ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދުގެ މަރުގެ މަތިން ސަރުކާރުން ހަނދާން ނައްތާލާފައި ވާކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.
އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ބޮޑުބޭބެ އަޙްމަދު ޝަރީފް "ސަން"އަށް ބުނީ، އޭނާގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އަދިވެސް އާއިލާއަށް ނުލިބޭކަމަށެވެ.
އޭނާ ބުނީ، ޕޯސްޓްމޯޓަމް ހަދަން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ފޮނުވި އިރު، ޕޯސްޓުމޯޓަމްގެ ވަގުތީ ނަތީޖާއަކީ ހަށިގަނޑާ އެކު ވަގުތުން ލިބޭ އެއްޗެއްކަމަށް އޭރު ފުލުހުން ބުނިކަމަށެވެ. ނަމަވެސް އެކަމަށް މިހާރު ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ވަގުތީ ނަތީޖާ ވެސް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސްއާ ވެސް ބައްދަލު ކުރިކަމަށް ޝަރީފް ބުންޏެވެ.
"ސީދާ މިސްބާހު އަޅުގަނޑު ކައިރި ބުނި، ތިކަމުގަ އަޅުގަނޑު އެހީތެރިކަން ވެދޭނަމޭ. އެކަމު މިއަދާ ހަމައަށް އައި އިރު ވެސް އެއްވެސް ޚަބަރެއް ނުވޭ،" އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގުގެ ރިޕޯޓު މި މަހުގެ ކުރިން ނިންމޭތޯ މަސައްކަތް ކުރާކަމަށް އެ ކޮމިޝަނުން މިދިޔަ މަހު ބުންޏެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު މިހާރު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައެވެ. ނަމަަވެސް އަދިވެސް އެ ރިޕޯޓު ހާމަކުރެވެން ނެތްކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.
އަބްދުﷲ ރަޝީދު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.
ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ.