ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުމާ ދެކޮޅަށް ކުރާ ހަޅުތާލުން ޕެރިސް ހުއްޓުމަކަށް

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހުއްޓުވުމުގެ ގޮތުން ދެވަނަ ފަހަރަށް ހަޅުތާލު ކުރަނީ -- ފޮޓޯ/ ރޮއިޓާސް

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ދެވަނަ ފަހަރަށް ހަޅުތާލު ކުރަން ފަށައިފިއެވެ.

ފްރާންސްގެ މަސައްކަތްތެރިން އިސްކޮށް ތިބެ އެ ހަޅުތާލު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 19ގައެވެ. އެއީ އެގައުމުގެ ރައީސް އެމެނުއެލް މެކްރޮންގެ ސަރުކާރުން ޕާލިމެންޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ބިލަކާ ގުޅިގެންނެވެ. އެ ބިލު ފާސްކޮށްފިނަމަ ރިޓަޔާކުރެވޭ އުމުރު 62 އަހަރުން 64 އަހަރަށް ބޮޑު ވާނެއެވެ.

ފުރަތަމަ ހަޅުތާލުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު، އިއްޔެ އެ ގައުމުގެ ގިނަ މަސައްކަތްތެރިން ވަނީ އަނެއްކާވެސް ބޮޑު ހަޅުތާލެއް ފަށާފައެވެ. އަދި ހަޅުތާލު ފުޅާކުރުމުގެ އުންމީދުގައި ފްރާންސުގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރުމަށް ޔޫނިއަންތަކާއި އިދިކޮޅު ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

އެ އެއްވުންތައް އޮތް ސަރަހައްދުތަކުގައި ސްކޫލްތަކާއި ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެގޮތުން ފްރާންސްގެ ވެރިރަށް ޕެރިހުގެ 60 ޕަސެންޓް ޓީޗަރުން އިއްޔެ ހަޅުތާލުގައި ބައިވެރިވުމުގެ ގޮތުން މަސައްކަތް ނުކުރާނެކަމަށް ބުނެފައިވާ ކަމަށް އެގައުމުގެ ތައުލީމީ ދާއިރާއާ ގުޅުން ހުރި ބޮޑު ޔޫނިއަންއެއް ކަމަށްވާ އެފްއެސްޔޫ އިން ވަނީ ބުނެފައެވެ. އެހެންކަމުން އިއްޔެ ޕެރިހުގައި 100އަށް ވުރެ ގިނަ ސްކޫލް ބަންދުކުރަން ޖެހުނު ކަމަށް ސީއެންއެންއިން ވަނީ ލަފާކޮށްފައެވެ.

ހަމައެއާއެކު، ޕެރިސްގެ ޓްރާންސްޕޯޓް އެޖެންސީ އާރްއޭޓީޕީން ވަނީ ހަޅުތާލުގެ ސަބަބުން މެޓްރޯ އާއި ރޭލުގެ ޚިދުމަތަށް ބުރޫ އަރާނެ ކަމަށް ބުނެފައެވެ.

އެ އެއްވުންތަކުގެ އެންމެ ބޮޑު ބުރައެއް އުފުލަން ޖެހޭނީ ޕެރިހުގެ ރައްޔިތުން ކަމަށްވާތީ، ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހަޅުތާލުގައި ހަމަނުޖެހުން ނުހިނގާނެކަން ކަށަވަރު ކުރުމަށް އެ ސިޓީގައި 4،000 ފުލުހުން އެކަމަށް ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ.

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހުއްޓުވުމުގެ ގޮތުން ދެވަނަ ފަހަރަށް ހަޅުތާލު ކުރަނީ -- ފޮޓޯ/ ރޮއިޓާސް

ފްރާންސްގެ ޔޫނިއަންތައް ހިމެނޭ އެންމެ ބޮޑު އެއް ކޮންފެޑެރޭޝަން ކަމަށްވާ ސީޖީޓީގެ ލީޑަރު ފިލިޕް މާޓިނޭޒްއާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން، މުޅި ގައުމުގައި 248 މުޒާހަރާއެއް ބާއްވާން އެ ޔޫނިއަންތަކުން އޮތީ ރާވާފައެވެ.

ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދި ނަމަވެސް ރައީސް މެކްރޮންގެ ސަރުކާރުން ދަނީ ޕެންޝަން އިސްލާހު ކުރުމަށް ރާވަމުންނެވެ.

ފްރާންސްގެ ބޮޑުވަޒީރު އެލިޒަބަތު ބޯން ވިދާޅުވީ ރިޓަޔާ ކުރުމުގެ އުމުރު މަތިކުރުމާ ބެހޭ ގޮތުން މިހާރު މަޝްވަރާ ކުރެވެން ނެތް ކަމަށެވެ. އެގޮތުން ސަރުކާރުން ބުނެފައި ވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި އެ އިސްލާހު ގެންނާތީ އެ ގައުމުގެ މަސައްކަތްތެރިން ވަނީ ރުޅިގަދަވެފައެވެ.

ފްރާންސްގެ ޕާލިމެންޓްގައި މެކްރޮންގެ ޕާޓީއަށް އަޣުލަބިއްޔަތު ނެތުމުން، ބިލް ފާސްކުރުމަށް ޓަކައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ 60 ވަރަކަށް މެމްބަރުންގެ ތާއީދު އެ މަނިކުފާނު ހޯއްދަވަން ޖެހޭނެއެވެ. އެ ޕާޓީގެ ގިނަ މެމްބަރުން އެ ބިލަށް ތާއީދު ކުރި ނަމަވެސް، ބައެއް މެމްބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ލެވޭނެ ކަމުގެ އިންޒާރު ދީފައެވެ.

ރައީސް މެކްރޮން ވަނީ 2019 ވަނަ އަހަރު ނިމުނުއިރު ވެސް ރިޓަޔަމެންޓް ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަމަށް ހުރަސް އެޅުނީއެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު މެކްރޮންގެ މެނިފެސްޓޯގައި ވަނީ ރިޓަޔާމެންޓް އުމުރު މަތި ކުރަން ހިމަނާފައެވެ.

ފްރާންސްއިން ޖީޑީޕީގެ 14 ޕަސެންޓާ ގާތްކުރާ އަދަދަކަށް ދައުލަތުގެ ޕެންޝަނަށް ޚަރަދުކުރާއިރު، މިއީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްގެ (އޯއީސީޑީ) ގައުމުތަކުގެ ތެރެއިން އެންމެ މަތީ އެއް ރޭޓެވެ.

comment ކޮމެންޓް