ގަމު ޓާޝަރީ ހޮސްޕިޓަލާއި، ގައްދޫ ހޮސްޕިޓަލް ތަރައްގީކުރުމަށް ސްޕެއިންގެ ކުންފުންޏަކާ ހަވާލުކޮށްފި

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

ލ. ގަމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަޝްރޫއު ސްޕެއިންގެ ހޮމްޓް އެސްޕަނިއާއާ ހަވާލުކޮށްފިއެވެ.

އެ ކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެޓިވް ޑިރެކްޓަރު އެޑުއާޑް އޮލިވޭރިއާއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލްގެ އިތުރުން، ކޮންމެ ހޮސްޕިޓަލަކާ ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި، މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި، މެޑިކަލް އިކްޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން ގަމުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އަދި ގައްދޫގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި ދެ މަޝްރޫއަށް 79.5 މިލިއަން ޔޫރޯ ޚަރަދުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެއްބަސްވުމުގެ ދަށުން، ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީންނެވެ.

މި ދެ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ 36 މަސް ދުވަހުގެ މުއްދަތެކެވެ. މަޝްރޫއު ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ޑޮއިޗާ ބޭންކުގެ ފަރާތުންކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް