އޮސްކާ ނޯމިނޭޝަނެއްގެ މައްސަލައެއް ފެންމަތިވެއްޖެ

މިއަހަރުގެ އޮސްކާ އެވޯޑްގައި ހިމެނޭ ނޯމިނޭޝަނެއްގައި ކޮރަޕްޝަންގެ މައްސަލައެއް ހުރެދާނެ ކަމަށް ބަލައި އޮޮސްކާ އިންތިޒާމު ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް އިން މައްސަލައެއް ބަލަން ފަށައިފިއެވެ.

އަންނަ މަހުގެ 12ގައި ބޭއްވުމަށް ހަމަޖެހިފައިވާ 95ވަނަ އޮސްކާ އެވޯޑްސްގެ ނޯމިނޭޝަންތައް އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޮސްކާ ނޯމިނޭޝަންގައި ތަފާތު ދާއިރާތަކުން މުޅިން އަލަށް އެތައް ބަޔަކު ވަނީ ހިމެނިފައެވެ.

ނަމަވެސް މައްސަލަ ފެންމަތިވެގެން އުޅެނީ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އެންމެ މޮޅު އަންހެން އެކްޓަރުގެ ދާއިރާގައި ހިމެނިފައިވާ ފަންނާނެއްގެ ސަބަބުންނެވެ.

ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވާ އެންޑްރިއާ ރޮޒެންބޮރޯ ވަނީ މިފަހަރު އެ ދާއިރާއަށް ނޯމިނޭޓްވެފައެވެ. ނަމަވެެސް އޭނާ އޮސްކާއަށް ނޯމިނޭޓް ވުމުގެ ކުރީން ކަންތައްތައް ވެގެން ގޮސްފައިވާ ގޮތުގެ ސަބަބުން ވަނީ މައްސަލަ ބަލަން ފަށައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "ޓު ލެޒްލީ" ނަމަކަށް ކިޔާ ޑްރާމާ ފިލްމެއް ވަނީ ނެރެފައެވެ. ބޮޑު ޕްރޮޑަކްޝަނަކުން ބޭރުން އުފެއްދި މި ފިލްމު އަޅުވައިފައިވަނީ ކުޑަ މުއްދަތަކަށް މަދު ސަރަހައްދެއްގައެވެ. ނަމަވެސް ފިލްމު ރިލީޒްކޮށް އޮސްކާ ނޯމިނޭޝާނާ ގާތްވާން އުޅެނިކޮށް ހޮލީވުޑްގެ ބޮޑެތި ތަރިން ފެށީ އެންޑްރިއާގެ ރޯލާއެކު އޭނާ އެންޑޯޒްކުރާށެވެ. އޭގެތެރޭގައި އޭމީ އެޑަމްސް އާއި ގްވެނެތު ޕެލްޓްރޯ ފަދަ ބޮޑެތު ތަރިން ހިމެނެއެވެ.

މިކަމުގެ ފަހަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބުނެ މީހުންތައް ގޮވަލަމުން ދިޔައެވެ. އެންމެފަހުން އެކެޑެމީއިން މި މައްސަލަ ބަލަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް