މި އަހަރުގެ އޯގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އައްޑޫގެ އާމްދަނީއާ ގުޅިފައިވާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމުގެ ގޮތުން އައްޑޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އައްޑޫގެ ރައްޔިތުން އެ މަނިކުފާނަށް ހުށަހެޅި މެނިފެސްޓޯގައި މުހިންމު ގިނަ ކަންތައްތަކެއް ހިމަނައިފައިވާކަމަށެވެ.
އެ ކަންކަން ފުއްދުމަށްކުރާ މަސައްކަތާއެކު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އައްޑޫ ރައްޔިތުން ފާހަގަކުރީ، ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮތުމުން ރައްޔިތުންގެ އާމްދަނީ ހުއްޓިފައި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވިދާޅުވީ، ޝަންގްރިއްލާ ހުޅުވަން ކުރަންޖެހޭ ކަންކަންކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިފައިވާކަމަށެވެ. އަދި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ދޫކުރަން ވެސް ނިންމައިފައިވާކަމަށެވެ.
ހަމައެއާއެކު އެއް މަސް ދުވަހުގެ ތެރޭ ނިންމުމެއް ނިންމަން އެ ތަން ހިންގާ ފަރާތަށް އަންގައިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކައުންސިލަށް ފޮނުވައިފައިވާ ސިޓީއަކީ އެ ކަން އަޅުގަނޑުމެން ކުރަން ނިންމި ނިންމުން. އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ތައްޔާރަށް. އެގޮތަށް މިހާރު ފާސްކޮށް ނިންމައި އެ ތަނުގެ ވެރިންނަށް މިހާރު ވާނީ އަންގައިފައި. އެއް މަސް ދުވަހުގެ ތެރޭގައި އެ ބޭފުޅުން ޑިސިޝަނެއް ނަގަން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު އޯގަސްޓު ނުވަތަ ސެޕްޓެމްބަރުގައި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވޭނެކަމުގެ ޔަގީންކަން ވެސް ރައީސްވަނީ ދެއްވައިފައެވެ.
ރައީސް ވަނީ އައްޑޫއިން ހުށަހެޅި މެނިފެސްޓޯގައި ހުރި ހުރިހާ ކަންކަން ސަރުކާރުން ފުއްދުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މެނިފެސްޓޯގައި އޮތް، އައްޑޫއަށް ބިން އިތުރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އައްޑޫގެ ރައްޔިތުން އަޅުގަނޑަށް އެ ދުވަހު ހުށަހެޅި މެނިފެސްޓޯގައި އައްޑުގެ ތަރައްގީއަށް ޓަކައި ވަަރަށް ގިނަ ކަންތައްތަކެއް ހުށަހަޅައިފައިހުރި، އޭގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދޭ. އެންމެ މުހިންމު އެއް ކަމަކަށް އައްޑޫ ސިޓީން ހުށަހަޅައިފައި އޮތް ކަމަކީ ރަށުގެ ބިން އިތުރުކޮށް އެ ތަނަށް ޓޫރިޒަމް ގެނައުމަށް ހުށަހަޅައިފައި އޮތް މަސައްކަތް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހުށަހެޅުން ހަގީގަތަކަށް ހެދުމަށް ޓަކައި އައްޑޫއަށް 236 ހެކްޓަރުގެ ބިން އިތުރުކޮށް ފަސް ރިސޯޓު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ. އަދި ހަންކެޑެ މަޝްރޫގެ އެންމެ ފަހުގެ ޕްލޭންތައްކޮށް، އަމަލީ ގޮތުން މަސައްކަތް ފަށަން ފައިސާ ހޯދައިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ހަންކެނޑެގައި އަޅާ 1000އަށްވުރެ ގިނަ ކޮޓަރިއާއެކުގައި މުޅި އައްޑޫ ސިޓީއަށް 8،000 އެނދު އިތުރުކުރުމަށް ޓަކައި އަޅުގަނޑުމެން ވީ ވައުދު އިރާދަކުރެއްވިއްޔާ ފުދެމުންދާތަން ތި ބޭފުޅުންނަށް ލަސްތަކެއްނުވެ ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީ އޮތީ އަންނަ ހޮނިހުރު ދުވަހުއެވެ. އެ ޕްރައިމަރީއަށް ރައީސް ޞާލިޙުގެ އިތުރުން ރައީސް މުޙައްމަދު ނަޝީދު ވެސް ކެމްޕެއިން ކުރައްވަމުންގެންދަވާއިރު، ރައީސް ނަޝީދުގެ އެންމެ ފަހުން ޖަލްސާ އޮތީ މިރޭ މާލޭގައެވެ.