ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ނެދަލޭންޑެސްގެ ބޮސްކާލިސްއަށް

ގުޅީފަޅު: ފޮޓޯ / އީޕީއޭ

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

ބޮސްކާލިސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ހައުސިން މިނިސްޓްރީން މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ޚާއްސަ ކުރަން ނިންމާފައިވަނީ ސަރުކާރުން ގުޅީފަޅުގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތަށެވެ. މި މަޝްރޫއާއެކު މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރާނެއެވެ.

ބޮސްކާލިސް ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގައި މީގެކުރިން އެކި މަސައްކަތްތައް ކޮށްފައިވާ ކުންފުންޏެކެވެ. ދެހާސް ދިހަ ވަނަ އަހަރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކާފައި ވަނީ އެކުންފުނިންނެވެ. އަދި، 2019ވަނަ އަހަރު ގުޅީފަޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންގޮސް އެކުންފުނިންވަނީ، ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ.

އޭގެތެރޭގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު، ގުޅީފަޅާ ގުޅުވާލުމަށް ނިންމާފައިވާ ސަރަޙައްދުވެސް އެ ކުންފުނިން ހިއްކާފައިވެއެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ، ގުޅީފަޅުން އިތުރަށް ބިން ހިއްކާ، އަދި ހިއްކާ ސަރަޙައްދުގައި ރިވެޓްމަންޓްޖަހާ ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ބޮސްކާލިސްއަށް ދިނުމަށް ނިންމާފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް ފަޅު ތެރެއިން - ފޮޓޯ / އީޕީއޭ

ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައިވަނީ ކިހާ ސަރަހައްދެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މިމަޝްރޫއަށް ބޭނުންވާ ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ބޮސްކާލިސްއިން ބުނީ މަޝްރޫއު ކުރިއަށްގެންދާނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެންކަމަށެވެ.

އެގޮތުން، އެސަރަހައްދުގެ ފަރުގެ މުރަކަ އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ލޮނުގަނޑުގައި ކިސަޑުކަން ފެތުރޭ މިންވަރު ކުޑަކުރުމާއި މޫދު ލޮނުގެ ކޮލިޓީއަށް އަންނަމުންދާ ބަދަލުވެސް ގަވާއިދުން ބަލަމުންދާނެ ކަމަށް ބޮސްކާލިސްއިން ބުނެއެވެ.

comment ކޮމެންޓް