މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ގުނުން ކުރިއަށް ދިޔަ ވަގުތު އިސްކަންދަރު ސުކޫލުގައި ހަމަނުޖެހުން ހިންގި ދެ މީހުން ޝަރުުތުތަކާއެކު ދޫކޮށްލައިފިއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން އިސްކަންދަރު ސްކޫލް ހޯލުތެރެއިން ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ.
އެމީހުން ހައްޔަރުކުރީ އިސްކަންދަރު ސްކޫލު ހޯލުގައި ބަހައްޓާފައި ހުރި ޅ. ހިންނަވަރު ވޯޓު ފޮށި ގުނަން ތައްޔާރުވަނިކޮށް ވޯޓު ކަރުދާސްތަކަށް ގެއްލުން ދިނުމަށް މަސައްކަތް ކުރަން އުޅުމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން އިސްކަންދަރު ސުކޫލު ސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ކުރި ޝަރުތެއް ފުލުހުން ނުބުނެއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިވަރުގެ ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ. އަދި އެކަމާ ގުޅިގެން އިތުރު ތިން މީހަކު ވެސް ވަނީ އަތޮޅުތެރެއިން ހައްޔަރުކޮށްފައެވެ.
އެގޮތުން ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ގދ. ތިނަދޫ އާއި ގދ. ރަތަފަންދޫއިން ތިން މީހުން ވަނީ ހައްޔަރު ކޮށްފައިވާއިރު އެ ތިން މީހުން ވެސް އިއްޔެ ވަނީ ދޫކޮށްލައިފައެވެ.
ހަމަނުޖެހުންތައް ހިންގި ނަމަވެސް ވޯޓުލުން ކުރިޔަށް ގެންގޮސް ހޮނިހިރު ދުވަހުގެ ރޭ ނިންމާލިއިރު ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާނު ކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.