އެމެރިކާގެ ބާރުގަދަ ހަތިޔާރު ނުލިބޭނަމަ ރަޝިއާއަށް އަމާންދޭން ޔޫކްރެއިނަށް މަޖުބޫރުވެދާނެ

ވޮޝިންޓަން (1 ފެބްރުއަރީ 2023): އެމެރިކާގެ ބާރުގަދަ ހަތިޔާރު ނުލިބި ރަޝިއާގެ ކުރިމަތީގައި ޔޫކްރެއިންއަށް ހިފަހައްޓާ ނުލެވޭނެކަމުގެ ބިރު އޮތުމުން ދުރުރާސްތާގެ މިސައިލް ހިމެނޭގޮތަށް ޔޫކްރެއިންއަށް 2.2 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގެ ޕެކޭޖެއް ދޭން ތައްޔާރުވަމުންދާކަން އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން ދުރުރާސްތާގެ މިސައިލް ނުދީ ރަޝިއާގެ ކުރިމަތީގައި ޔޫކްރެއިންއަށް ދެން މާގިނަދުވަހު ހިފަހައްޓާލެވޭނެކަމަކަށް ޖާސޫސީ މައުލޫމާތުތަކުން ނުދައްކައެވެ. އަނެއްކޮޅުން ޔޫކްރެއިން އަށް ދިނުމަށް ހުޅަނގުން އެއްބަސްވާ ޓޭންކްފަދަ ބަރުހަތިޔާރުވެސް އެގައުމަށް ފޯރުކޮށްދެވޭވަރުވާނީ އަންނަ މާޗްމަހުގެ ފަހުކޮޅުގައި ކަމަށްވެފައި ރަޝިއާއިން ހަމަލާތައް ވަރުގަދަކޮށް ޔޫކްރެއިންގެ އިތުރު ތަންތަން ހިފަމުންދާތީއާއި ރަޝިއާގެ ކުރިއެރުމުގެ ކުރިމަތީގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ފަހަތަށްޖެހެން ޔޫކްރެއިން ސިފައިންނަށް މަޖުބޫރުވަމުން ދިޔުމަކީވެސް ދުރުރާސްތާގެ މިސައިލް ޔޫކްރެއިންއަށް ދޭން އެމެރިކާއިން ނިންމި ސަބަބެއްކަމަށް ރޮއިޓާސްއިން ބުނެއެވެ.

ދުރުރާސްތާގެ މިސައިލް ހިމެނޭގޮތަށް ޔޫކްރެއިންއަށް ދިނުމަށް އެމެރިކާއިން އިއްޔެ ނިންމި 2.2 ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖްގައި އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ވައިގެ ދިފާއީ ނިޒާމަކާއި އަދި ކުރުރާސްތާގެ ޖެވެލިން ރޮކެޓް އަދި ބޮޑުބަޑީގެ އުންޑަ އާއި އެނޫން އާދައިގެ ހަތިޔާރު ހިމެނެއެވެ. ޖެވެލިން ރޮކެޓަކީ އާމެޑް ވެހިކަލްތަކާއި ޓޭންކްތަކާ ދެކޮޅަށް ހަމަލާދޭން ތައްޔާރުކޮށްފައިވާ ރޮކެޓެކެވެ. މިބާވާތުގެ ރޮކެޓް މިގެކުރިންވެސް އެތަށްފަހަރަކު އެމެރިކާއިންވަނީ ޔޫކްރެއިންއަށް ފޯރުކޮށްދީފައެވެ. މި ރޮކެޓް ބޭނުންކޮށްގެން ރަޝިއާގެ ކުރިއެރުން ހުއްޓުވުމުގައި ކުރިން ޔޫކްރެއިންވަނީ ކާމިޔާބު ހޯދާފައެވެ.

އަނެއްކޮޅުން ޔޫކްރެއިން ހަނގުރާމަ ދިރާސާކުރަމުންގެންދާ އިނގިރޭސި ސިފައިންގެ އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ ލަންޑަންގައި ނުކުންނަ ޓައިމްސް ނޫސް ބުނާގޮތުން ހުޅަނގުން ބަރުހަތިޔާރު ދިންނަމަވެސް ޔޫކްރެއިނަކީ ދިގުމުއްދަތަކަށް ރަޝިއާ އާ ހަނގުރާމަ ކުރެވޭ ވަރުގެ އަސްކަރީ ގާބިލްކަމާއި އާބާދީ ބޮޑު ގައުމެއް ނޫނެވެ.

ޔޫކްރެއިންގެ އާބާދީއަކީ 43 މިލިއަންކަމަށްވާއިރު ހަނގުރާމައިގެ ސަބަބުން 16 މިލިއަން މީހުންވަނީ ހާލުގައިޖެހިފައެވެ. މީގެތެރެއިން ހަތް މިލިއަން މީހުން ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކާއި އެނޫންގައުމުތަކަށް ހިޖުރަކޮށްފައިވާއިރު އަނެއް ނުވަ މިލިއަންމީހުން ދިރިއުޅެނީ ޔޫކްރެއިންގައި ހަނގުރާމަ ނުހިނގާ ރައްކާތެރި ސަރަހައްދުތަކުގައި ވަރަށް ދަތިހާލުގައި ރެފިއުޖީންގެ ގޮތުގައެވެ.

ރަޝިއާއަކީ 146 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ ގައުމަކަށްވާއިރު ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ސިފައިން ފިޔަވައި އެހެން ބަޔަކަށް ގެއްލުން ނުލިބޭތީ ރަޝިއާގެ ރައްޔިތުން ރެފިއުޖީންނަކަށް ނުވެއެވެ. އަނެއްކޮޅުން ރަޝިއާ އާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އިގްތިސާދީ ގޮތުން ރަޝިއާ އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕުން ކުރި މަސައްކަތްތަކަށް ދުނިޔޭގެ އެހެންގައުމުތަކުގެ އެއްބާރުލުން ނުލިބުމުން އެކަންވަނީ ނާކާމިޔާބުވެފައެވެ.

ރަޝިއާއަކީ ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއާ ދާދި އެއްވަރުގެ ގައުމެކެވެ. އަދި ރަޝިއާއަކީ ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރެވެ. ބައެއް ބާވަތުގެ ހަތިޔާރު އެމެރިކާއާއި ނޭޓޯގެ ހުރިހާ ގައުމެއްގައި އުފައްދާވަރަށް އުފެއްދުމުގެ ގާބިލުކަން ރަޝިއާގެ ކިބައިގައި އެބަހުއްޓެވެ. ތެލާއި ގުދުރަތީ ގޭސްފަދަ ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަމަށް ބަލާއިރު ދުނިޔޭގައި ވަސީލަތާއި މައުދަނުގެ ގޮތުން އެންމެ މުއްސަނދި ގައުމަކީ ރަޝިއާއެވެ.

މިހުރިހާ ސަބަބުތަކާ ގުޅިގެން ޔޫކްރެއިނަކީ ދިގުމުއްދަތަކަށް ރަޝިއާ އާ ހަނގުރާމަ ކުރެވޭ ވަރަށްވުރެ މާބަލިކަށި ގައުމެއްކަމަށާއި އެމެރިކާއިން ޔޫކްރެއިންއަށް އެފް 16 ގެ އަސްކަރީ ފައިޓާޖެޓް ނުދީފިނަމަ މިއަހަރުގެ މެދެއްހާ ހިސާބަށްދާއިރު ރަޝިއާއަށް އަމާންދޭން މަޖުބޫރުވާ ހިސާބަށް ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން ދަށަށްދާނެކަމަށް ލަންޑަންގައި ނުކުންނަ ޓައިމްސް ނޫހުން ބުނެއެވެ.

އެމެރިކާއިންވަނީ ޔޫކްރެއިންއަށް އެފް 16 ގެ އަސްކަރީ ފައިޓާޖެޓް ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ޔޫކްރެއިންއަށް ރަޝިއާގެ ކުރިމަތީގައި ހިފަހައްޓާނުލެވޭ ހިސާބަށް ދާނަމަ މިއީވެސް އެމެރިކާކޮށްފާނެކަމެއް ކަމަށް އަސްކަރީ މުހައްލިލުން ލަފާކުރައްވައެވެ. ހުޅަނގުން ޔޫކްރެއިންއަށް ބަރުހަތިޔާރު ފޯރުކޮށްދޭ ވަރަކަށް ރަޝިއާ ޔޫކްރެއިންއާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރުވެސް ދަނީ ވަރުގަދަކުރަމުންނެވެ. އަދި ދޭ ހަމަލާތައްވެސްދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ.

comment ކޮމެންޓް