ރާއްޖޭގައި ގާއިމް ނުކުރެވުނު ކާބޯތަކެތީގެ ރައްކާތެރިކަން، އަލިމަގެއް ނެތީތަ؟

ރާއްޖޭގެ އެކި ދާއިރާތައް: މި ދާއިރާތައް ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް--- ސަން ގްރެފިކްސް/ އަޙްމަދު ސަދޫފް މޫސާ

ނަވާރަ ސަތޭކަ ސާޅީހުގެ ކުރީކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިވެހި ގައުމަށް އިގްތިސާދީ ގޮތުން ދިމާވި ދަތިކަމުގެ ވާހަކައަކީ މިއަދުވެސް ބަދަލުވުމެއް ނެތް ވާހަކައެކެވެ. ކާނެ އެއްޗެއް ނެތި، "މަގޫ ފަތް" ކެއި ވާހަކަ އިން މިއަދާ ހަމައަށް އައިއިރު ވެސް މިސާލު ދައްކައެވެ. އެއީ ހިތްދަތި މާޒީއެކެވެ.

އިހަކަށް ދުވަހު ކޮވިޑްގެ ޢާލަމީ ވަބާ ރާއްޖެއާ ހަމައަށް ވެސް ފޯރައި، އޭގެ ސަބަބުން އިގުތިސާދު ހުއްޓުމަކަށް އައެވެ. އެއާއެކު ދެން ދެކެވެން ފެށީ ބިރުވެރި ވާހަކަ ތަކެކެވެ. ކާބޯތަކެއްޗަށް ޖެހި، ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ވާހަކައެވެ.

ނަމަވެސް ކޮވިޑްގެ ދަތި ދުވަސްވަރު ވެސް މިފަދަ ވާހަކަތަކެއް އަވައްޓެރި އިންޑިޔާ އަދި ޗައިނާ ފަދަ ގައުމުތަކަކުން ނީވެއެވެ. އޭގެ މައިފުނަށް ފީނާލާއިރު ޖަވާބު ވަރަށް ސާދާއެވެ. އެ ގައުމުތަކަކީ "ފުޑް ސެކިއުރިޓީ" ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރެވި، ކަށަވަރު ވެފައިވާ ގައުމުތަކަކަށް ވުމެވެ.

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މިދިޔަ އޮގަސްޓް މަހު އިމްޕޯޓްކުރި އަދަދު އަށް ޕަސެންޓް އިތުރު --- ސަން ފައިލް ފޮޓޯ

އެހެން ނަމަވެސް، ރާއްޖެއިން ފެންނަ މަންޒަރު ތަފާތެވެ. ބީއޯޕީގެ ގާތްގަޑަކަށް 70 އިންސައްތަ އަކީ އިމްޕޯޓެވެ. އެހެން ގައުމުތަކަށް މުޅިންހެން ބަރޯސާ ވެފައިވާ، ކާބޯތަކެތީގެ ރައްކާތެރިކަމެއް ގާއިމް ކުރެވިފައި ނުވާ ގައުމަކަށް ރާއްޖެ ވުމަކީ މިހާތަނަށް ވެސް ފެނުނު މަންޒަރެވެ. ހައްލު ނުކުރެވިވާ ބޮޑު މައްސަލައެކެވެ.

ގައުމަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮބާ؟

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމެއްގެ ކުރިއެރުމަށް އަދި ކުރިމަގަށް ވިސްނާނަމަ، ފުރިހަމަ ވާންޖެހޭ ވަރަށް މުހިއްމު އެއް ކަމެވެ. އެކަން ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނުން (އެފްއޭއޯ) ތިލަކޮށްދެނީ މިހެންނެވެ:

"ގައުމެއްގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ވަގުތެއްގައިވެސް، ޖިސްމާނީ ގޮތުން، އިޖުތިމާއީ ގޮތުން ނުވަތަ އިގްތިސާދީ ގޮތުން ވިޔަސް އެމީހުންގެ ކެއުމުގެ ބޭނުންތަކަށް ކާނާ ފަސޭހަ ކަމާއެކު ލިބި އަދި އެތަކެތި އެންމެންނަށް ފުދޭވަރަށް ގައުމުގައި ހުރެ، ހީވާގި އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އެންމެންނަށް ފުރުސަތު ލިބުމެވެ،"

ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަނުން (އެފްއޭއޯ)

ޔޫއެން ގެ އެފްއޭއޯ އިން ތިލަކޮށްދޭ ބީދައިން، ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންނަށް ފުދޭ ވަރަށް، ދަތި ކަމެއް ނެތި ކާބޯތަކެތި ގާއިމް ކުރެވިފައި އޮތުމެވެ. ކާބޯ ތަކެއްޗަށް އޮތް "ސްކާސިޓީ" ނައްތާލުމެވެ. ނަމަވެސް ސުވާލަކީ މުޅިން އިމްޕޯޓަށް ބަރޯސާ ވާ ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަން އެފްއޭއޯ އިން މާނަ ކުރާ ދަރަޖައިގެ ތެރެއަށް ވަންނާނެތޯއެވެ؟

ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޙާލަތަކީ ކޮބާ؟

ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ވަނީ ކޮށްފައެވެ. ނަމަވެސް، އެކަމަށް މާ ބޮޑު އަހަމިއްޔަތު ކަމެއް ދިން ތަނެއް ނުފެނެއެވެ.

އެކަން އެހެން ވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ރާއްޖޭގެ އިގްތިސާދީ މާހިރެއް ދެކެވަޑައިގަންނަވަނީ ރާއްޖެ، "ކްލެސިކަލް" ރާއްޖެއަށް ވުމެވެ. ތިލަކޮށް ބަލާއިރު ފަތުރުވެރިކަން ނޫން އެހެން ދާއިރާތަކަށް ދޭން ޖެހޭ ވަރަށް އަހަންމިއްޔަތުކަން ނުދިނުމެވެ. އެހެން ދާއިރާތައް ވަޅުޖެހުމެވެ.

މާލޭގެ ބަނދަރުމަތި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ބިމުގެ ގޮތުން ޖާގައެއް ނެތް. ދަނޑުވެރިކަމުގެ ނިޒާމު މަޑު ގިނީގައި. ޖީޑީޕީގެ ބޮޑު ހިއްސާއެއް ފަތުރުވެރިކަމަށް. އެ ހުއްޓޭ ހިސާބުން އެހެން ދާއިރާތަކަށް ބަލާލަނީ ވެސް،" އޭނާ ވިދާޅުވިއެވެ.

ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ގާއިމް ކުރުމަށްޓަކައި އެންމެ މުހިއްމު ބައެއް ހިއްސާ ކުރާނީ އެގައުމެއްގެ ޕްރައިމަރީ ސެކްޓާތަކެވެ. ވަކިން ޚާއްސަކޮށް އެގްރިކަލްޗާ ނުވަތަ ދަނޑުވެރިކަމެވެ.

ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ދަނޑުވެރިކަމަކީ ގާތްގަޑަކަށް އެންމެ ހަ އިންސައްތައެވެ. ގައުމުގެ އާބާދީއާ އަޅާބަލާއިރު، ޢާންމުކޮށް ދަނޑުވެރިކަމުގައި އުޅޭ ފަރާތްތަކުގެ ނިސްބަތަކީ ގާތްގަޑަކަށް 23 އިންސައްތައެވެ. އެއީ އިގްތިސާދީ ހަރަކާތުން ބަލާކަމުގައި ވަނީ ނަމަ ގާތްގަޑަކަށް އެންމެ ހަތަރު އިންސައްތައެވެ.

މާރުކޭޓު ގޮޅިތައް މޭވާއާއި ތަރުކާރީން ފުރި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮންމެއަކަސް، ދާއިރާގައި މީހުން މަސައްކަތް ކުރުން މަދުވެ، އެދާއިރާ ކުރި ނާރާ ނަމަ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމް ކުރުމަކީ އުނދަގޫ ކަމެކެވެ. މީހުން ހަރަކާތްތެރި ވީ ނަމަވެސް، ހަރަކާތްތެރިވާ މީހުންނަށް ދޭން ޖެހޭ އެހީތެެރިކަން ނުލިބުމަކީ ވެސް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ހުރަސް އެޅޭ ކަމެކެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމް ކުރެވިފައި އޮތް ކަމަކަށް. މާދަމާ ވެސް މީގެން ގައުމަކުން ތާއްޓެއް އަރައިފިއްޔާ އޭގެ ހުރިހާ އަސަރެއް ކުރާނީ މި ރާއްޖެއަށް،" އައްޑޫގައި ވަރަށް ހަރަކާތްތެރިކޮށް ދަނޑުވެރިކަން ކުރައްވާ ބޭފުޅަކު މިކަމާ މެދު ދެކި ވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

"ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރެވެން ޖެހޭނެ. އެކަން ކުރަން އެންމެން އެކީ މަސައްކަތް ވެސް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިކަން ނުވަނީ ކީއްވެ؟

ކާބޯތަކެތި އުފައްދައި އަދި އެ ވިއްކާ ވާހަކަ ހަމަ އެކަނި ގުޅެނީ ދަނޑުވެރިކަމާ އެއް ނޫނެވެ. އެއީ އޭގެ އެންމެ މުހިއްމު އެއް އުންސުރެވެ.

ދުނިޔޭގެ ގައުމުތައް މިސާލެއްގެ ގޮތުގައި ނަގާ ޗައިނާއަށް ބަލާލަމާ ހިންގަވާށެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބަޔަކީ ޓާޝިއަރީ ސެކްޓާއަށް ވީ ނަމަވެސް، ޗައިނާގެ އިގްތިސާދުގެ 46 އިންސައްތައަށް ވުރެ ބޮޑު އިންސައްތައަކީ ޕްރައިމަރީ ސެކްޓާއެވެ. އެއީ އެގައުމުގައި އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބެވެ.

ދަތުރުވެރިންގެ މާރުކޭޓް:---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތް ދަށް. އެކަމަށް އޮތް ވޯކް ފޯސް ވެސް ދަށް. ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން، މުހިއްމު ވަގުތުތަކުގައި އެކަން ރާއްޖޭގައި ކުރެވޭނެ ކަމުގައި އަޅުގަނޑު ދެކެނީ،" މި ދާއިރާގެ މާހިރަކު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ރަން 50 އަހަރު ފުރުނުއިރު، އެހެނިހެން ސިނާއަތްތައް މަޑުމަޑުން ވަޅު ޖެހުނީއެވެ. އެހެން ކަމުން ސިންދަފާތުކޮށް ދާއިރާތައް ކުރިއަރައިގެން ނޫނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ނުކުރެވޭނެއެވެ.

ސިންދަފާތު ކުރުން ނުވަތަ ޑައިވާސިފިކޭޝަނުގެ ދަށުން، ރާއްޖޭގެ އެކި ދާއިރާތައް ކުރިއެރުވުމުގެ މަސައްކަތް މިހާރު މަޑު މަޑުން ނަމަވެސް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް، އިގްތިސާދަށް އޭގެ ބޮޑު ތަފާތެއް އަންނަ ވަރުގެ ކަމެއް ފަތުރުވެރިކަމުގެ ދާއިރާއިން ނޫނީ ނުފެންނަ ކަމީ ހަގީގަތެވެ.

ހުޅަނގު މޫސުމާއެކު ބުރުނީގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ރާގޮނޑި ތިލަވުން: -- ފޮޓޯ/ ބުރުނި ފޭސްބުކް ޕޭޖް

"ރާއްޖޭގެ އެހެން ދާއިރާތަކުން، މިސާލަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުން ފުރިހަމަ ނަފާއެއް ހޯދޭނީ މިއަދު ފަތުރުވެރިކަން އެ އޮތް ހާލަތަށް އެ ދާއިރާތައް ގޮސްގެން. އެކަމަށް ރަނގަޅު ގޮތުގައި މަސައްކަތް ކުރެވުނު ނަމަވެސް ވަރަށް ވަގުތު ނަގާނެ،" އިގްތިސާދީ މާހިރަކު ވިދާޅުވިއެވެ.

މީގެ އެންމެ ފުރިހަމަ މިސާލަކަށް ވާނީ، ރާއްޖޭގައި އުފައްދާ މަސް ދަޅު އެކްސްޕޯޓު ކުރުމެވެ. މަސްވެރިން ބާނާ މަހުން އުފައްދައި، އިގްތިސާދުގެ ތެރެއަށް ދޫކޮށްލަނީ އެވެ. ބޭރުން އިތުރު މަހެއް ރާއްޖެއަށް ގެންނަން ނުޖެހެއެވެ. ގައިމުވެސް އެ ދާއިރާގައި ރާއްޖޭގެ ކާބޯތަކެތީގެ ޔަގީންކަމެއް އެބައޮތެވެ.

މަސްވެރިކަމުގެ ދާއިރާގައި ދަނޑުވެރިކަމާ އަޅާބަލާއިރު ފަސޭހަތަކެއް ހުއްޓެއް ކަމަކު، ދަނޑުވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އެ ވަރުގެ ބިން ނެތުމާއި، ހުރި ބިންތައް ފާޓައިލް ނުވުމެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަނޑުވެރިކަމުގެ ދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުމަށް ބަލާއިރު، އަޅުގަނޑުމެންގެ ލޯ ލައިން ގައުމަކަށް ވެފައި، ބިމުގެ ސެނިއޮރިޓީ ލެވެލް ވަރަށް ހައި ގައުމެއް، އެއީ ރާއްޖޭގައި ތަކެތި އުފެއްދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން،" ދަނޑުވެރިއެއް ވިދާޅުވިއެވެ.

މިކަމާއެކު، ރާއްޖޭގައި ހަނޑޫ، ފުށް އަދި ހަކުރު ފަދަ ތަކެތި އުފެއްދުމުގައި ގޮން ޖެހުންތަކެއް ހުރި ނަމަވެސް، އެކަމަކީ ރާއްޖޭގައި ކުރެވޭނެ ކަމެކެވެ. އިހު ޒަމާނުގައި ބިންބި އިންދައިގެން ބިންބި ފުށް ރާއްޖޭގެ މާކެޓު ތަކަށް ނެރުމާއި، އުއްދަނޑިން ހަކުރު އުފެއްދުމަކީ ރާއްޖޭގައި ކުރި ކަންކަމެވެ. މިހާރު ވެސް މިފަދަ ތަކެތި މަދުން ނަމަވެސް ރާއްޖޭގައި ދަނީ އުފައްދަމުންނެވެ.

އެހެންކަމުން މި ފަދަ ތަކެތި އިގްތިސާދަށް ވާވަރަށް ރާއްޖޭގައި ނުއުފެއްދެންވީ ސަބަބެއް ނެތެވެ. އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް އަދި ވެސް ނުކުރެވެނީއެވެ. ނުވަތަ ކުރުން ލަސް ވަނީއެވެ.

މިކަމުގެ ޙައްލަކީ ކޮބާ؟

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުވަތަ ގާއިމް ކުރުމަށް ސަރުކާރުން އެކި ޕްލޭންތަކުގެ ދަށުން އެކި ކަންކަން ކުރެއެވެ. ނަމަވެސް އެ ކަންކަމުގެ ތެރެއިން ގިނަ ކަންކަމަކީ އަދިވެސް އިމްޕޯޓު ކޮށްގެން ރާއްޖޭގައި ކުރަން ރާވައިފާ ކަންކަމެވެ.

އޭގެ ތެރެއިން ބަލާއިރު، ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކެމްބޯޑިއާ އިން ހަނޑުލާއި އިތުރު މުދާ ރާއްޖެއަށް އެތެރެކުރަން ކުރި މަޝްވަރާތައް ފާހަގަކޮށްލެވެއެވެ.

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވަސް މުސްތަގްބަލެއްގައި އެފަދަ ކަށަވަރުކަމެއް ގާއިމް ކުރުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އެކަން ކުރުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ރާއްޖޭގަައި އިމްޕޯޓް ކުރެވޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކީ ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ކަމުގައި އެންމެން ވެސް ގަބޫލުކުރެއެވެ.

"ރާއްޖޭގައި އުފެއްދޭނެ ވަރަށް ގިނަ ބާވްތަތަކުގެ ތަކެތި. އެކަމަށް ރަނގަޅު ރެގިއުލޭޓޮރީ ބޮޑީ އެއް އުފައްދައި، ނުވަތަ އެގްޒިސްޓިން ބޮޑީ ތަކުން އެކަމަށް އެއްބާރު ލުން ދިނުމަކީ އޭގެ އެންމެ މުހިއްމު އެއް ކަން. އެކަން ލަސް ނުކޮށް ފެށުމަކީ މުހިއްމު ކަމެއް،" މި ދާއިރާގެ މާހިރެއް ވިދާޅުވިއެވެ.

މިސާލަކަށް މާސް ޕްރޮޑަކްޝަނެއްގައި ކިއުކަމްބާ އުފައްދައި، މާކެޓަށް ނެރުމަށް ފަހު މާކެޓަށް ނުނެރޭ ބައިން ލޯޝަން އުފެއްދޭނެއެވެ. ބިންބި ފުށް ފަދަ ތަކެތިން އެކި ކަހަލަ ބިސްކޯދު އުފެއްދޭނެއެވެ. ހަނޑޫ އިންދައިގެން އެ ހަނޑުލުން އުފެއްދޭ ތަކެތި ވަކި މަދެއް ނޫނެވެ.

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަން މިހެން އޮތް ނަމަވެސް، މީގެ ހައްލެއް ކަމުގައި ގިނަ މީހުން ދެކެނީ ރާއްޖޭގައި ޕްރައިމަރީ ސެކްޓާ ތަކަށް އޮންނަ އަހަމިއްޔަތު ކަމެވެ. އެކި އެކި އެސްއޯއީ ތަކުން އެކަމަށް މަދުން ނަމަވެސް އެހީތެރިވަމުން ދާ ނަމަވެސް، އެކަމަށް ދޭން ޖެހޭ ވަރަށް އެހީތެރިކަން ނުލިބުމެވެ.

"އަބަދުވެސް އަޑުއިވޭ ވާހަކައަކީ އިންޑިޔާއިން، ކެމްބޯޑިޔާއިން ނުވަތަ ބަރުމާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރާ ވާހަކަ. ބަލާލި ކޮންމެ ދިމާލަކުން ފެންނަ ކޮންމެ ކާ ނުވަތަ ބޯ އެއްޗަކީ ގިނައިން ރާއްޖެއިން ބޭރުން ގެންނަ ތަކެތި. އަބަދުވެސް އެހެން ގައުމަކަށް ބަރޯސާ ވެގެން މި ކުރެވެނީ. މިކަން ބަދަލު ކުރެވޭނެ އެންމެން އެކުގައި ނުކުމެއްޖެއްޔާ،" މި ދާއިރާގެ މާހިރަކު ވިދާޅުވިއެވެ.

ތަހުޒީބު ވަމުންދާ ދުނިޔޭގައި އެކި ގައުމުތަކަށް ބަރޯސާ ނުވެ ކުރިއަށް ދިޔުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، އަމިއްލަ ފައި މައްޗަށް ތެދުވާން، އެންމެ ދާއިރާއަކަށް ބަރޯސާ ވެގެން ވީ ގޮތް އަދި ގައުމު ހަނދާނެއް ނުނެތެއެވެ.

އެ ދުވަހުގެ ކާރިސާއިން ގައުމު ސަލާމަތްވި ނަމަވެސް، ފަހަށް އަންނާން އޮތް ކަމަކަށް ތައްޔާރު ވުމަށް ވެސް ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ވެފައި އޮންނަން ޖެހެއެވެ. އެކަމަކީ އޭގެ ސަބަބުން ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. ރައްޔިތުންނަށް ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ.

comment ކޮމެންޓް