ބްރައިޓަންއިން އަނެއްކާވެސް ލިވަޕޫލް ބަލިކޮށް، އެފްއޭކަޕްއިން ކަޓުވާލައިފި

ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/ރޮއިޓާސް

އިނގިރޭސި އެފްއޭކަޕްގެ ހަތަރު ވަނަ ބުރުގައި މިރޭ ލިވަޕޫލްއާއި ބްރައިޓަން ބައްދަލުކުރި މެޗްގައި، ލިވަޕޫލް ލަނޑެއް ޖަހާފައިވަނިކޮށް ބްރައިޓަންއިން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، ލިވަޕޫލް މުބާރާތުން ކަޓުވާލައިފިއެވެ.

ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނެޓް ތެރޭގައި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިޑްފީލްޑަރު ހާވީ އެލިއޮޓެވެ.

ލިޕަވޫލްގެ ލަނޑަށް ފަހު، ބްރައިޓަނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ ނަތީޖާއެއްވަރުކޮށްފައެވެ. އެއީ މެޗްގެ 39ވަނަ މިނެޓް ތެރޭގައި ކާލް ޑަންކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ހާފުގައި ދެޓީމަށްވެސް ވަނީ ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. މެޗުގައި ބްރައިޓަނުން ޖެހި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު ހާފުގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޖަޕާނުގެ މިޑްފީލްޑަރު ކައޮރޫ މިޓޯމާއެވެ.

މެޗުން ބްރައިޓަން މޮޅުވި ލަނޑު، މިޓޯމާ ޖަހައިދެނީ--- ފޮޓޯ/ރޮއިޓާސްން..

މެޗުން ބްރައިޓަން މޮޅުވުމުން އެޓީމް ވަނީ އެފްއޭކަޕް ފަސްވަނަ ބުރުން ޖާގަ ހޯދާފައެވެ. ބްރައިޓަން އަތުން ބަލިވެ އެފްއޭކަޕްއިން ލިވަޕޫލް ކަޓާފައިވާއިރު، އިނގިރޭސި ޕްރިމިޔަލީގްގައި މިމަހުގެ 14 ވަނަ ދުވަހު ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފައެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބްރައިޓަންގެ ޑިފެންޑަރު ލެވިސް ޑަންކް ބުނީ، ބްރައިޓަން ބޭނުންވި ވަރަށް ނުކުޅެވުނު ނަމަވެސް މެޗުގެ ނަތީޖާ ދިޔަގޮތުން މިއަދަކީ ބްރައިޓަންގެ ދުވަހެއްކަމަށެވެ. މިއަދުގެ މެޗުގެ ނަތީޖާއިން އެނގުނީ ބްރައިޓަނުން ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެ ކަންކަމަށް ޑަންކު ބުންޏެވެ.

އިނގިރޭސި އެފްއޭކަޕްގައި މިރޭ ސްޓޯކް ސިޓީ އާއި ސްޓީވެނާޖް ބައްދަލުކުރިމެޗް ތިނެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓޯކް ސިޓީއެވެ. މެޗުގައި ސްޓޯކަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ސެމުއަލް ބްރައުން، ހޯސޭ ލޮރެންޓް އަދި ލެނާޑް ބޭކާ އެވެ. މެޗްގައި ސްޓީވެނާޖަށް ސުންކަނޑުވާލަދިނީ ޖިމީ ރެއިޑެވެ.

comment ކޮމެންޓް