އީރާނުގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގެ ފަހަތުގައި އިސްރާއީލް

އީރާނުގެ މަރުކަޒަށް ހަމަލާދޭން މަސައްކަތްކުރި ޑްރޯން އެއްކަމަށް ބުނެވޭ ޑްރޯނެއްގެ ފޮޓޯ

ވޮޝިންޓަން (30 ޖަނަވަރީ 2023): އިރާނުގެ އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖޯނަލް" އިން ބުނެފިއެވެ.

އިސްރާއީލުގެ ސިއްރު މަސްދަރަކާ ހަވާލާދީ އެނޫސް ބުނިގޮތުގައި ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ މިސައިލާއި ރޮކެޓް އިންޖީނު އުފައްދާ ކާރުޚާނާއަކަށެވެ. އީރާނުން ވަނީ އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހަމަލާދޭން އުޅުނު ކުދި ސައިޒްގެ ތިން ޑްރޯން ވައްޓާލިކަމަށް ބުނެފައެވެ.

ނަން ހާމަކުރަން ނޭދޭ އިސްރާއީލުގެ އަސްކަރީ މަސްޢޫލުވެރިއަކާ ހަވާލާދީ އެގައުމުގެ އޮންލައިން ނޫހެއްކަމަށްވާ "ވާލާ" ބުނާގޮތުން އީރާނުގެ ކާރުޚާނާއަށް ހަމަލާދޭން އުޅުނީ އިސްރާއީލުގެ ތިން ޑްރޯނެކެވެ. އެޑްރޯންތައް ވައްޓާލުމުގެ ކުރިން އެކާރުޚާނާއަށް ހަމަލާދިންކަމަށާއި ހަމަލާތައް ކާމިޔާބުކަމަށް އިސްރާއީލުގެ ނޫސް ބުނެއެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލު ދީފައެއް ނުވެއެވެ.

ސިއްރިޔާތުގައި އީރާނަށް މި ހަމަލާދިން ކަމަށް އިއުތިރާފުވާން އިސްރާއީލުގެ ސަރުކާރަށް ކެރިފައެއް ނުވެއެވެ. އަދި އިސްރާއީލުގައިވާ އެމެރިކާގެ ބާރުގަދަ ފައިޓާޖެޓްތައް ބޭނުންކޮށްގެންވެސް އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރުތައް އިސްރާއީލުން ދޭތާ 20 އަހަރުވެފައިވާއިރު ވެސް މިފަދަ ބާރުގަދަ އަދި އޮއްޓަރެއް ހުރި ހަމަލާއެއް އީރާނަށް ދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އެއީ އީރާނުގެ ބަދަލުހިފުން ވޭންދެނިވިގޮތެއްގައި އިސްރާއީލަށް އަމާޒުވެދާނެތީ ކަމަށް ވަނީ ބެލެވިފައެވެ.

އިސްރާއީލުގެ މަޝްހޫރު ނޫހެއްކަމަށްވާ "ޔަދިއޯތު އަހުރަނޯތު" ބުނާގޮތުން މިއީ އެމެރިކާގެ ބައިވެރިވުމެއްނެތި އިސްރާއީލު ދިން ހަމަލާއެކެވެ. މިހަމަލާގައި ބޭނުންކުރީ ކުދި ސައިޒްގެ ތިން ޑްރޯން ކަމަށާއި ޑްރޯންތައް އަމާޒުކޮށްފައިވަނީ ރަޝިއާގެ އެހީއާއެކު އީރާނުން އުފައްދާ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ "ހައިޕާސޮނިކް" މިސައިލް އުފައްދާ ކާރުޚާނާއަކަށެވެ.

ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ބޭނުންކުރާ އީރާނުގެ ޑްރޯން އެއް

މިދިޔަ އަހަރުގެ ފަހުކޮޅު އީރާނުން ވަނީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ "ހައިޕާސޮނިކް" މިސައިލެއް ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްފައެވެ. އެމިސައިލް ތަޖުރިބާކުރުމާއެކު އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ "ހައިޕާސޮނިކް" މިސައިލް ކާމިޔާބު ކަމާއެކު މިހާތަނަށް އުފައްދާފައިވަނީ ހަމައެކަނި ޗައިނާއާއި ރަޝިއާއަށެވެ. އެމެރިކާ މިކަމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ހައިޕާސިކް ސޮނިކް މިސައިލެއް ތަޖުރިބާކުރަން އެމެރިކާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން"އާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އެމެރިކާއިން އީރާނަށް އެއްވެސް ހަމަލާއެއް ނުދެއެވެ. އީރާނުގެ ދިފާއީ ވުޒާރާ ބުނާގޮތުން ކުދި ސައިޒްގެ ތިން ޑްރޯން ބޭނުންކޮށްގެން އިސްފަހާންގެ އަސްކަރީ މަރުކަޒަކަށް ދޭން އުޅުނު ހަމަލާއެއްވަނީ ނާކާމިޔާބުކޮށްލާފައެވެ.

އެ ޑްރޯންތައް ވައްޓާލުމުގެ ތެރޭގައި ކާރުޚާނާގެ ފުރާޅަށް ބައެއް ގެއްލުންތައް ލިބުނުކަމަށާއި އިތުރު ގެއްލުމެއް ލިބިފައިނުވާކަމަށް އީރާނުގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

އީރާނުގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން އީރާނުގެ ސިފައިން ގެންދަނީ އެ ޑްރޯންތައް އީރާނަށް ވަ ންގޮތަކާބެހޭ ތަހުގީގެއް ކުރަމުންނެވެ. މިހާ ކުދި ޑްރޯންތަކަކީ އޭގެ ބައިތައް އީރާނުގެ އިދިކޮޅު ބައެއް ޖަމާއަތްތަކުގެ އެހީގައި އީރާނަށް އެތެރެ ކުރުމަށްފަހު އެތަކެތި ރާވައިގެން އީރާނުގެ އެތެރެއިން އުދުއްސާލައިގެން ހަމަލާދޭން ބޭނުންކުރެވިދާނެ ތަކެތި ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.

ނަމަވެސް މި ޑްރޯންތަކަކީ ބޭރު ގައުމަކުން ފޮނުވާލައިގެން އީރާނުގެ ސަރަހައްދީ ރޮގު ހުރަސްކޮށް އެގައުމުގެ މެދުތެރޭގައިވާ ކާރުޚާނާއަކާ ހަމައަށް އައުމުގެ ގާބިލުކަން ނެތް ކުރު ރާސްތާގެ ޑްރޯންތަކެއް ކަމަށް ތަޖުރިބާކާރުންނާ ހަވަލާދީ އީރާނުގެ ނޫސް އެޖެންސީ ބުނެއެވެ.

އިސްރާއީލަކީ އީރާނުގެ އިދިކޮޅު ފަރާތްތައް ރެކްރޫޓްކޮށްގެން އީރާނުގެ އަސްކަރީ އަދި ނިއުކްލިޔާ މަރުކަޒުތަކަށް ސިއްރިޔާތުގައި ކުދިކުދި ހަމަލާތައް ދޭން މަސައްކަތްކުރާ ގައުމެއްގެ އިތުރުން އީރާނުގެ ޚާއިނުންނަށް ފައިސާ ދީ ރެކްރޫޓުކޮށްގެން އީރާނުގެ ސައެންސްވެރިން މެރުމުގެ ޓެރަރިސްޓް ހަރަކާތްތައްވެސް ހިންގާ ގައުމެއްކަން ވަނީ ހާމަވެފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެންމެ ތަނަކަށް ދެ ތަނަކަށް ހަމަލާދީގެން ހުއްޓުވޭވަރަށް ވުރެ ނިއުކްލިޔާ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީ އާއި އަސްކަރީ ސިނާއަތު އީރާނުން ވަނީ ފުޅާކޮށް ތަރައްގީކޮށްފައެވެ.

ނިއުކްލިޔާ ލެބޯޓްރީތަކަށް ބެލިނަމަވެސް އެތަށް ބައިވަރު ތަނެއް އީރާނުން މިހާރުވަނީ ބިނާކޮށްފައެވެ. އަދި މީގެތެރެއިން އެންމެ ހައްސާ މުހިއްމު ތަންތަން ހުރި ކަމަށްވަނީ ފަރުބަދަތަކުގެ އަޑީގައެވެ. ބިންމަތީގައި ހުންނަނީ އަސްކަރީ އަދި ނިއުކްލިޔަ ސިނާއަތުގެ އާދައިގެ މަރުކަޒުތަކެވެ.

2020ވަނަ އަހަރު އީރާނުގެ ނަތަންޒް ނިއުކްލިޔަ މަރުކަޒުގެ އެތެރޭގައި ބޮމެއް ގޮއްވާލައިގެން ހިންގި ޓެރަރިސްޓް ހަރަކާތުގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ އިސްރާއީލުގެ މައްޗަށެވެ. އެ ބޮން ގޮއްވާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވަނީ އީރާނުގެ އިދިކޮޅު ޖަމާއަތްތަކަށް ނިސްބަތްވާ އީރާނު މީހުންނެވެ.

އިސްފަހާންގައި ހުންނަ އީރާނުގެ އަސްކަރީ ކާރުޚާނާއަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން ވަނީ މިއީ އީރާނަށް ސީދާގޮތެއްގައި ހަމަލާދޭން ބިރުގަންނަ ވަރަށް ފިނޑި ފަރާތަކުން ހިންގި ފެންވަރުދަށް ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ ފިނޑި ހަމަލާތަކުން އީރާނުގެ އަސްކަރީ ސިނާއަތަށް އެއްވެސް ވަރަކަށް ބުރޫ އަރުވައެއް ނުލެވޭނެއެވެ. އަދި ޒަމާނީ ހަތިޔާރު އުފައްދަން އީރާންކުރާ މަސައްކަތް ހުއްޓުވައެއްވެސް ނުލެވޭނެއެވެ.

އަބްދުއްލަހްޔާން ވިދާޅުވިގޮތުގައި މިކަން ތަހުގީގު ކުރުމަށްފަހު އެކަމުގެ ފަހަތުގައިވާ ފަރާތަކާ ދެކޮޅަށް އީރާނުން ބަދަލުހިފާނެއެވެ.

އީރާނުންވަނީ އެގައުމުގެ އަސްކަރީ ލީޑަރެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް 2019ވަނަ އަހަރު އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާއަށް ބަދަލު ހިފުމުގެގޮތުން އިރާގުގައިވާ އެމެރިކާގެ ދެ އަސްކަރީ ބޭހަށް ބަލިސްޓިކް މިސައިލުން ހަމަލާދީ އެމެރިކާ ސިފައިންގެ 90 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

އަދި އިސްރާއީލުން އީރާނުގެ އާގުބޯޓުތަކަށް ދޭ ޑްރޯން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ވަނީ އިސްރާއީލުގެ އެތައް އާގު ބޯޓަކަށް ޑްރޯން ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒު ކަމަށްވާ ދައިމޫނާ މަރުކަޒު ހުންނަނީ އީރާނުގެ މިސައިލްތަކުންނާއި ޑްރޯންތަކުން ފަސޭހައިން ހަމަލާދެވޭ ހިސާބެއްގައެވެ. އީރާނަށް ކުދި ހަމަލާކަމަށް އިއުތިރާފުވާން އިސްރާއީލު ޖެހިލުންވަނީ މިކަމުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ.

އީރާނާއި ރަޝިއާ އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާގައި ގުޅުންތައް ބަދަހި ކުރާތީ އެމެރިކާއާއި އިސްރާއީލު އަދި އިނގިރޭސިވިލާތުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް