ވަގަށް ކޯޓަށް ވަތް މީހަކު ހައްޔަރަށް, އެދުނީ ޖަލުގައި ބަންދުކޮށްފަ ބަހައްޓަން

ކްރިމިނަލް ކޯޓު: ޖުވެނައިލް ކޯޓަށް ވަގަށް ވަތް މީހަކު 15 ދުވަހަށް ވަނީ ޖަލަށް ލާފަ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުވެނައިލް ކޯޓަށް ވަގަތް ވަދެ އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޖަލުގައި ބަންދުކޮށްފަ ބެހެއްޓުމަށް އެދެފިއެވެ.

އައްޑޫ ސިޓީއަށް ނިސަބަތްވާ އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާއަށް ތުހުމަތުކުރަނީ ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިންކަމަށެވެ.

އެގޮތުން ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތަނުގެ ތެރެއަށް އޭނާ ވަދެ އަގުބޮޑު މުދާތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން 39 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބުނީ, އޭނާ އަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެއް ކަމަށާއި ދުވާލަކު އެވަރެޖްކޮށް ފަސް ފަހަރު ބާރުގަދަ ޑްރަގްސް (ހަކުރު) ބޭނުން ކުރެވޭ ކަމަށެވެ. ކުށްކުރެވޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ބުންޏެވެ.

މަސްތުވާތަކެތިން ދުރުވެ އިސްލާހުވެ ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނިކުތުމުގެ ގޮތުން އޭނާ އެދުނީ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް