ޝަންގްރިއްލާ ނުހުޅުވި އޮތުމަކީ ރައީސަށް ވޯޓު ނުދޭން ދެއްކޭނެ ބަހަނާއެއް ނޫން: ނިޒާރު

26 ޖެނުއަރީ 2023: އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަަކަދައްކަވަނީ ---

ޝަންގްރިއްލާ ރިސޯޓު މި ސަރުކާރުގައި ވެސް އަދި އޮޕަރޭޝަނަށް ގެނެވިފައި ނުވުމަކީ މި ރިޔާސީ ޕްރައިމަރީގައި އައްޑޫގެ އެމްޑީޕީ މެމްބަރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވޯޓު ނުދޭންވީ ސަބަބެއް ނޫންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމުގެ ގޮތުން އައްޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، މި ސަރުކާރުން ޝަންގްރިއްލާ ރިސޯޓު ހުޅުވަން ނުކުރާ މަސައްކަތެއް ނެތް ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓަކީ ޕްރައިވެޓް ކުންފުންޏެއްގެ ހިއްސާ އޮތް ތަނަކަށްވުމާއެކު އެ ތަން ހުޅުވުމަށް ޓަކައި ސަރުކާރަށް ބާރު ނޭޅޭނެކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"ހުރިހާ ކަމެއް މިހާރު ނިމެނީ ޝަންގްރިއްލާއިން. ޝަންގްރިއްލާގެ މައްސަލަ ހައްލުކުރަން ސަރުކާރުން ނުކުރަނީ ކޮން ކަމެއްތޯ. ރައީސް ނުކުރައްވަނީ ކޮން ކަމެއްތޯ ޝަންގްރިއްލާ ހައްލުކުރަން. އެންމެފަހުން ސަރުކާރުގައި އޮތް ޝެއާ ދޫކޮށްލަން އަޅުގަނޑުމެންނަށް މިއަދު އައީ ކައުންސިލުން އައްޑޫގެ ރައްޔިތުން ކިބައިން އެކަން އެހެން ކުރަންވީމަ. ސަރުކާރަށް ވަރަށް ފަސޭހަ އެ 30 ޕަސެންޓު ދޫކޮށްލުމަށް. އެހެންނަމަވެސް ކައުންސިލްގެ ބަހެއް ހޯދުމަށް ފިނޭންސް މިނިސްޓަރުގެ ސިޓީ އޮތީ ކައުންސިލަށް މިއަދު އައިސްފައި،" ނިޒާރު ވިދާޅުވިއެވެ.

އެއާއެކު އެ ތަން ހުޅުވުމަށް ބާރު އަޅައި މަޖުބޫރުކުރުވާނަމަ ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް، ރާއްޖޭގައި އިންވެސްޓުކުރުމަށް އެއްވެސް ގެރެންޓީއެއް ނޯންނާނެކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެ މީހުން ރިސޯޓު ނުހުޅުވައިގެން ރާއްޖެއިން ބޭރުކޮށްލުމުން އޭގެ ނޭދެވޭ އަސަރު ކުރާނީ ދިވެހި ފަތުރުވެރިކަމަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެހެންވީމާ ޝަންގްރިއްލާގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް އެބަކުރޭ. އެ މަސައްކަތްކުރަމުން ދާއިރު އެއީ ރައީސަށް ވޯޓު ނުދޭންޖެހޭ ސަބަބެއްކަމަށް ދެއްކުމަކީ އެއީ އަޅުގަނޑުމެން ކަމުން ރެކި ނޫނިއްޔާ ކޮންމެވެސް އެކްސްކިއުޒެއް ދައްކައިގެން އަޅުގަނޑުމެން ވޯޓު ނުދޭން ދައްކާ ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަަކަދައްކަވަނީ ---

ޝަންގްރިއްލާ ރިސޯޓުގެ ނުހުޅުވި އޮތް މައްސަލައިގައި އައްޑޫ ރައްޔިތުންނަަށް ރައީސް އެ ސިޓީގައި ރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ އުންމީދީ ބައެއް ވާހަކަތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން މިހާރު ސަރުކާރުގެ ހިއްސާ ދޫކުރަން ނިންމައިފައިވާއިރު މި އަހަރުގެ އޯގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ކުރިން އަލުން އެ ރިސޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/173374

ނިޒާރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެންމެ ގިނަ ވޯޓު އޮތީ އައްޑޫގައި ކަމަށެވެ. އަދި ރައީސް ޞާލިހަށް ވެސް އެންމެ ގިނަ ވޯޓު ލިބެން އޮތީ މި ޕްރައިމަރީގައި އައްޑޫއިންކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ސަބަބެއްގެ ގޮތުގައި ނިޒާރު ދެއްކެވީ ރައީސް ޞާލިހުގެ މި ސަރުކާރުން އައްޑޫއަށް ވީ ވައުދުތައް އެ މަނިކުފާނު ފުއްދަވައިދެއްވުމެވެ.

"މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް އުނި ނުކުރައްވައި މި ދެންނެވި ދަތިކަމާއެކު ވެސް އެއްވެސް ކަމެއް އުނި ނުކުރައްވައި އިތުރަށް އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުންތަކަށް އިތުރަށް ކުރަންޖެހޭ ރަނގަޅު ކަންކަން ކޮށްގެން އިތުރަށް ފައިސާ ޚަރަދުކޮށް އެ ކަން ފުރިހަމަކުރެއްވުމަށް ރައީސް މަސައްކަތް އެބަ ކުރައްވާ. އެކަން ގަބޫލުކުރަންޖެހޭ،" ނިޒާރު ވިދާޅުވިއެވެ.

comment ކޮމެންޓް