މަހުގެ ކުރިން ބާއްވަން ވައުދުވި އިންތިޚާބުތައް ލަސްވުން އެކަށީގެންވެއެވެ.

މިޔަންމާގެ ދައުލަތުގެ މީޑިއާ ކަމަށްވާ އެމްއާރުޓީވީން މިއަދު މިން އަންގް ލައިންގް އާ ހަވާލާދީ ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާއިން "އިންތިޚާބުތައް ބާއްވަން މަސައްކަތް ކުރާނެ" ކަމަށެވެ. އެހެންނަމަވެސް އިންތިޚާބު ބާއްވާނޭ ވަކި ތާރީޚެއް އޭނާ ވިދާޅެއްނުވެއެވެ.

މިޔަންމާގެ އަސްކަރީ ވެރިކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އަސްކަރިއްޔާއިން ބާއްވާ އިންތިޚާބަކަށް އިތުރުބާރު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެގޮތުން ސިފައިން ބާއްވާ އިންތިޚާބަކީ އެ މީހުންގެ ބާރު ދެމެހެއްޓުމަށް އޮޅުވާލައިގެން ބާއްވާ ވޯޓަކަށް ވެދާނެ ކަމަށް ބައެއް އާންމުން ތުހުމަތުކުރެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރާކަން މިޔަންމާއިން އިއުލާން ކުރީ, ބަޣާވާތަށް ދެ އަހަރު ފުރުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން އެމީހުންގެ ވިޔަފާރިތައް ބަންދުކޮށް، ގޭގައި ތިބުމުގެ ހަޅުތާލެއް ކުރިއަށްގެންދަނިކޮށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.

އެ އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑިއެވެ.

އެ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އަސްކަރިއްޔާއިން ތުހުމަތު ކުރި ނަމަވެސް މިނިވަން ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އެ ބަޣާވާތަށް ފަހު ހައްޔަރުކުރި ސޫޗީގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ހިމެނޭ ގޮތަށް ގިނަ ދައުވާތަކެއް ކޮށްފައެވެ. އެ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މުއްދަތު މިހާރު ވަނީ 33 އަހަރަށް އަރާފައެވެ.

comment ކޮމެންޓް