ކުމުންދޫގެ ރުއްތައް ބަލިވެ، ކާށި ލިބުން ދަތިވެއްޖެ

ހދ. ކުމުންދޫގެ ރުއްތަކުގައި ކޫޑި އަޅައި ހަލާކުވެފައި -- ފޮޓޯ/ ކުމުންދޫ ކައުންސިލް

ރަށުގެ ބިމުން ބޮޑު ބައެއްގައި ރުއް ހުންނަ ހދ. ކުމުންދޫގެ ރުއްތަކުގައި ކޫޑިއާއި މަޑި އަޅައި އެ ރުއްތައް ބަލިވަމުން އަންނަ މައްސަލައިގައި އެރަށު ރައްޔިތުން ކަންބޮޑުވެއްޖެއެވެ.

ކުމުންދޫއަކީ ގާތްގަނޑަކަށް 188 ހެކްޓަރުގެ ރަށެކެވެ. ބިމުގެ ބޮޑު ބައެއްގައި ރުއް ހުރެއެވެ. ނަމަވެސް އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އެ ރުށްތަކަށް ކޫޑިއާއި މަޑި އަރައި، ބަލި ޖެހުމެވެ. މިހެން ވަމުން އަންނަތާ ގާތްގަނޑަކަށް ތިން އަހަރު މިވަނީ ވެފައެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ އަންވަރު "ސަން"އަށް މިއަދު ވިދާޅުވީ، އެއީ މިވަގުތު އެރަށަށް ތިމާވެށިގެ ގޮތުން ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.

"މިހާރު މިއީ ކުމުންދޫއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަަލަ. މި ކަމެއް ދިމާވެގެން އުޅޭތާ ގާތްގަނޑަކަށް ތިން އަހަރުވަރު ވެއްޖެ. ދެން، އަޅުގަނޑުމެން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނީ މިކަން. އެ ބޭފުޅުން ވެސް ކޮންމެވެސް ވަރަކަށް އުޅުނު. ދެން ފަހުން މާބޮޑު އަޅާލުންތަކެއް ނެތް،" އަންވަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ރުއްތަކުގައި އަޅަން ފެށީ ކުދި މަޑިތަކެއްކަމަށެވެ. ކަޅު ކޫޑި އަޅަން ފެށީ އޭގެ ފަހުންކަމަށާއި މައްސަލަ ދިމާވާން ފެށީ އެހާ ހިސާބުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން އެ ރަށަށް ބޭނުންވާ މިންވަރަށް ކާއްޓާއި ކުރުނބާ ވެސް ނުލިބޭ ކަމަށާއި މިހާރު ޖެހެނީ އެ ތަކެތި ގަންނަންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހދ. ކުމުންދޫގެ ރުއްތަކުގައި ކޫޑި އަޅައި ހަލާކުވެފައި -- ފޮޓޯ/ ކުމުންދޫ ކައުންސިލް

ކުރިއަށް އޮތް ތަނުގައި ފަޅު ރަށްރަށުން ވެސް ކާއްޓާއި، ފަން ހޮވަން މަޖުބޫރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކާން ބޭނުންކުރާ ކާށި ވެސް ވަރަށް އަގުބޮޑުކޮށް މިހާރު މިކޮޅުން މި ލިބެނީ. އެހެންޏާ ކާށި ކަހަލަ އެއްވެސް އެއްޗަކީ އަޅުގަނޑުމެން ގަނެގެން ބޭނުންކުރާ އެއްޗެއް ނޫން މި ރަށުގައި. މި ރަށަށް ބޭނުންވާ ވަރަށް ލިބިފައި އަދި އިތުރުވެގެން ސަޓަޑޭ މާރުކޭޓަށް [ކުޅުދުއްފުށީ ހޮނިހިރު ބާޒާރު]އަށާއި މާލެއަށް ފޮނުވަން،" އޭނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ކާށީގެ އަގު ވެސް އެ ސަރަހައްދުގައި މި ދުވަސްވަރު ބޮޑު ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓަކައި އެންމެ ފުރަތަމަ މަސައްކަތްކުރީ އެގްރިކަލްޗާ މިނިސްޓްރީއާއެކުއެވެ. އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ބޭސް ޖެހުމުގެ މަސައްކަތް ކުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަަމަ އަޅުގަނޑުމެން ވާހަަކަދެއްކީ އެގްރިކަލްޗާ މިނިސްޓްރީއާ. ދެއްކީމާ އެ ބޭފުޅުން ވެސް ބޭސްތަކެއް ހިފައިގެން އައި މި ރަށަށް. ދެން އެކަމު ދިގު ރުށްރުށް ވީމާ އޭގެ އެދެވޭ ނަތީޖާއެއް ނުފެނޭ. އެގޮތަށް އެ ކަމެއް ހައްލެއް ނުވި. ދެން އެހެން ތިއްބާ މި އަޅަން ފެށީ ކަޅު ކޫޑި. ހީވަނީ ހަމަ ކަޅު ތެޔޮ ޖަހަފައި ހުންނަހެން، ދެބައި އެއްވީމާ ފަންތަކުގައ ހުންނަ ދިޔަކޮޅު ވެސް ހުންނަނީ ބޯލައިފައި،" އަންވަރު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ރޯދަ މަސްކަމަށްވުމާއެކު މިކަން ހައްލުނުވާނަމަ ކާށި ލިބުމުގައި ގިނަ ދަތިތަކާ ކުރިމަތިވާނެކަމަށް އަންވަރު ވިދާޅުވިއެވެ.

comment ކޮމެންޓް