މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުކޮށްފި

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބުގެ ދިވެހި ރުފިޔާގެ މިންވަރު އިސްލާމިކް މިނިސްޓްރީން އިއްޔެ ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ދިވެހި ރުފިޔާއިން ދައްކަން ޖެހޭ މިންވަރަކީ 7062.65 ރުފިޔާ ކަމަށެވެ. މިއީ 1285.2 ރުފިޔާގެ އިތުރު ވުމެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ދިވެހި ރުފިޔާގެ މިންވަރަކީ، 5777.45 ރުފިޔާއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުންވެސް މެއެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

މުދަލުގެ ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިންނެވެ.

comment ކޮމެންޓް