ކ. ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެ ފަޅުގެ ބިން އެއްކޮށް ހިއްކާ ނިމިފަައިވާ ކަމަށް އިންފްރާންސްޓަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ގުޅީފަޅުގެ ބިން ހިއްކުން ނިންމާލީ އިއްޔެ ކަމަށާއި މި މަޝްރޫއުގެ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ގުޅީފަޅުގެ ބިމުން، އިތުރު ބައެއް ހިއްކުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައިފައެވެ. އެގޮތުން ކުރިން ހިއްކަން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވެއެވެ.